14 Apr 2013, 12:59
ކުރީގެ ޕޮލިސް ކޮމިޝަނާ އާދަމް ޒާހިރު މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖައިޒް ފައިދާ ހޯދާފައިވާ ކަމަށް ބުނެ ކޮރަޕްޝަނުގެ ދައުވާ ކޮށްދިނުމަށް އެންޓިކޮރަޕްޝަންސް ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހަށް ފޮނުވައިފި އެވެ.
އޭސީސީން ނެރުނު ބަޔާނެއްގައ ބުނެފައިވަނީ އާދަމް ޒާހިރުގެ ޕޮލިސް ކޮމިޝަނަރު ކަމުގައި ހުންނަވައިގެން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް 65،000 އަށް ވުރެ ގިނަ ރުފިޔާ ފުލުސް އޮފީހުގެ ބަޖެޓުން ނަންގަވާފައިވާކަން އެ ކޮމިޝަނަށް ސާބިތުވާތީ އެ މައްސަލައިގައި ދައުވާ ކޮށްދިނުމަށް ޕީޖީ ފޮނުވާފައިވާ ކަމަށެވެ.
އޭސީސީން މައުލޫމާތުދިން ގޮތުގައި 2008 ވަނަ އަހަރު ފުލުހުންގެ އަހަރީ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ރަސްމިޔާތަކަށް އިނގިރޭސިވިލާތުގެ މެންޗެސްޓާގައި ހުންނެވި ޕޮލިސް ކޮމިޝަނާ އާދަމް ޒާހިރުގެ އަނބިކަނބަލުން ގެންނެވި ކަމަށް ބުނެ އެ ދަތުރުތަކުގެ ހަރަދުގެ ގޮތުގައި މޯލްޑިވްސް ޕޮލިސް ސާވީސްއިން 65817.70 ( ފަސްދޮޅަސް ފަސްހާސް އަށްސަތޭކަ ސަތާރަ ޕޮއިންޓް ހަތެއް ސުމެއް ) ރުފިޔާ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ވަނީ ނަގާފަ އެވެ.
އޭސީސީން ބުނީ އާދަމް ޒާހިރުގެ އަނބިކަނބަލުން އިނގިރޭސި ވިލާތުގެ މެންޗެސްޓާގައި ހުންނަވަނިކޮށް ފުލުހުންގެ ހަފްލާއަކަށް އެމެރެއިންޓްސް އެއާލަންގައި މާލެ ގެނެސް، ގެންދިއުމަށް ފުލުސް އޮފީހުން ފައިސާ ދޫކޮށްފައިވީ ނަމަވެސް ސްލިޕްގައިވާ ތާރީހުގައި ޒާހިރު އަންހެނުން ހުންނެވީ މާލޭގައި ކަމަށެވެ.
އަދި އެ އަހަރުތެރޭގައި އެމެރައިޓްސް އިން ޒާހިރު އަންހެނުން ވެސް ދަތުރުކޮށްފައިނުވާއިރު ފުލުހުންގެ ބަޖެޓުން އެ ފައިސާ ހޯދާފައިވަނީ އެމެރެއިންޓްސް އިން ހޯދައިފައިވާ އަގު ބަޔާންކުރާ ސްލިޕަކަށް ކަމަށާއި އެ ފައިސާ ފުލުހުންގެ ބަޖެޓުން ދޫކޮށްފައި ވަނީ ދަތުރުތައް ކޮށްފައިވާކަން އެނގޭނެ އެއްވެސް ލިއުމެއް ނެތިކަމަށް އެކޮމިޝަނުން ބުނެފައިވެ އެވެ.
ފުލުހުންގެ ބަޖެޓުން ހަރަދުކޮށްގެން ޒާހިރު އަނބިކަނބަލުން ގެނައުމަށް ކުރަން ޖެހޭ ހަރަދުތައް ކުރުމަށް ޕޮލިސް ކޮމިޝަނަރެއްގެ ހައިސިއްޔަތުން ޒާހިރު ހުއްދަ ދެއްވުމަށް ފަހު ފުލުހުންގެ ބަޖެޓުން އެ ފައިސާ ދޫކުރުމުން އެ ފައިސާ ނަންނަގަވާފައިވަނީ ވެސް އާދަމް ޒާހިރުކަން އެނގެން އޮތްއިރު އެ އަހަރު ފުލުހުންގެ ބަޖެޓްގައި އެ ހަރަދު ހިމަނާފައިނުވާ ކަމަށް ބުނެފައިވެ އެވެ އަދި ޒާހިރު އަނބިކަނބަލުން ދަތުރުކޮށްފައި ވަނީ ރާއްޖެއިން ފަތުރުވެރިން ގެނައުމަށް އަމިއްލަ ފަރާތަކުން ޗާޓާކުރި ފްލެޓަކުން ކަމަށާއި އެކަން ސިއްރުކޮށް އޭގެ ބަދަލުގައި ދަތުރުނުކުރާ ފްލައިޓެއްގެ އަގު އޮޅުވާލައިގެން ހުށަހެޅުމަށް ފަހު އެ އަދަދަށް ފައިސާ ނެގުމަކީ ކޮރަޕްޝަނުގެ އަމަލެއް ކަމަށް އެ ކޮމިޝަނުން ސާބިތުވާ ކަމަށް ވަނީ ބުނެފަ އެވެ.