ގައުމީ ހަރަކާތުގެ ނަމުގައި ހިންގަމުންދިޔަ ސިޔާސީ ހަރަކާތްތަކަކީ ރާއްޖޭގެ ސިޔާސީ މަސްރަހުގައި އިރެއްގައި ވަރަށް ބޮޑަށް ޖާގަހޯދި އަދި މީޑިއާގެ ފަލަ ސުރުހީތަކުން ވިދާލި ހަރަކާތްތަކެކެވެ. ގައުމާއި ދީނަށްޓަކައި ކަމަށް ބުނެ ހިންގާ އެހަރަކާތްތަކަކީ އޭރު ގިނަ ސިޔާސީ ޕާޓީތަކަކުން ބައިވެރިވެގެން ހިންގަމުންދިޔަ ހަރަކާތްތަކެއް ކަމުން އާންމުންގެ ބޮޑު ތަރުހީބެއް އެ ހަރަކާތަށް ލިބިގެންދިޔަ އެވެ. ނަމަވެސް ތަފާތު ސަބަބުތަކަށްޓަކައި ގައުމީ ހަރަކާތުން ގިނަ ސިޔާސީ ޕާޓީތަކުން ވަކިވަމުންގޮސް މިހާރު އެ ހަރަކާތްވެފައި ވަނީ އެންމެ ދެ ޕާޓީއެއްގެ މިލްކަކަށެވެ.

ގައުމީ ހަރަކާތްތަކަކީ އިސްލާމްދީނާއި ގައުމުގެ ދިފާއުގައި މަސައްކަތް ކުރުމަށްޓަކައިކަމަށް ބުނެ ހިންގާ ސިޔާސީ ހަރަކާތްތަކެއްކަމަށް އެ ފަރާތުން ބުނާއިރު އެހަރަކާތްތަކުގެ ފަހަތުގައި ވަނީ ކޮންކަހަލަ ފޮރުވިފައިވާ ސިއްރުތަކެއްބާއޭ ސުވާލުއުފެދެ އެވެ. ގައުމުގައި ނުރަނގަޅަށް ހިންގަމުންދާ ކަންތައްތަށް އިސްލާހު ކުރާނެކަމަށް އެހަރަކާތުން ބުނާނަމަވެސް އެއީ މައިގަނޑު މަގުސަދު ކަމެއް މިއަދު ފެންނަ ކަންތައްތަކުން ގަބޫލް ކުރެވޭކަށް ނެތެވެ. އެހެންކަމުން ސިޔާސީ ގިނަ ޕާޓީތަކުން ގައުމީ ހަރަކާތް ސިފަ ކުރަނީ ގައުމީ އިއްތިހާދު ޕާޓީއަކަށް ތާއީދު ހޯދުމަށް ހިންގާ ހަރަކާތެއްގެ ގޮތުގަ އެވެ.

ގައުމީ ހަރަކާތުގެ އިސް ސަފުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ބަލާއިރު އޭގެތެރެއިން އިސްކޮށް ހަރަކާތްތެރިވާ ގިނަ ފަރާތްތަކަކީ މިހާރުގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަށް ތާއީދު ކުރައްވާ ފަރާތްތަކެވެ. އެގޮތުން އަދާލަތު ޕާޓީއިން ރައީސް ޑރ. ވަހީދުގެ ގައުމީ އިއްތިހާދް ޕާޓީއާއެކު ކޯލިޝަން ހެދުމަށް ނިންމާފައިވާއިރު ގައުމީ ހަރަކާތުގެ އެންމެ އިސްކޮށް ހަރަކާތްތެރި ވަނީ އަދާލަތު ޕާޓީގެ ރައީސް ޝެއިހު އިމްރާނެވެ. އަދި އެއާއެކު ގައުމީ އިއްތިހާދު ޕާޓީގެ ސުޕޯކް ޕާސަން އައްބާސް އާދިލް ރިޒާ އާއި އެ ޕާޓީގެ މެމްބަރު އަހުމަދު ޝަމީމް އަކީ ގައުމީ ހަރަކާތުގެ ތަނބުތައް ކަމަށްވާއިރު އެ ހަރަކާތުގެ ބުރަދަން ގައުމީ އިއްތިހާދު ޕާޓީއަށް ބުރަވެ އެވެ.

