ބްރައިޑް މޯލްޑިވްސްގެ ފަރާތުން ކޮންމެ އަހަރަކު ފެޝަން ޑިޒައިނަރުންގެ ފަރުމާކުރުންތައް ދައްކުވައިލުމަށް ބާއްވާ ހާއްސް ޝޯ "ޑިޒައިނާސް ވީކް 2013" ރޭ ދަރުބާރުގޭ ދޮށިމޭނާ މާލަމުގައި ބާއްވައިފި އެވެ.

ޑިޖިޓަލް ސްޓޫޑިއޯ، ލޭކޮކާ، މިޝްކާ، މިއުޒިކް ވޯލްޑް އަދި ވީމީޑިޔާގެ އެހީތެރިކަމާއެކު ބްރައިޑް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ބޭއްވި ޑިޒައިނާސް ވީކްގައި މިފަހަރު ވެސް ވަނީ އަންހެން ބޭފުޅުންނާއި، ކުޑަކުދިން ތަފާތު ހަފްލާ ތަކުގައި ތުރުކުރެއްވުމަށް ހާއްސަ ރީތި ފަރުމާތައް ދައްކާލާފަ އެވެ. އެގޮތުން މިފަހަރު ވެސް "ރަހޫގެ ކަލެންކްޝަން"ގެ ނަމުގައި ކުޑަކުދިންނަށް ހާއްސަ ރީތި ހެދުންތަކާއި ސެންޑީގެ ހެދުންތައް ވެސް ދައްކާލާފައިވެ އެވެ. އަދި ކައިވެނި ހަފުލާ ތަކާއި އެހެނިހެންވެސް ހަފްލާތަކަށް ހާއްސަ ހެދުން ތަކުގެ ފަރުމާތައް ރޭގެ ޝޯގައި ދައްކާލާފައިވެ އެވެ.

ރާއްޖޭގެ މަޝްހޫރު މިއުޒިކް ބޭންޑެއް ކަމަށްވާ "ދަ ފައިވް"ގެ ރީތި މިއުޒިކާއި ލަވަތަކާ އަދި ބޮޑުބެރު ގްރޫޕް "ހަބޭސް"ގެ ފޯރިގަދަ ބޮޑުބެރު ލަވަތަކާއެކު ކުރިއަށް ގެންދިޔަ ޝޯއަށް ގިނަ ބައެއްގެ ތަރުހީބު ލިބުނު "ޑިޒައިނާސްވީކް 2013" އިންތިޒާމް ކުރި ފަރާތުން ބުނީ މިފަހަރުގެ ޝޯވެސް ވަރަށް ކާމިޔާބު ކަމަށެވެ.