ވަޒީފާގައި 10 އަހަރު ނުވާ ނަމަ އަހަރެއްގެ ތެރޭގައި 30 ދުވަހުގެ ޗުއްޓީ ދީގެން ނުވާނެ ކަމަށް ބަޔާންކޮށް، އަހަރީ ޗުއްޓީ 20 ދުވަހަށް ކުޑަކުރަން ވަޒީފާއާ ބެހޭ ގާނުނަށް އިސްލާހު ގެނައުމަށް މަޖިލީހަށް ފޮނުވި އިސްލާހު މަޖިލީހުގެ ތަޅުމަށް ހުށަނާޅާން ނިންމައިފި އެވެ.

ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އަބްދުލް އަޒީޒު ޖަމާލު އަބޫބަކުރު މަޖިލީހަށް ފޮނުއްވި އިސްލާހު އަނބުރާ ގެނައުމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުން އޭނާއަށް ވަނީ މިއަދު އަންގާފަ އެވެ. އަދި އެ އިސްލާހު މިއަދު އަނބުރާ ގެންނަވާނެ ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަބްދުﷲ ޔާމިންގެ އަރިހުގައި އަބްދުލް އަޒީޒު ޖަމާލު ވަނީ ވިދާޅުވެފަ އެވެ.

ސަންއަށް މައުލޫމާތު ދެއްވަމުން އަބްދުލް އަޒީޒު ޖަމާލު އަބޫބަކުރު ވިދާޅުވީ އެ ބިލާމެދު އެކި ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާތީ އެ ބިލް މަޖިލީހަށް ހުށަހަޅުއްވަން ބޭނުންފުޅު ނުވާ ކަމަށެވެ. އަދި ވިދާޅުވީ އެ ބިލާ ބެހޭ ގޮތުން މީޑިއާގައި ދެކެވެމުންދާ ވާހަކަތަކަކީ މުޅިން ރަނގަޅު ވާހަކަތަކެއް ނޫން ކަމަށާއި އެ ބިލުގެ މަގުސަދަކީ ހަމައެކަނި އަހަރީ ޗުއްޓީ ކުޑަ ކުރުން ނޫން ކަމަށާއި އެ ބިލުގެ މަގުސަދަނީ ޗުއްޓީއަށް ދިއުމުން ލިބެންޖެހޭ އިނާޔަތްތަކާއި މުސާރައިގެ ބައެއް ނުލިބުމުން މަހުރޫމް ވަމުންދާތީ އެ މައްސަލައަށް ހައްލު ހޯދުމަށް ހުށަހެޅި ބިލެއް ކަމަށެވެ.

"ވަޒީފާ އަދާ ކުރާ މީހުންގެ ހައްގުގައި އެ މީހުންގެ ރަނގަޅަކަށް އަދި ގައުމުގެ ހެވަށް އަޅުގަނޑު ފޮނުވި ބިލެއް އެއީ. އެކަމަކު މީޑިއާއިން އެ ބިލުގެ ވަކި ކަންތައްތަކެއް ފާހަގަ ކުރި ގޮތަކުން އެ ބިލް ރައްޔިތުން ބަލައި ނުގަތް،" އަހަރީ ޗުއްޓީ 20 ދުވަހަށް ކުޑަކުރާ ބިލް މަޖިލީހަށް ފޮނުއްވެވި މާވަށު ދާއިރާގެ މެންބަރު އަބްދުލް އަޒީޒު ޖަމާލު އަބޫބަކުރު ވިދާޅުވި އެވެ.

ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ފޮނުވި ބިލުގައި ބުނަނީ މެދު ނުކެނޑި ވަޒީފާ އަދާކުރާތާ ފަސް އަހަރު ދުވަހުގެ ތެރޭގައި އަހަރީ ޗުއްޓީގެ ގޮތުގައި ލިބޭނީ 20 ދުވަހުގެ ޗުއްޓީއެއް ކަމަށެވެ. އަދި ފަސް އަހަރު އަހަވުމުން ކޮންމެ އަހަރަކު 25 ދުވަހުގެ އަހަރީ ޗުއްޓީއެއް ލިބިގެންދާނެ ކަމަށާއި 10 އަހަރުވުމުން 30 ދުވަހުގެ އަހަރީ ޗުއްޓީއެއް ކޮންމެ އަހަރަކު ލިބޭނެ ކަމަށެވެ. އަދި ވަޒީފާ އަދާ ކުރާތާ 20 އަހަރު ފުރުމުން ކޮންމެ އަހަރަކު 35 ދުވަހުގެ ޗުއްޓީއެއް ލިބޭނެ ކަމަށް ވަޒީފާއާ ބެހޭ ގާނޫނުގެ 39 ވަނަ މާއްދާ އަށް ހުށަހެޅި އިސްލާހުގައި ބުނެ އެވެ.

މިހާރު އަމަލު ކުރަމުންދާ ވަޒީފާއާ ބެހޭ ގާނޫނުގެ 39 ވަނަ މާއްދާގައި ބުނަނީ ވަޒީފާ އަދާ ކުރާތާ އެއް އަހަރު ފުރިފައިވާ ނަމަ ކޮންމެ އަހަރަކު، އަހަރީ ޗުއްޓީގެ ގޮތުގައި 30 ދުވަސް ލިބޭނެ ކަމަށެވެ.

އަހަރީ ޗުއްޓީ ނުނަގާ އަހަރުތަކުގެ ޗުއްޓީ ވެސް ހިނގާ އަހަރުގައި ބޭނުން ކުރެވޭނެ ކަމަށް ގާނޫނަށް ހުށަހެޅި އިސްލާހުގައި ބުނެ އެވެ. އެ ގާނުނުގެ 41 ވަނަ މާއްދާގެ (ހ)އަށް ހުށަހެޅި އިސްލާހުގައި ބުނަނީ އެއްވެސް ސަބަބަކާ ހުރެ އަހަރީ ޗުއްޓީ ނުގެގިއްޖެ ނަމަ، ނުވަތަ އަހަރީ ޗުއްޓީ ނުނަގައި ފަސްކުރުމަށް މުވައްޒަފަކު އެދޭ ނަމަ ދެ އަހަރު ދުވަހުގެ އަހަރީ ޗުއްޓީ ޖަމާކޮށްގެން އެއްކޮށް ނެގިދާނެ ކަމަށެވެ. އިސްލާހު ހުށަހަޅާފައިވާ ގޮތުން އަހަރީ ޗުއްޓީ ޖަމާ ކުރެވޭނީ ދެ އަހަރު ދުވަހުގެ ޗުއްޓީ އެކަންޏެވެ.

އަހަރު ދުވަހުގެ ތެރޭގައި ބަލިވެގެން ސަލާމުގެ ގޮތުގައި ގިނަވެގެން ބުނެވޭނީ 35 ދުވަސް ކަމަށް ގާނޫނަށް ހުށަހެޅި އިސްލާހުގައި ބުނެ އެވެ. ނަމަވެސް މިހާރު އަމަލު ކުރަމުންދާ ގާނުނުގައި ބުނަނީ ސަލާމުގެ ގޮތުގައި އަހަރެއްގެ ތެރޭގައި ބުނެވޭނީ 30 ދުވަހު ކަމަށެވެ.