ތަރައްގީގެ މަޝްރޫއުތައް ކުރިއަށްދާއިރު، އެންމެ މުހިންމުކަމަކީ، އަޅުގަނޑުމެންގެ ދަރިންނަށް ރަނގަޅު ފެންވަރެއްގެ ތައުލީމެއްދީ، ސްކޫލްތަކުން ރަނގަޅު ނަތީޖާތަކެއް ހާސިލުކޮށްގެން، ކުދިން ނުކުތުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ރ. އަތޮޅުގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އިއްޔެ އެ އަތޮޅު ދުވާފަރަށް ވަޑައިގެން، އެ އަތޮޅު ގުރުއާން މުބާރާތުގެ ނަތީޖާ ފާޅުކުރުމާއި، އިނާމު ދިނުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ދުވާފަރު ސްކޫލުގައި އިއްޔެ މެންދުރު ބޭއްވި އެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މުބާރާތުގެ އެކި ވަނަތައް ހާސިލުކުރި ހުރިހާ ދަރިވަރުންނަށް ތަހުނިޔާ ވިދާޅުވެ، އެކުދިން ކުރި ހިތްވަރަށް ތައުރީފު ކުރެއްވިއެވެ. އަދި ކީރިތި ގުރުއާން ކިޔެވުމުގައި، ކުރިމަގުގައި އަބަދުވެސް ފަރުވާތެރިކަމާއެކީގައި، ހިންމަތާއެކު މަސައްކަތް ކުރަމުން ގެންދިޔުމަށް ރައީސުލްޖުމްހޫރިއްޔާ، ދަރިވަރުންނަށް ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ.

އެ ކާމިޔާބު ނަތީޖާ ހޯދައިދިނުމަށްޓަކައި މުދައްރިސުންނާއި ބެލެނިވެރިން، ދަރިވަރުންނަށް ކޮށްދެއްވި ބުރަ މަސައްކަތްތައް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި އެ ނަތީޖާއިން އިބްރަތް ހާސިލުކޮށް، އެ ނަތީޖާއަށް ބިނާކޮށްގެން ކުދިންގެ ގުރުއާން ކިޔެވުމުގެ ފެންވަރު އިތުރަށް ރަނގަޅު ކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އެ މުބާރާތް މިހާ ފުރިހަމަ ގޮތެއްގައި ކުރިއަށް ގެންގޮސްދެއްވީތީ، ދުވާފަރުގެ ހުރިހާ ރައްޔިތުންނަށް މަރުޙަބާ ވިދާޅުވިއެވެ. އަދި އެ މުބާރާތް ކުރިއަށް ގެންދެވުމަށް ރައްޔިތުން ކުރެއްވި ބުރަ މަސައްކަތްތަކުން، ރަށުގެ ރައްޔިތުންނަކީ، ދީނީ ކަންކަމަށް ވަރަށް ލޯބިކުރައްވާ، ވަރަށް އިޙްތިރާމް ކުރައްވާ، ވަރަށް ގަދަރުކުރައްވާ ބައެއްކަން ދޭހަވެގެން ހިނގައްޖެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.