14 Apr 2013, 12:40
"ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ބިލު" ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު މިއަދު ތަސްދީގު ކުރައްވައިފި އެވެ. މި ބިލް ތަސްދީގު މިހާރު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިއު ކޮށްފަ އެވެ.
މިއީ 2013 ވަނަ ވަނަ އަހަރުގެ މާޗް މަހުގެ 26 ވަނަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ 10 ވަނަ ޖަލްސާއިން ފާސްކުރި މި ޤާނޫނަކީ ދިވެހިރާއްޖޭގައި ހިންގާ އެންމެ ކުދި ވިޔަފާރި އާއި ކުދި ވިޔަފާރި އާއި މެދު ފަންތީގެ ވިޔަފާރި ކުރިއަރުވައި ތަރައްގީކުރުމަށްޓަކައި ބޭނުންވާ އޮނިގަނޑު އެކަށައަޅައި، ކަމާގުޅޭ އުސޫލުތައް ބަޔާންކުރުމުގެ ޤާނޫނެވެ.
މިގާނޫނުގެ މައިގަނޑު މަގުސަދުތަކުގެ ތެރޭގައި އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިއަށް ފަހި މާހައުލެއް ދިވެހިރާއްޖޭގައި ގާއިމުކޮށް، ދިވެހިރާއްޖޭގެ އިގުތިސާދުގައި އެ ވިޔަފާރިތަކުގެ ދައުރު ފުޅާކޮށް، އެވިޔަފާރިތަކަކީ ގައުމީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި ވާދަވެރި އަދި ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީވުމުގެ ގާބިލުކަން ލިބިފައިވާ ވިޔަފާރިތަކަކަށް ހެދުމަށް މަގުފަހިކުރުން ހިމެނެ އެވެ. އަދި އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގައި ދިގުމުއްދަތުގެ ވަޒީފާގެ ފުރުސަތުތައް އިތުރު ކުރުމަށް މަގުފަހިކުރުމާއި، މެދު ފަންތީގެ އާމްދަނީ ލިބޭ ފަރާތްތައް އިތުރުކުރުން ހިމެނެ އެވެ.
އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އަސަރުކުރާ ސަރުކާރުގެ ސިޔާސަތުތަކާއި އެވިޔަފާރިތަކާ ގުޅޭގޮތުން ސަރުކާރުން ހިންގާ ޕްރޮގްރާމްތަކާއި ހަރަކާތްތައް ވިލަރެސްކޮށް، ހިނގާ ނުހިނގާގޮތް ބަލައި، ވަޒަން ކުރެވޭނެ ގޮތްތައް ގާއިމު ކުރުމާއި، ވިޔަފާރި ހިންގުމާއި، މާލީ ގާބިލުކަމާއި، ހުނަރާއި ތަޖުރިބާއާއި އެފަދަ އެހެން ކަންކަމުގައި، އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި ދިވެހިރާއްޖޭގައި ހިންގާ ބޮޑެތި ވިޔަފާރިތަކާ ދެމެދުގައި އޮތް ފަރަގު ކުޑަ ކުރުން ވެސް ހިމެނެ އެވެ.
ހަމައެއާއެކު، އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިއާގުޅޭ ދިރާސާތައް ހެދުމާއި ސިޔާސަތުތައް ކަނޑައެޅުމަށްޓަކައި ބޭނުންވާނެ މައުލޫމާތު އެއްކޮށް ބެލެހެއްޓުމާއި، އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރި މަރުކަޒީކޮށް ރަޖިސްޓަރީ ކުރުމުގެ ނިޒާމެއް އެ ގާނޫނުގެ މައިގަނޑު މަގުސަދުތަކުގެ ތެރޭގައި ހިމެނެ އެވެ.