އިންޑޮނޭޝިއާގެ ރިޒޯޓު ރަށެއް ކަމަށްވާ ބާލީއަށް ޖައްސަން އުޅުމުގެ ތެރޭގައި ރަންވޭއިން ކައްސާލި ފުލައިޓުން ދަތުރުކުރި ހުރިހާ އެންމެންވެސް ސަލާމަތްކޮށްފި އެވެ.

އެ ހާދިސާ ހިނގާފައި ވަނީ އިންޑޮނޭޝިޔާގެ ލަޔަން އެއާގެ މަތިންދާބޯޓެއް ބާލީގެ ގުރާ ރާއީ އެއާޕޯޓަށް ޖައްސަން އުޅުމުގެ ތެރޭގަ އެވެ. އެ ހާދިސާގައި ބޯޓު ރަންވޭއިން ކައްސާލައި މޫދަށް ބޯޓު ދެފަޅިވެފައިވެ އެވެ.

އިންޑޮނޭޝިޔާގެ ފުލުހުން ބުނީ އެ މަތިންދާބޯޓަކީ އިންޑޮނޭޝިޔާގެ ޖާވާގެ ހުޅަނގު ޕްރޮވިންސްގެ ވެރިރަށް ކަަމަށްވާ ބަންޑަންގުން ފުރައިގެން ބާލީއަށް ދަތުރުކުރަމުންދިޔަ ބޯޓެއް ކަަމަށެވެ.

ލަޔަން އެއާއިން ބުނީ ބޯޓުގައި ދަތުރުކުރަމުންދިޔައީ 101 ޓޫރިސްޓުންނާއި ބޯޓުގެ ހަތް ފަޅުވެރިން ކަމަށެވެ.
އިންޑޮނޭޝިޔާގެ ކަމާބެހޭ އޮފިޝަލުން ބުނެފައި ވަނީ ބޯޓުން ދަތުރުކުރި ހުރިހާ އެންމެން ވެސް ސަލާމަތްކުރެވިފައިވާ ކަަމަށެވެ.

ހުރިހާ އެންމެން ސަލާމަތްކުރެވުނު ނަމަވެސް، އަނިޔާވެފައިވާ މީހުންގެ އަދަދު 16 އަށް އަރާ ކަމަށް ރޮއިޓާސްއިން ބުނެ އެވެ. އެސޯސިއޭޓެޑް ޕްރެސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި އަނިޔާވެފައިވާ މީހުންގެ އަދަދު 45 އަށް އަރަ އެވެ.

ލަޔަން އެއާއަކީ އިންޑޮނޭޝިޔާގެ އެންމެ ބޮޑު ޕްރައިވެޓް އެއާލައިން އެވެ. ޖުމްލަ 72 މަންޒިލަކަށް ދަތުރުކުރާ ލަޔަން އެއާއިން އެންމެ ދުރަށް ދަތުރެއް ކުރަނީ ސައުދީ އަރަބިއްޔާ އަށެވެ. އެއާލައިން އަކީ ސަލާމަތީ ކަންކަން ދަށްވުމުގެ ސަބަބުން ޔޫރަޕުގެ އިއްތިހާދުގައި އުދުހުން މަނާކުރެވިފައިވާ އެއާލައިނެކެވެ.