ޖިއްދާ (އެޕްރީލް 14) : މިޔަންމާގެ ރޮހިންގްޔާ ދަރިކޮޅުގެ ބައިމަދު މުސްލިމުންނާ ދެކޮޅަށް އެގައުމުގެ ބުޑިސްޓުންގެ ހައްދުފަހަނަޅާފައިވާ ފަރާތްތަކުން ހިންގަމުން ގެންދާ އިންސާނިއްޔަތާ ޚިލާފު ޢަމަލުތައް ހުއްޓުވުމަށް އިސްލާމީ ދުނިޔެއަށް ކުރެވޭނެ ކަންތައްތަކާބެހޭގޮތުން މަޝްވަރާ ކުރުމަށްޓަކައި އިސްލާމީ ޤައުމުތަކުގެ ޖަމްޢިއްޔާ (އޯއައިސީ) ގެ ކުއްލި ބައްދަލުވުމެއް މިއަދު ފެށޭނެއެވެ.

މިބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާނީ މިޔަންމާގެ ރޮހިންގްޔާ މުސްލިމުންގެ މައްސަލަ ހައްލުކުރުމަށް ޚާއްސަކޮށްގެން މދިޔަ އަހަރު ބޭއްވި އޯއައިސީގެ އިސްވެރިންގެ ސަމިޓްގައި އެކުލަވަލާފައިވާ ފަންނީ ކޮމިޓީގައި ހިމެނޭގައުމުތަކުގެ ޚާރިޖީ ވަޒީރުންނާއި އޯއައިސީގެ ބައެއް ތަޖްރިބާކާރުން ކަމަށް އެޖަމްޢިއްޔާގެ އަމީން ޢާންމު އަކްމަލުއްދީން އިޙްސާން އޮގްލޯ ވިދާޅުވި އެވެ. އޮގްލޯ އިއްޔެ ނޫސްވެރިންނަށް މަޢްލޫމާތު ދެއްވަމުން ވިދާޅުވީ މިއަދު ފެށުމަށް ހަމަޖެހިފައިވާ މިބައްދަލުވުން އޮންނާނީ އޯއައިސީގެ މައިމަރުކަޒު ހުންނަ ރައްކަމުގައިވާ ޖިއްދާގައި ކަމުގަ އެވެ.

ރޮހިންގްޔާ މުސްލިމުންގެ މައްސަލާގައި މިދިޔަ އަހަރު ބޭއްވި އޯއައިސީގެ އިސްވެރިންގެ ސަމިޓުން އެކުލަވަލާފައިވާ ފަންނީ ކޮމިޓީގައި ހިމެނެނީ 11 ގައުމެކެވެ. އެއީ މިސްރު، ސައޫދީ އަރަބިޔާ، ބުރުނާއި، އަފްޣާނިސްތާން، ޖިބޫތީ، ސޫދާން، ތުރުކީ، ޔުނައިޓެޑް އަރަބް އިމަރޭޓްސް، މެލޭޝިޔާ، އިންޑޮނީޝިޔާ އަދި ބަންގްލަދޭޝް އެވެ. މިއަދު ޖިއްދާގައި ފެށޭ މި ކުއްލި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމަށްޓަކައި މި 11 ގައުމުގެ ޚާރިޖީ ވަޒީރުންވަނީ އިއްޔެ ޖިއްދާއަށް ވަޑައިގެންފައެވެ. މިބައްދަލުވުމުގައި ރޮހިންގްޔާ މުސްލިމުންގެ އިއްތިޙާދުގެ ރައީސް ޕްރޮފެސަރ ވަޤާރުއްދީން ވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ޚަބަރު ލިބެއެވެ.

މިބައްދަލުވުމުގެ ބޭނުމަކީރޮހިންގްޔާ މުސްލިމުންގެ ނިގުޅައިގަނެވިފައިވާ ޙައްޤުތައް އަނބުރައި ހޯދައިދިނުމަށްޓަކައި މިޔަންމާ ސަރުކާރާ ވާހަކަ ދެއްކުމާއި އދ. އާއި ބައިނަލްއަޤްވާމީ މުޖްތަމަޢުގެ އޮނިގަނޑުގެ ތެރެއިން މަސައްކަތްތަކެއް ކުރުމަށް ބޭނުންވާ ފަންނީ ތައްޔާރީތައްވުމާއި ކަމާބެހޭ ޕްލޭންތައް ތަންފީޒުކުރުމަށް މަސައްކަތްކުރުން ކަމަށްވެ އެވެ. މީގެއިތުރުން ރެފިއުޖީންގެ ގޮތުގައި ޙާލުގައި ޖެހިފައިވާ ރޮހިންގްޔާ މުސްލިމް ޢާއިލާތަކަށް އިންސާނީ އެހީދިނުމުގެ ކަންތައް ކުރިޔަށްދާގޮތް ވެސް މި ބައްދަލުވުމުގައި ބަލައި ކޯޑިނޭޓްކޮށް އިތުރު އެހީތައް ހޯދުމަށް މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ޚަބަރު ލިބެ އެވެ.

މިޔަންމާގެ އެހެން މުސްލިމުންނަށް ވެސް އެގައުމުގެ ހަރުކަށި ބުޑިސްޓުންގެ ދުއްތުރާތަކާއި އަނިޔާތައް، ނުރައްކާތެރި މިންވަރަކަށް ފޯރަމުންދާކަމަށް ރިޕޯޓްތައް ބުނެ އެވެ. މިގޮތުން މިޔަންމާގެ ވެރިރަށް ޔަންގުންގައި ދިރިއުޅޭ މުސްލިމުންގެ ގެދޮރާއި މަދްރަސާފަދަ ތަންތަނުގައިވެސް ދަނީ ގޮތްނޭންގޭ ފާރަތްތަކަކުން ހުޅުޖަހައި އަންދަމުންނެވެ. އަދި މުސްލިމުންނާމެދު މިޔަންމާގެ ދައުލަތުގެ ފަރާތުންވެސް ވަރަށްބޮޑު އިހްމާލެއްވަމުންދާ ކަމުގެ ތުހުމަތު ކުރެވިފައިވެއެވެ.
މިޔަންމާގެ މުސްލިމުންގެ އިތުރުން ސްރީލަންކާގެ ބައިމަދު މުސްލިމުންނާ ދެކޮޅަށްވެސް އެގައުމުގެ ބުޑިސްޓުންގެ ބައެއް ފަރާތްތަކުން އަނިޔާވެރި ޢަމަލުތައް ހިންގަމުން ގެންދާ މައްސަލަ އިސްލާމީ ގައުމުތަކުގެ ޖަމްޢިއްޔާއިން ފާހަގަކުރެވޭ ކަމަށް އެޖަމްޢިއްޔާގެ އަމީން ޢާންމު ވަނީ ވިދާޅުވެފައެވެ. (އަލްޖަޒީރާ)