14 Apr 2013, 10:36
ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވި އުމަރު ނަސީރު އެ ޕާޓީގެ އަސާސީ ގަވާއިދާ ޚިލާފަށް ޖަލްސާއެއް ބާއްވައި، އެ ޖަލްސާގައި ހަގީގަތާ ޚިލާފް ވާހަކަތަކެއް ދެއްކެވި ކަމަށް ބުނެ ޕަބްލިކްގައި މާފަށް އެދުމަށް އުމަރު ނަސީރަށް ޕީޕީއެމުން ދިން ފުރުސަތު ހަމަވުމާ ގުޅިގެން އޭނާއާ މެދު މިއަދު ފިޔަވަޅު އަޅާނެ ކަމަށް ޕީޕީއެމުން ބުނެފި އެވެ.
ޕީޕީއެމްގެ ސުލޫކީ ކޮމިޓީގެ މުގައްރިރު އަދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު އަބްދުލް އަޒީޒު ޖަމާލު އަބޫބަކުރު މިއަދު ވިދާޅުވީ މިއަދު 4:30 ގައި ބާއްވާ އެ ކޮމިޓީގެ ބައްދަލުވުމުގައި އުމަރާއި މެދު އަޅާނެ ފިޔަވަޅެއް ކަނޑައަޅާނެ ކަމަށާއި އަޅާނެ ފިޔަވަޅެއް ނިންމާނީ އެމައްސަލައިގެ ކުޑަ ބޮޑު މިނަށް ބަލައިގެންނެވެ.
" މިއަދު ކޮމިޓީން އެކަމުގައި ގޮތެއް ނިންމާނެ، އެކަމުގައި އަޅާނެ ފިޔަވަޅެއް ނިންމާނީ މައްސަލައިގެ ކުޑަ ބޮޑު މިނަށް ބަލައިފައި ތަރުތީބުން ވެސް އަދި ތަރުތީބު އޮޅުވައިލައިގެން ވެސް ފިޔަވަޅު އެޅިދާނެ ކަމަށް ގަވާއިދުގައިވޭ،" އަބްދުލް އަޒީޒު ވިދާޅުވި އެވެ.
ޕީޕީއެމްގެ ސުކޫލީ ކޮމިޓީގެ ގަވާއިދުގެ ދަށުން އެ މައްސަލާގައި އުމަރާ މެދު އެޅިދާނެ ކަމަށް ކަނޑައަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ޕާޓީގެ ސިޔާސީ ހަރަކާތްތަކުން ސަސްޕެންޑް ކުރުމާއި އިންޒާރު ދިނުމާއި ޖޫރިމަނާ ކުރުމާއި، ޕާޓީގެ މަގާމުތަކުން ވަކިކުރުމާއި ޕާޓީން ވަކިކުރުމާއި ނަސޭހަތް ދިނުން މިއިން ކޮންމެ ކަމަކީ ވެސް ކުރެވިދާނެ ކަންކަމެވެ.
މައާފަށް އެދުމަށް ޕީޕީއެމުން އުމަރަށް އެންގުމުން އުމަރު ވިދާޅުވެފައި ވަނީ އެ ޖަލްސާގައި ދެއްކެވި އެއްވެސް ވާހަކައެއްގެ ސަބަބުން އޭނާ މާއާފަށް އެދެން ޖެހޭ ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށެވެ.
ތަކުރާރުކޮށް އުމަރު ވިދާޅުވަމުން ގެންދަވަނީ މައާފަށް އެދެންޖެހޭނީ ޕްރައިމަރީގައި ވޯޓުއޮޅުވާލައި މަކަރުހެދި މީހުން ކަމަށެވެ.