"އުނބަށްޖެހި ވަޒީރުން"ގެ ނަމުގައި ޑީއާރުޕީން ރޭ ބޭއްވި މުޒާހަރާ އަށް ދެ ފަހަރެއްގެ މަތިން ކަރުނަގޭސް ޖަހައި މުޒާހަރާ ވަނީ ރޫޅާލައިފި އެވެ.


ރޭ ނުވައެއް ޖަހާކަންހާއިރު ހެންވޭރު އާޓިފިޝަލް ބީޗް ކުރިމަތިން، އެއްވުމެއްގެ ގޮތުގައި ފެށި މި މުޒާހިރާ ގަޑިއެއްހާއިރު ފަހުން މަޖީދީމަގުން ހުޅަނގަށް ހިނގައިގަތެވެ. އަދި މަޖީދީމަގުން ގޮސް އަލިކިލެގެފާނުމަގުން މުލީއާގޭ ފުރަގަރުން އެ ގެ ކައިރިއަށް ނިކުންނަން މަސައްކަތްކުރި އެވެ. ނަމަވެސް ލިލީމަގު ކަންމަތިން ފެށިގެން އަލިކިލެގެފާނު މަގުގެ މުލީއާގެއާވީ ސަރަހައްދު، ފުލުހުންނާއި ސިފައިން ބަންދުކޮށްފައި ވުމުގެ ސަބަބުން އަޑުގަދަކުރާ ހަރުކޮށްފައިވާ ޕިކަޕާ އެކީ މުލީއާގޭ ސަރަހައްދަށް މުޒާހަރާގެ ބައިވެރިންނަށް ދެވޭގޮތެއްނުވި އެވެ. ނަމަވެސް އެތައް ފަހަރަކު ސަލާމަތީ ސަފުތައް ފޫއަޅުވާލުމަށް ފަހު މުޒާހަރާގެ ބައިވެރިން އެތެރެއަށް ވަނުމަށް މަސައްކަތް ކުރި އެވެ. އަދި އެއާ އެކު ސަލާމަތީ ސަފުތަކާ އާއްމުންނާ ދެމެދު ކޮންވެސް ވަރަކަށް ހަމަނުޖެހުން ހިނގައި ބައެއްމީހުންނަށް އަނިޔާވި އެވެ.


އަލިކިލެގެފާނުމަގުން ކުރިއަށް ނުދެވުމުން މުޒާހަރާގެ ބައިވެރިން ދެން މިސްރާބުޖެހީ، ލިލީމަގުން ގޮސް ޗާނދަނީމަގަށް ނިކުމެ، ޗާނދަމީމަގުން ވެހިކަލް ދުއްވުމަށް ހަމަޖެހިފައިވާ އުސޫލާ ދެކޮޅަށް އެމަގުން އުތުރަށް ގޮސް ފަރީދީމަގުން އެއްޗެހި ދުއްވާ އުސޫލާ ވެސް އިދިކޮޅަށް އިސްލާމީ މަރުކަޒު ކުރިމަތިން ގޮސް މުލީއާގޭ ސަރަހައްދަށް ދިއުމަށެވެ. އެގޮތަށް ކުރިއަށް ދިއުމަށް ޕިކަޕާއި މުޒާހަރާގެ ބައިވެރިން އެ ސަރަހައްދަށް ދިއުމަށް ޓަކައި، ގައުމީ ދާރުލް އާސާރު ކުރިމަތިން ސަލާމަތީ ސަފުތައް ރޫޅައި ލުމަށް ފަހު ޗާނދަނީމަގާ ފަރީދީމަގާ ގުޅުނު ހަތަރު އަނގޮޅީގައި ކުޑައިރުކޮޅަކު މަޑުކުރުމަށް ފަހު، ޕިކަޕާ އެކު މުޒާހަރާގެ ބައިވެރިން ދިޔައީ ޖުމްހޫރީ މައިދާން ކުރިމަތިން އެއް ނަންބަރު ފާލަންކައިރިއަށެވެ.


މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ފުލުހުން ފުރަތަމަ ކަރުނަގޭސް ބޭނުންކުރީ، ޖުމްހޫރީ މައިދާނަށް ދިޔަ މީހުންގެ ތެރެއިން ބަޔަކު ފުލުހުންގެ މައި މަރުކަޒު ކައިރިއަށް އެއްވާން މަސައްކަތް ކުރުމާގުޅިގެން އެމީހުންނާ ދެކޮޅަށެވެ. ނަމަވެސް ޖުމްހޫރީ މައިދާން ކުރިމަތިން މަނިޓަރީ ބިލްޑިންގާ ހިސާބަށް އެތުރިފައިވާ މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ދެވަނަ ފަހަރަށް ކަރުނަގޭސް ބޭނުން ކުރުމަށް ފަހު ފުލުހުން  މުޒާހަރާ ރޫޅާލައިފައި ވަނީ ބާރަގަޑީ ބައިހާކަންހާއިރު އެވެ.


ފުލުހުން މުޒާހަރާ ރޫޅައިލުމުގައި ނުކިޔަމަންވި ހަތަރު މީހަކު ހިފަހައްޓައި އޭގެ ތެރެއިން ތިން މީހަކު ބިޑިއެޅުވުމަށް ފަހު ފުލުހުންގެ ވެހިކަލަށް އެރުވި އެވެ. ނަމަވެސް އިރުކޮޅެއް ފަހުން އެ މީހުންވަނީ ދޫކޮށްލައިފަ އެވެ. އަދި އެކަންތައްތަކުގެ ތެރޭގައި ގިނަ ބަޔަކަށް އެކިވަރުގެ އަނިޔާވި ނަމަވެސް ހަތަރު މީހަކަށް ސީރިއަސްއަނިޔާތަކެއްވި އެވެ. އޭގެ ތެރެއިން ދެ މީހަކަށް ވަނީ އޭޑީކޭ އިން އަދި އަނެއް ދެ މީހުންނަށް އަޖީއެމްއެޗުން ފަރުވާދީފަ އެވެ. އެ ހަތަރު މީހުންގެ ތެރެއިން އެކަކުގެ އަނގަމަތި ފަޅައިގެންގޮސް ދަތެއް ބިނދިފައިވާ އިރު އިތުރު މީހެއްގެ މޫނަށް ވަނީ ވަރަށްބޮޑަށް އަނިޔާވެފަ އެވެ.


ރޭގެ މުޒާހަރާގައި، ރައީސް ނަޝީދުގެ ކެބިނެޓަކީ، މަޖިލީޙުން ރުހުން ދީފައިނުވާ ޣައިރު ގާނޫނީ ކެބިނެޓެއް ކަމަށް ބުނެ ކެބިނެޓްގެ އިސްތިއުފާއަށް ގޮވައިފައިވެ އެވެ. އަދި ޑޮލަރު ހެޔޮ އަގުގައި ލިބޭނެ ކަމަށާއި ތަކެތީގެ އަގު އަތްފޯރާފަށަށް ގެންނާނެ ކަމަށް ރައީސް ނަޝީދު ވެވަޑައިގެންފައިވާ ވައުދުތައް ފުއްދަވާފައި ނުވާ ކަމަށާއި ރައީސް ނަޝީދަކީ ރައްޔިތުންނަށް ހިޔާނާތްތެރިވެވަޑައިގެންފައިވާ ބޭޅެއް ކަމަށް ވާތީ މިހާރުން މިހާރަށް އިސްތިއުފާ ދެއްވުމަށް ވެސް ގޮވަމުން ގެންދިޔަ އެވެ. އަދި ރައީސް ނަޝީދު ކަންތައްތައް ކުރައްވަނީ ގާނޫނީ އިމުން ބޭރުން ކަމަށާއި އެގޮތުން ރައްޔިތުންގެ މުދާތައް ނަހަމަ ގޮތުގައި ވިއްކަމުންދާ ކަމަށް ވެސް ގޮވަމުންދިޔަ އެވެ.  