ގައުމީ ހަރަކާތުން ސިޔާސީ ހަރަކާތްތައް ކުރިއަށްގެންދާއިރު އެ ހަރަކާތުން މިހާރު ކުރިއަށްގެންދާ ހަރަކާތަކީ ރައްޔިތުންގެ މަޖިލިސް ރައްޔިތުންނަށް ކަމަށް ބުނެ ހިންގާ ހަރަކާތްތަކެވެ. ގައުމީ އިއްތިހާދު ޕާޓީ އާއި އަދާލަތު ޕާޓީގެ ޓިކެޓުގައި ވާދަކުރެއްވި އެއްވެސް ފަރާތަކުން ރައްޔިތުންގެ މަޖިލިސް ތަމްސީލު ނުކުރައްވާއިރު އެ ދެ ޕާޓީ އިސްކޮށްއޮވެ ކުރިއަށްގެންދާ ގައުމީ ހަރަކާތުން ދަނީ ރައްޔިތުންގެ މަޖިލީހަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ. އެ ބޭފުލުންގެ ބަހުން ނަމަ އެކަން ކުރަނީ "ރައްޔިތުންގެ މަޖިލިސް ރައްޔިތުނަށް" ހޯދައިދިނުމަށްޓަކަ އެވެ. ނަމަވެސް އުފެދޭ ސުވާލަކީ ގައުމީ ހަރަކާތުން ކަންތައްތައް ކުރިއަށްގެން ދަނީ ކަންކަން އިސްލާހް ކުރަން އޮންނަ މަގުން ބާ އެވެ. ގައުމީ ހަރަކާތުން މިހާރު ކުރިއަށް ގެންގޮސްފައިވާ ހަރަކާތްތަކަށްބަލާއިރު އެންމެ ބޮޑަށް ފާހަގަ ކުރެވެނީ ކަންކަން އިސްލާހު ކުރުމަށް ބޭނުންކުރާންޖެހޭ މަގުތައް ހިޔާރު ނުކުރާކަމެވެ. އެގޮތުން މަޝްވަރާއާއި ސުލްހާގެ ވާހަކަތައް ކުރިއަށްނުގެންގޮސް ޕޯޑިއަމްތަކާއި ސިޔާސީ މައިދާންތަކުގައި ރުޅި ވެރިކަމާއެކު ވާހަކަ ދައްކަމުންދާތަނެވެ. އެހެންކަމުން މިއީ ކަންކަން ސުލްހާގެ ގޮތުން ހުއްޓުވަން ބޭނުންވާ ފަރާތްތަކުން އަމަލުތައް ކުރިއަށް ގެންދާނެ ގޮތްތައްކަމަށް ގަބޫލު ނުކުރާ ފަރާތްތައް ގިނައެވެ.

