20 Oct 2010, 04:44
ގދ. ތިނަދޫ ހުޅަނގު އުތުރުން 11 ވަރަކަށް މޭލު ބޭރުން، ހާލުގައި ޖެހިފައިވާ ސްރީލަންކާގެ މަސްބޯޓެއް ފެނިއްޖެ އެވެ.
އެމްއެންޑީއެފްގެ ލެފްޓިނެންޓް އަބްދުﷲ އަލީ މިއަދު ވިދާޅުވީ އެ މަސް ބޯޓް ފެނިފައި ވަނީ މިއަދު ހެނދުނު 8:30 ހާއިރު، އެ ސަރަހައްދަށް މަސްވެރިކަމަށް ނުކުމެ އުޅުނު ގއ. ދެއްވަދޫގެ މަސް ދޯންޏަކަށް ކަމަށެވެ. އަދި އެ ބޯޓު ފެނުމާ އެކު އެމީހުން އެ ބޯޓާ ކައިރި ކުރި ކަމަށާއި އެބޯޓާ ކައިރި ކުރި އިރު އެ އުޅަނދުގައި ސްރީލަންކާގެ އެކަކު ހުރި ކަމަށް ވެސް އަބްދުﷲ އަލީ ވިދާޅުވި އެވެ.
" އެމީހާގެ ހާލު ވެސް ވަރަށް ދެރަ. އެމީހާގެ އިޝާރާތުން ދެއްކި ވާހަކައިން އޭނާ އާ އެކު އެބޯޓުގައި އިތުރު ހަތަރު މީހަކު އުޅުނު [ކަން އެނގޭ]. ނަމަވެސް އެމީހުން މަރުވެގެން ކަނޑަށް އެއްލާލާފައިވާ ކަމަށް އޭނާގެ ވާހަކަ އިން ދޭހަވޭ" އަބްދުﷲ އަލީ ވިދާޅުވި އެވެ.
އެ މަސް ބޯޓުގައި މަސް ހިފުމަށް ބޭނުން ކުރާ ދަލާއި އެފަދަ ބައެއް އެއްޗެހި ހުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެމްއެންޑީއެފުން ބުނީ މިހާރު އެމީހާ ދެއްވަދޫ ދޯންޏަށް ނަގާފައިވާ ކަމަށާއި އެބޯޓާއި އެމީހާ މާލެ ގެނައުމުގެ މަސައްކަތް ފުލުހުންނާއި ސިފައިން ގުޅިގެން ކުރަމުން އަންނަ ކަމަށެވެ.
ގާތްގަނޑަކަށް 10 ވަރަކަށް މީޓަރުގެ އެ ބޯޓުގައި އެއްވެސް ވަރަކަށް މަސް ހުރިތޯ އަދި އެބޯޓަކީ ގަވާއިދާ ހިލާފަށް ރާއްޖޭގެ ސަރަހައްދަށް ވަދެގެން އުޅުނު ބޯޓެއް ކަމެއް އަދި ވިދާޅުވާން ދަތި ކަމަށްވެސް އަބްދުﷲ އަލީ ވިދާޅުވި އެވެ.