މުޒާހަރާގެ ބައިވެރިންނަށް ފުލުހުން އިންޒާރު ދިނުމުން މުޒާހަރާގައި ބައިވެރިވެ ވަޑައިގެންނެވި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވިދާޅުވަމުން ގެންދެވީ މުޒާހަރާ ކުރުމަކީ ގަނޫނު އަސާސީން ލިބިދޭ ހައްގެއް ކަމަށެވެ. އަދި ވަކި ތަނެއްގައި މުޒާހަރާ ނުކުރެވޭނެ ކަމަށް ބުނާ ގަނޫނެއް ނޯންނާނެ ކަމަށާއި މުޒާހަރާކުރުމުގެ މިނިވަންކަން ދޭންޖެހޭނެ ކަމަށް ވެސް ވިދާޅުވަމުން ގެންދެވި އެވެ. އަދި ފުލުހުންނަށް އަމުރު ކުރެއްވުމަށް މިހާރު ހުންނެވި ހޯމް މިނިސްޓަރު މުހައްމަދު ޝިހާބަކީ، ޣައިރު ގާނޫނީ ގޮތުން އެ މަގާމުގައި ހުންނެވި ބޭފުޅެއް ކަމަށާއި ޝިހާބުގެ އަމުރަކީ ޣައިރުގާނޫނީ އަމުރެއްކަމަށް ވެސް ގޮވި އެވެ. އެހެންކަމުން ޝިހާބުގެ އަމުރަށް ކިޔަމަންވާން ނުޖެހޭނެ ކަމަށް ވެސް ގޮވި އެވެ.


މުޒާރޫޅައިލުމުން މުޒާހިރާގެ ބައިވެރިންގެ ތެރެއިން ބަޔަކު އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫމުގެ ލީޑަރު ރީކޯ މޫސާމަނިކުގެ ގޭދޮށަށް އެއްވަން މަސައްކަތްކުރި އެވެ. އެކަމާގުޅިގެން އެމްޑީޕީ ހަރުގެކައިރިއަށް އެ ޕާޓީ އަށް ނިސްބަތްވާ ބަޔަކު އެއްވެ ހަޅޭއްލެވި އެވެ. އަދި އެއާ ގުޅިގެން އަލިވާގޭ ދޮށަށް އެމްޑީޕީގެ މީހުން އެއްވުމަށް، އެ ވަގުތު ހަރުގޭގައި ހުންނެވި ރީކޯ މޫސާ މަނިކު ގޮވާލެއްވި އެވެ. ނަމަވެސް ޑިޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް މުހަންމަދު ރިޝްވާން އެ ސަރަހައްދަށް ވަޑައިގެން ވާހަކަ ދެއްކެވުމުން އެމީހުން އަލިވާގޭ ދޮށަށް އެއްވެފައެއްނުވެ އެވެ.


ޑީއާރުޕީގެ މުޒާހަރާގައި، އެ ޕާޓީގެ ނައިބު ލީޑަރު އަދި ގެމަނަފުށީ ދާއިރާގެ އިލްހާމް އަހްމަދާއި ވިލި މާފަންނު ދާއިރާގެ އަހްމަދު ނިހާނާއި ގަލޮޅު ދެކުނު ދާއިރާގެ އަހްމަދު މަހްލޫފައި ވައިކަރަދޫ ދާއިރާގެ އަލީ އާރިފު ބައިވެރިވެ ވަޑައިގެންނެވި އެވެ. އަދި މުޒާހަރާ ފެށުމުގެ ކުރިން ބޭއްވި އެއްވުގައި ޕާޓީގެ ލީޑަރު އަހްމަދު ތަސްމީން އަލީ އަދި ނާއިބު ލީޑަރު އަލީ ވަހީދާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ސަރުކާރަށް ފާޑުވިދާޅުވެ ރައީސް ނަޝީދުގެ އިސްތިއުފާއަށް ގޮވާފައިވެ އެވެ.