ޕީޕީއެމްގެ އިންތިގާލީ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވިގޮތުގައި ގައުމީ ހަރަކާތުގެ މިސްރާބު ވަނީ މިހާރު ބަދަލުވެފަ އެވެ. އަދި މިހާރު ކުރިއަށް ގެންދާ ގޮތަށް އެ ހަރަކާތްތަށް ކުރިއަށް ގެންދާ ނަމަ ސަރުކާރުގެ ތެރޭގައި ބައިބައިވުން އުފެދި ސަރުކާރު ބަލިކަށި ވެދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި "މަޖިލިސް އިސްލާހު ކުރުމަށް" މަސައްކަތް ކުރަން ޖެހޭނީ ވެސް ވަކި އުސޫލުތަކެއްގެ ދަށުން ކަމަށާއި ދައުލަތުގެ ތިން ބާރުގެ އަގުވައްޓާލުމަށް މަސައްކަތް ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހަށް ބަލާއިރު އެ މަޖިލީހުގައި ރައްޔިތުން ކަންބޮޑުވާން ޖެހޭ ފަދަ ގިނަ ކަންތައްތަކެއް ހުރިކަން ގަބޫލް ކުރަންޖެހެ އެވެ. ނަމަވެސް އަނެއް ކޮޅުން ގަބޫލް ކުރަންޖެހޭ ހަގީގަތަކީ އެ މެމްބަރުންނަކީ ވެސް ރައްޔިތުން އިންތިހާބުކޮއްފައިވާ ބައެއް ކަމަށްވުމާއެކު އެ މީހުނަށް ވެސް އިހުތިރާމަކާ ގަދަރެއް ކުރަންޖެހޭނެކަމެވެ. ރައްޔިތުންގެ މަޖިލީހުގައި ކޮރަޕްޝަނަންގެ ގިނަ އަމަލުތަކާއި ސިޔާސީ މަސްލަހަތުގައި ހިންގާ ނޭދެވޭ އަމަލުތަކަކީ ހުއްޓުވަންޖެހޭ ކަންތައްތައްކަން ގަބޫލްކުރެވެ އެވެ. ނަމަވެސް އެކަންކަންކަން ހުއްޓުވަންޖެހޭ ގޮތެއް ވެސް އޮންނާނެއެވެ. ކޮންމެ ރެއަކުހެން މާލޭގެ ވަކި ސަރަހައްދެއްގައި އެއްވެ މެމްބަރުނަށް އިންޒާރު ދިނުމާއި އެމަޖިލީހުގެ ތެރެއަށް ވަންނާނެކަމަށް ބުނެ ވާހަކަދެއްކުމަކީ އެފަދަ ކަންކަން އިސްލާހްކުރަންޖެހޭ ގޮތްކަމަކަށް ގަބޫލެއް ނުކުރެވެއެވެ. ކޮންމެ ރެއަކު ވަކި ތަނަކަށްއެއްވެ ސިޔާސީ ޕޯޑިއަމްތަކުގެ ކައިރީގައި ހުއްޓި އަމިއްލަ ނަފުސަށް ކޮންޓުރޯލް ނުވާވަރަށް ރުޅިގަދަވެ ގަދަވެފައި ހަޅޭލެވުމުން ނަތީއްޖާއެއް ނުކުތް ބާވަ އެވެ. މަޖިލީހުގެ އެއްވެސް ކަމެއް އިސްލާހުވި ބާވަ އެވެ.

ގާނޫނޫ އަސާސީއާ އެއްގޮތަށް މަޖިލިސް ނުހިންގާނަމަ މަޖިލިސް އުވާލައްވާނެ ކަމަށް އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބުދުއްﷲ ވިދާޅުވެފައިވެ އެވެ. "ރައްޔިތުންގެ މަޖިލިސް ގާނޫނު އަސާސީއާ އެއްގޮތަށް ނުހިންގާނަމަ މަޖިލިސް އުވާލާނަމޭ މާތްﷲ އިރާދަ ކުރެއްވިއްޔާ. އެހެން ނޫނީ ގާނޫނު އަސާސީއާ އެއްގޮތަށް ކުރިއަށް ގެންދަވާށޭ. އަޅުގަނޑުމެން ބޭނުން އިއްޒަތްތެރި މަޖިލީހަކަށް އެތަން ވާން. އަޅުގަނޑުމެން ބޭނުން ޝަރަފުވެރިތަނަކަށް އެތަން ވާން،"

ސަރުކާރަށް ނިސްބަތްވާ އަދި ގައުމީ ހަރަކާތުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެފައިވާ ބޮޑު ދެ ޕާޓީން ގައުމީ ހަރަކާތުގެ އިހުލާސްތެރިކަމެއްގައި ނޫން ކަމަށް ބުނެ އެ ހަރަކާތުން ވަކިވެ އެހަރަކާތުގައި ބައިވެރިވާ ފަރާތްތަކުގެ އަދަދު މަދުވެ އެ ހަރަކާތަކީ ގައުމީ އިއްތިހާދް ޕާޓީ ޕުރޮމޯޓްކުރުމަށް އަދާލަތު ޕާޓީއިން އިވެސް ހިންގާ ހަރަކާތްތަކެއް ކަމަށް ތުހުމަތުކުރާއިރު ގައުމީ ހަރަކާތުގެ ތަރުޖަމާން އަބްދުﷲ މުހައްމަދު ވިދާޅުވީ އެހަރަކާތުގެ މިހާރު މައިގަނޑު މަގުސަދަކީ ވެސް އަދި ފޮރުވިފައިވާ މަގުސަދަކީ ވެސް ރައްޔިތުންގެ މަޖިލީހުގައި ހިންގާ ނޭދެވޭ ކަންކަން އިސްލާހް ކުރުން ކަމަށެވެ. "އަޅުގަނޑުމެންގެ މަގުސަދަކީ ރައްޔިތުންގެ މަޖިލިސް އިސްލާހްކޮށް އެތާގެ ތެރޭގައި ކުރާ ނޭދެވޭ ކަންކަން ރައްޔިތުނާއި ހަމައަށް ފޯރުކޮއްދިނުން" އޭނާ ވިދާޅުވި އެވެ.

