އިތުބާރު ނެތް ކަމުގެ ވޯޓުގެ މައްސަލައިގައި ކުރިއަށްދާނެ ގޮތެއް ކަނޑައެޅުމަށް އާންމު ކޮމެޓީއަށް ފޮނުވާފައި ވަނީ ވޯޓު ސިއްރު ނުކުރެވޭނެ ކަމަށް ސްޕްރީމް ކޯޓުން ކުރި ހުކުމް ދިރާސާ ކުރުމަށް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުން ބުނެފި އެވެ.

ރައްޔިތުން މަޖިލީސް އިދާރާއިން މިއަދު ނެރުނު ނޫސް ބަޔާނުގައި ބުނެފައި ވަނީ ސިއްރު ވޯޓު މައްސަލައިގައި ސްޕްރީމް ކޯޓުން ކުރި ހުކުމަށް ފަހު އެ މައްސަލަ އާންމު ކޮމެޓީއަށް ރިޔާސަތުން ފޮނުވާފައި ވަނީ ސްޕްރީމް ކޯޓުގެ ހުކުމާއި ގުޅިގެން މަޖިލީހުގެ ގަވާދަށް އެއްވެސް އިސްލާހެއް ގެންނަން ޖެހޭނަމަ އެކަމެއް ދިރާސާ ކުރުމަށް ފަހު މަޖިލީހުގެ ގަވާއިދުގެ މަތީން އެކަމާއި ގުޅޭ ރިޕޯޓެއް ތައްޔާރު ކުރުމަށް ކަމަށެވެ.

"އެ މަސްއޫލިއްޔަތަކީ ރައްޔިތުން މަޖިލީހުގެ ގަވާއިދުގެ 94 ވަނަ މާއްދާގެ ދަށުން އާންމު ކޮމެޓީގެ މަސްއޫލިއްޔަތެކެވެ. އެއްވެސް ހާލަތެއްގައި އެ މައްސަލަ އާންމު ކޮމެޓީއަށް ފޮނުވާފައި ވަނީ އިސްވެ ދެންނެވި ސްޕްރީމް ކޯޓު ހުކުމް ދިރާސާ ކުރެއްވުމަށް ނޫންނެވެ،" ބަޔާނުގައިވެ އެވެ.

މަޖިލީގެ ރައީސް އަބްދުﷲ ޝާހިދު ސިއްރު ވޯޓު މައްސަލައިގައި އަމަލުކުރައްވާފައިވަނީ ވެސް އަދި އަމަލުކުރައްވަމުން ގެންދަވަނީ ރައްޔިތު މަޖިލީގެ ގަވާއިދުގެ ބަޔާންކުރާ އުސޫލުތަކާއި ގަވާއިދުގެ މަތީން ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

ހަމަ އެހެންމެ އެ މައްސަލަ އާންމު ކޮމެޓީއަށް ފޮނުވާފައި ވަނީ ސިއްރު ވޯޓު މައްސަލައާއި ގުޅިގެން ދެން ގަވާއިދަށް އިތުރު ބަދަލެއް ގެންނަން ޖެހޭތޯ ބެލުން ކަމަށްވާއިރު ކަން ކޮށްފައި ވަނީ ސްޕްރީމްގެ ކޯޓުގެ ހުކުމަށް އިހްތިރާމް ކުރުމުގެ ގޮތުން ކަމަށް ވެސް ފާހަގަ ކޮށްފައިވެ އެވެ.

ވަޒީރުންގެ މައްޗަށް މަޖިލީހަށް ހުށަހަޅާ އިތުބާރު ނެތް ކަމުގެ ވޯޓު ސިއްރު ކުރުމަށް މަޖިލީހުން ފާސްކޮށްފައިވަނިކޮށް، ސްޕްރީމް ކޯޓުން ހުކުރި ހުކުމާ ގުޅިގެން މަޖިލީހުގައި އެ މައްސަލާގައި ވަރަށް ބޮޑަށް ހިޔާލުތަފާތުވުންތައް އުފެދިފަ އެވެ. އެ މައްސަލާގައި ހިޔާލު ތަފާތުވެފައި ވާތީ ދެ ވަޒީރެއްގެ މައްޗަށް އެޖެންޑާ ކުރި އިތުބާރު ނެތް ކަމުގެ މައްސަލަ ވެސް ވަނީ މަޑުޖައްސާލާފަ އެވެ.