ރާމަﷲ (އެޕްރީލް 14) : ފަލަސްތީނުގެ ބޮޑުވަޒީރު ސަލާމް ފައްޔާޒް އާއި އޭނާގެ ކެބިނެޓް، އިސްތިއުފާ ދެއްވުމުން ރައީސް މަޙްމޫދު ޢައްބާސް އެބޭފުޅުންގެ އިސްތިއުފާ ގަބޫލުކުރައްވައި އައު ސަރުކާރެއް އެކުލަވާލެވެންދެން ކެއަރޓޭކަރ ސަރުކާރެއްގެ ގޮތުގައި އިސްތިއުފާދިން ސަރުކާރު ހިންގުން ފައްޔާޒާ ޙަވާލުކުރައްވައިފި އެވެ.

ފައްޔާޒާއި އޭނާގެ ކެބިނެޓް އިސްތިއުފާ ދެއްވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. ނަމަވެސް ރައީސް މަޙްމޫދު ޢައްބާސް، ފައްޔާޒާއި އޭނާގެ ސަރުކާރުގެ އިސްތިއުފާ ގަބޫލު ކުރައްވާފައިވަނީ އިއްޔެ އެވެ. އިސްތިއުފާ ޤަބޫލުކުރެއްވިކަން ފަލަސްތީނުގެ ރިޔާސަތުން އިއްލާން ކުރުމުގެ ކުރިން ރައީސް ޢައްބާސްވަނީ އޭނާގެ އޮފީހުގައި ތިން ގަޑީއިރު ވަންދެން ފައްޔާޒް އާ މަޝްވަރާކުރައްވާފަ އެވެ.

ވޯލްޑް ބޭންކުގައި ދިގުމުއްދަތަކަށް ޚިދްމަތްކުރައްވާފައިވާ ސަލާމް ފައްޔާޒަކީ އިޤްތިސާދީގޮތުން މަތީތަޢްލީމް ޙާސިލް ކުރައްވާފައިވާ އިޤްތިސާދީ ތަޖްރިބާކާރެކެވެ. ފަލަސްތީނުގެ ބޮޑުވަޒީރުކަމާ ސަލާމް ފައްޔާޒު ހަވާލުވެވަޑައިގަތީ 2007 ވަނަ އަހަރު ފަލަސްތީނުގެ ރައީސް މަހްމޫދު ޢައްބާސް، ފަލަސްތީނުގެ ޙަމާސް ޖަމާއަތަށް ނިސްބަތްވެވަޑައިގަންނަވާ ބޮޑުވަޒީރު އިސްމާއީލް ހަނިއްޔާ މަޤާމުން ދުރުކުރައްވައި ޙަމާސްގެ ސަރުކާރު އުވާލެއްވުމަށް ފަހުގައެވެ.

ފަލަސްތީނުގެ ބޮޑުވަޒީރުކަމުން ސަލާމް ފައްޔާޒު އިސްތިއުފާ ދެއްވީ ފަލަސްތީނުގެ އެންމެ ބޮޑު ދެ ޖަމާއަތްކަމަށްވާ ޙަމާސް އާއި ފަތްޙު ގެ ދެމެދުގައި ސުލްޙަ ޤާއިމް ކުރުމަށް މަގުފަހިކުރުމުގެ ގޮތުންނާއި ފަލަސްތީނުގެ އިންތިޚާބުތަކަށް ތައްޔާރުވުމުގެ ގޮތުން ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވާލުމަށް މަގުފަހި ކުރުމުގެ ގޮތުން ކަމަށް ފަލަސްތީނުގެ ރަސްމީ ފަރާތްތަކުން ބުނެއެވެ. މިގޮތުން ފަލަސްތީނުގައި ގައުމީ އެއްބައިވަންތަ ކަމުގެ ސަރުކާރެއް އެކުލަވާލުމުގެ މަސައްކަތް ރައީސް މަހްމޫދު ޢައްބާސް ވަރަށް އަވަހަށްފައްޓަވާނެ ކަމަށް ފަލަސްތީނުގައި ވެރިކަންކުރާ ފަތްހު ޖަމާއަތުގެ ސެކްރެޓަރީ ޖެނެރަލް އަމީން މަޤްބޫލު ވިދާޅުވިއެވެ. (އަލްޖަޒީރާ)