ގައުމީ ހަރަކާތަކީ ގައުމީ އިއްތިހާދު ޕާޓީ ޕުރޮމޯޓް ކުރުމަށް ހިންގާ ހަރަކާތްތަކެއްކަމަށް ބުނާ ހަރަކާތްތަކަށް ރައްދުދެއްވައި އަބްދުﷲ ވިދާޅުވީ އެ ހަރަކާތަކީ ގައުމީ އިއްތިހާދު ޕާޓީ ޕުރޮމޯޓް ކުރުމަށް ހިންގާ ހަރަކާތެއް ނޫންކަމަށެވެ. އެގޮތުން ޕާޓީއެއް ޕުރޮމޯޓް ކުރަން ދައްކަން ޖެހޭނީ އެ ޕާޓިއަކާއި އެމީހެއްގެ މޮޅުވާހަކަ ކަމަށާއި ނަމަވެސް ގައުމީ ހަރަކާތުން ދައްކަނީ އެ ވާހަކަތައް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އަބުދުﷲ ވިދާޅުވީ ރައީސް ޑރ. ވަހީދު ކަމެއް ކުރިނަމަވެސް އެ ހަރަކާތުން ފާޑުކިޔާނެ ކަމަށެވެ.

ގައުމީ ހަރަކާތުން ހިންގާ ސިޔާސީ ހަރަކާތްތަކަކީ ވަކި ބައެއްގެ ޕުރޮމޯޓްކުރުމަށް ހިންގާ ހަރަކާތްތަކެއް ކަމަށް ސިޔާސީ ގިނަ ފަރާތްތަކަކުން ތުހުމަތުކުރާއިރު އެހަރަކާތުގެ އަމަލުތައް މަޝްވަރާއިސްނުކޮށް ނުވަތަ ހައްލު ހޯދުމަށްވުރެ ޒާތީވެގެން ހިންގާ ކަމަށް ބެލެވޭކަމަށް ވެސް ދަނީ ތުހުމަތުތައް ކުރެވެމުންނެވެ. އެގޮތުން ބަލާނަމަ ޖީއެމްއާރު އަތުން އެއާޕޯޓް އަތުލިއިރު ސިޔާސީ ޕޯޑިއަމްތަކުގައި ދެކެވުނު ވާހަކަތަކުގެ ސަބަބުން ރާއްޖެ އާއި އިންޑިއާގެ ގުޅުމަށް ވެސް ބުރުއެރިކަމަށް ވެސް ވާހަކަތައް ދެކެވެއެވެ.

ގައުމީ ހަރަކާތާއި މެދު ގައުމީ އިއްތިހާދް ޕާޓީ ޕުރޮމޯޓްކުރާ ކަމުގެ މައިގަނޑު ތުހުމަތުތައް އަޅުވަނީ ގައުމީ ހަރަކާތުގެ އިސްސަފުގައި ގައުމީ އިއްތިހާދް ޕާޓީއަށް ނިސްބަތްވާ ނުވަތަ ސަޕޯޓްކުރާ ގިނަ ފަރާތްތަކުން ހިމެނޭތިއްޔާއި ގައުމީ އިއްތިހާދް ޕާޓީގެ މަސްލަހަތު ހިމެނޭ ކަންކަމުގައި ވާހަކަދެއްކުމަށް އެ ހަރަކާތުން ފަހަތައް ޖެހޭތީ ކަމަށް ތުހުމަތުކުރެވޭތީ އެވެ. އެހެންކަމުން ގައުމީ ހަރަކާތަކީ މީގެ ކުރިން ހިނގި ފަދައިން އަޑުގަދަކޮށް ރައްޔިތުންގެ ލޯބި ލިބިގެން ހިނގާ ހަރަކާތަކަށް ހަދަން ބޭނުންނަމަ އެބުނާ ހަމަހަމަ ކަންމަތީ ވަކި ބަޔެއްގެ ނުފޫޒުން އެއްކިބާވެގެން ހިންގަން ޖެހެ އެވެ.