14 Apr 2013, 14:34
ރައީސް އޮފީހުން ބާއްވާ އިވެންޓުތަކާއި ހަފުލާތަކާއި ޕްރެސް ކޮންފަރެންސްތަކަށް ދައުވަތު ދިނުމުގައި ރާއްޖެ ޓީވީއާމެދު ތަފާތު ނުކުރުމަށް ރައީސް އޮފީހުގެ މައްޗަށް ސިވިލް ކޯޓުން އަމުރުކޮށްފި އެވެ.
ސިވިލް ކޯޓުން މިއަދު ކުރި ހުކުމްގައި ބުނެފައި ވަނީ ރައީސް އޮފީހުން ރާއްޖެ ޓީވީއާ މެދު ތަފާތުކުރުންތައް ގެންގުޅޭކަން ދައުލަތުގެ ފަރާތުން ޝަރީއަތުގައި ދައްކާފައިވާ ވާހަކަތަކުން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.
ގާނޫނު އަސާސީގެ 27 ވަނަ މާއްދާ އިން ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ލިބޭއިރު 28 ވަނަ މާއްދާ އިން ނޫސްވެރިކަމުގެ މިނިވަންކަމާއި އަދި 29 ވަނަ މާއްދާ އިން މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ މިނިވަންކަން ލިބިގެންވާ ކަމަށެވެ. އަދި އެ ހައްގުތައް ހިމާޔަތްކޮށް ކުރިއެރުވުމަކީ ދައުލަތުގެ ޒިންމާއެއް ކަމަށް ގާނޫނު އަސާސީގައި ބުނެފައިވާ ކަމަށް ވެސް ސިވިލް ކޯޓުގެ ހުކުމްގައި ބުނެފައި ވެއެވެ.
އެ ހުކުމްގައި ބުނެފައި ވަނީ ރައީސް އޮފީހުގެ ސެކިއުރިޓީ ބަލަހައްޓަން ތިބޭ ފަރާތުގެ ހުއްދަ ނެތި ރާއްޖެ ޓީވީގެ ފަރާތުން އެ އޮފީހުގެ އެތެރޭގައި ތިބޭ މީހުން ވީޑިއޯކޮށް ހަދާ ކަމަށް ދައުލަތުގެ ފަރާތުން ބުނި ނަމަވެސް އެފަދަ އަމަލެއް ކޮށްފިނަމަ ރާއްޖެ ޓީވީގެ މައްސަލަ ބްރޯޑްކާސްޓިން ކޮމިޝަނަށް ހުށަހެޅުމުގެ ހައްގު ރައީސް އޮފީހަށް ލިބިގެންވާ ކަމަށެވެ.
ރައީސް އޮފީހުން ބާއްވާ އިވެންޓްތަަކަށް ހުރިހާ މީޑިއާތަކަށް ދައުވަތު ދިނުމަކީ ގާނޫނީގޮތުން ލާޒިމް ކަމެއް ނޫން ކަމަށް ދައުލަތުގެ ފަރާތުން ބުނިނަމަވެސް ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމާއި މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ މިނިވަންކަން ލިބިދިނުމުގައި ތަފާތުކޮށްގެން ނުވާނެ ކަމަށް ގާނޫނު އަސާސީގެ 17 ވަނަ މާއްދާގައި ބުނެފައިވާކަމަށް ވެސް އެ ހުކުމްގައި ބުނެފައިވާކަމަށެވެ. އެހެންކަމުން ގާނޫނު އަސާސީން ވާޖިބުކޮށްފައިވާ ކަމެއް އިޚްތިޔާރީ ކަމެއްގެ ގޮތުގައި ނުހެދޭނެ ކަމަށް ސިވިލް ކޯޓުން މިއަދު ކުރި ހުކުމްގައި ބުނެފައި ވެއެވެ.
ރައީސް އޮފީހުގެ އިތުރުން ފުލުހުން ވެސް ރާއްޖެ ޓީވީއަށް އެއްބާރުލުން ނުދޭން ނިމުމުން އެ ސްޓޭޝަނުން ފުލުހުންގެ މައްޗަށް ވެސް ދައުވާ ކުރި އެވެ. އެ މައްސަލައިގައި ވެސް ސިވިލް ކޯޓުން ހުކުމްކޮށްފައި ވަނީ އެއީ ގާނޫނު އަސާސީއާ ޚިލާފަށް ފުލުހުން ނިންމާފައިވާ ނިންމުމެއް ކަމަށެވެ.