އައިޖީއެމްއެޗް ހޮސްޕިޓަލަށް މިދޭތެރެއިން ހޭނައްތާ ޑޮކްޓަރެއްގެ ދަތިކަން ދިމާވެފައިވީނަމަވެސް މިހާރު އެމައްސަލަ ކޮންމެވެސް ވަރަކަށް ހައްލުވެފައިވާ ކަމަށާއި އެހެންނަމަވެސް މިހާރު ކުޑަކުދިންގެ ޑޮކްޓަރުންގެ ދަތިކަން އެހޮސްޕިޓަލަށް ވަރަށް ބޮޑަށް ދިމާވެފައިވާކަމަށް އައިޖީއެމްއެޗް ހޮސްޕިޓަލުން ބުނެފިއެވެ.

ހޭނައްތާ ޑޮކްޓަރެއް ނެތުމުގެ ދަތިކަން އެ ހޮސްޕިޓަލަށް މިދިޔަ މަހުގެ ތެރޭގައި ވަރަށް ބޮޑަށް ދިމާވެފައިވީއިރު އެ ހޮސްޕިޓަލުން އާންމު އޮޕަރޭޝަންތައް ކުރުން މަޑުޖައްސާލައި، މުޅިން ވެސް އޭރު ކޮށްދީފައިވަނީ އެމަޖެންސީ އޮޕަރޭޝަންތައް އެކަންޏެވެ.

އައިޖީއެމްއެޗްގެ ޒިންމާދާރު އިސްވެރިޔާ ޑރ. މުހައްމަދު ހަބީބު މިއަދު ސަން އޮންލައިނަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މީގެ ދުވަސްކޮޅެއް ކުރިން ހޭނައްތާ ޑޮކްޓަރުންގެ ދަތިކަން ދިމާވިއިރު އެހޮސްޕިޓަލުގައި ތިބީ ދެ ޑޮކްޓަރުން ކަމަށާއި މިހާރު ހޭނައްތާ ހަތަރު ޑޮކްޓަރުން އެބަތިބިކަމަށާއި އެހެންކަމުން އެމެޖެންސީ އޮޕަރޭޝަންތަކުގެ އިތުރުން މިހާރު ޝެޑިއުލް އޮޕަރޭޝަންތައް ވެސް ކުރިއަށްގެންދާ ކަމަށެވެ.

"މިހާރު މިކޮޅުގައި ހުންނެވީ އަލަށް ގެނައި ހޭނައްތާ އެއް ޑޮކްޓަރާއި މިކޮޅުގައި އުޅުއްވަނިކޮށް ކަކުލަށް ލިބުނު ގެއްލުމަށް ފަރުވާ ހޯދުމަށްފަހު އަނބުރާ އައި ޑޮކްޓަރާއި ކުރިން މިކޮޅުގައި ތިބި ދެ ޑޮކްޓަރުން" ޑރ. ހަބީބު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޝެޑިއުލް އޮޕްރޭޝަންތައް ކުރިއަށް ގެންދިޔަނަމަވެސް ކޮންމެވެސް ވަރަކަށް ކޮންޓްރޯލް ހިފަހައްޓާކަމަށާއި އަދި އިތުރު ޑޮކްޓަރުން ހޯދުމުގެ މަސައްކަތް މިހާރު ވަރަށް ބޮޑަށް ކުރަމުންދާކަމަށެވެ.

ކުޑަކުދިންގެ ޑޮކްޓަރުން މަދުކަން ފާހަގަކުރަމުން ޑރ. ހަބީބް ވިދާޅުވީ މިވަގުތު އެހޮސްޕިޓަލުގައި ތިއްބެވީ ކުޑަކުދިންގެ ހާއްސަ ދެ ޑޮކްޓަރުން ކަމަށާއި އެހެންކަމުން ކުޑަކުދީންގެ ހާއްސަ ޑޮކްޓަރުން މިހާރު ބަލަނީ ހަމައެކަނި އެޑްމިޓް ކޮށްގެން ފަރުވާ ދޭ ކުދީން ކަމަށާއި އެހޮސްޕިޓަލަށް އަލަށް ދައްކަން އަންނަ ކުޑަކުދިން ބެލުމަށް ކުޑަކުދިންގެ ހާއްސަ ޑޮކްޓަރަކު މިހާރު އެހޮސްޕިޓަލުގައި ނުހުންނަވާނެ ކަމަށެވެ. ޑރ. ހަބީބް ވިދާޅުވީ ވިދާޅުވީ އެހޮސްޕިޓަލަށް އިތުރު ޑޮކްޓަރުން ހޯދުމުގެ މަސައްކަތް ވަރަށް ބޮޑަށް ކުރާކަމަށާއި ނަމަވެސް ޑޮކްޓަރުން ލިބުމުގައި ވަރަށް ބޮޑެތި ދަތިތަކެއް އެބަހުރި ކަމަށެވެ.