14 Apr 2013, 09:02
އިނގިރޭސި ވަލީއަހުދު ޗާލްސްގެ ހިތްޕުޅުގައި ދުނިޔޭގައި އެންމެ ޒަމާންވީ އެއް ބަސް އަދި ސަގާފަތެއް އޮންނަ އަރިބި ކަރައިގެ ދީނާއި އާދަކާދަތަކަށް މީގެ އެތައް އަހަރުތަކެއް ކުރީން ވެސް ވަނީ ޝައުގުވެރިކަން އުފެދިފައެވެ. އެގޮތުން ޗާލްސް މިހާރު ވަނީ އަރަބިބަސް އުނގެނުމަށް ޓަކައި ހާއްސަ ކުލާސްތަކެއް ނަންގަވާން ފައްޓަވާފައެވެ.
ގަތަރުގައި އޮތް ހަފްލާއަކަށް ވަޑައިގެން އެތަނުގައި ތިބި މެހެމާނުންނާ މުހާތަބުކުރައްވައި އަރަބި ބަހާ ބެހޭ ގޮތުން ޗާލްސް ވިދާޅުވި ކަމަށްވަނީ "އަދި ހަމަ، އެއް ކަންފަތުން ވަދެގެން އަނެއް ކަންފަތުން ނުކުމެގެން ދަނީ،" ކަމަށެވެ. ޗާލްގެ ގާތް ބޭފުޅަކު ހާމަ ކުރެއްވި ގޮތުގައި އަރަބިބަސް އުނގެނުމަށް ޗާލްސްގެ ހިތްޕުޅުގައި ވަރަށް ބޮޑު ޝައުގުވެރިކަމެއް އުފެދިފައި ވެއެވެ. އެގޮތުން ޗާލްސް ވަނީ ހައެއްކަ މަސް ދުވަސް ވަންދެން އަރަބި ބަސް ދަސްކުރުމަށްޓަކައި "ޕްރައިވެޓް ޓިއުޝަން" ނަންގަވާފައެވެ.
އިނގިރޭސި ނޫހެއްކަމަށްވާ ޓެލެގްރާފްގައި ބުނެފައިވާގޮތުން ޗާލްސްއަކީ ދީނީ ބަހުސްތަކަށް ޝައުގުވެރިކަން ވަރަށް ބޮޑު ބޭފުޅެކެވެ. އެގޮތުން އެމަނިކުފާނަށް އަރަބި ބަސް ރަނގަޅަށް ދަސްކުރެވިއްޖެނަމަ ކީރިތި ގުރުއާން އޭގޭ އަސްލު އޮތް ބަސް ކަމަށް ވާ އަރަބި ބަހުން ޤުރުއާން ކިޔަވާ ވިދާޅުވެ، އޭގެ މާނަ އަމިއްލަފުޅަށް ދެނެގަނެވޭނެ އެވެ. ހަމަ އެހެންމެ އިސްލާމީ ޙަޟާރަތާބެހޭ ގޮތުން އަރަބި ބަހުން ލިޔެފައި ހުންނަ ތަފާތު މައުލޫމާތު ހޯދައި ދެނެގަތުމާއި، މިސްކިތްތަކާއި އިސްލާމީ ދާރުލްއާސާރު ތަކާއި ކުތުބުހާނާތަކުގައި ހުންނަ ތާރީހީ އަދީ ދީނީ އެކިއެކި ފަތްފުށްތައް ކިޔައި އޭގެ މާނަތައް އަމިއްލައަށް ދެނެގަނެވޭނެއެވެ.
އިނގިރޭސި ވިލާތުގެ ޔުނިވާސިޓީތަކުން މަތީތައުލީމު ހާސިލްކޮށްގެން ތިބި ގަތަރުގެ އިސް ދަރިވަރުންނަން ހާއްސަ ކޮށްގެން "ގަތަރު-ޔޫކޭ އެލުމްނައި ނެޓްވޯކް"ގެ ފަރާތުން ގަތަރުގެ ވެރިރަށް ދޯހާގައި ބޭއްވުނު މެންދުރުގެ ހާއްސަ ކެއުމަކަށް ޗާލްސް ވަޑައިގަތެވެ. "ތިޔަ ހުރިހައި އެންމެންވެސް އިނގިރޭސިބަހުން ވަރަށް ރަނގަޅަށް ވާހަކަ ދައްކަވަމު ދެއްތޯ؟" އެތަނުން ދިމާވި މެހެމާނުންގެ ގްރޫޕަކާ މުހާތަބުކުރައްވައި ޗާލްސް ވިދާޅުވިއެވެ.
"ގަތަރު-ޔޫކޭ އެލުމްނައި ނެޓްވޯކް"ގެ ޗެއާމަން އަދި ގަތަރުގެ ހަކަތައާ ބެހޭ ވަޒީރު ޑރ. މުހައްމަދު ބިން ސާލިހް އަލް ސާދާ ވިދާޅުވީ އޭނާ ޗާލްސްގެ އަރިހުން އަރަބި ބަހުން އެއްވެސްވަރަކަށް ވާހަކަފުޅު ދައްކަވަން އެނގިވަޑައިގަންނަވާތޯ ސުވާލު ކުރެއްވި ކަމަށެވެ. އަދި ޗާލްސް ވިދާޅުވި ކަމަށްވަނީ "އަޅުގަނޑު އަރަބި ބަސް އުނގެނުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަން. އެކަމަކު އަދި ހަމަ އެއް ކަންފަތުން ވަދެގެން އަނެއް ކަންފަތުން ނުކުމެގެން ދަނީ،" ކަމަށެވެ.
އެހެންނަމަވެސް ޑރ. މުހައްމަދު ބިން ސާލިހް އަލް ސާދާ ވިދާޅުވީ "އަރަބި ބަސް އުނގެނުމަށް އަދި ލަސްނުވާކަމަށާއި، އަދިވެސް ވަގުތު އެބައޮތްކަމަށް ޗާލްސް އަރިހުގައި އެފަހަރު ދެންނެވިން" ކަމަށެވެ. އަދި އޭގެ ދުވަސްކޮޅެއް ފަހުން ޗާލްސްގެ އެހީތެރިއެއްގެ ފަރާތުން ޔަގީން ކުރެވުނު ގޮތުގައި މިހާރު އަނެއްކާވެސް އިނގިރޭސި ވަލީއަހްދު ޗާލްސް ވަނީ އަރަބި ބަސް އުނގެނެން ހާއްސަ މަސަކަތްޕުޅެއް ފައްޓަވާފައެވެ. އަދި ދީނާ ދޭތެރޭގައި ޗާލްސްގެ ހިތްޕުޅުގައި ވަރަށްބޮޑު ޝައުގުވެރިކަމެއް އުފެދިފައިވާ ކަމަށްވެސް އެފަރާތުން ވަނީ ހާމަކޮށްފައެވެ.
ޗާލްސްއަށް ވާހަކަފުޅު ދައްކަވަން އެނގިވަޑައިގަންނަވާ ބޭރު ބަސްތަކުގެ ތެރޭގައި ފަރަންސޭސި ބަހާއި، ޖަރުމަނުބަސް އަދި ވޭލްސްގެ ބަސް ހިމެނެއެވެ.
އެހެންކަމުން ޕްރިންސް ޗާލްސް އަރަބި ބަސް އުނގެނި، އިސްލާމް ދީނާ ދިމާއަށް އެނބުރެނީ ބާއޭ ވެސް މިހާރު ބައެއް ފަރާތްތަކުން ވަނީ ސުވާލު އުފައްދާން ފަށައިފައެވެ.