14 Apr 2013, 01:59
ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް އާޓްސްއިން މި އަހަރުގެ ދިވެހި ބަހުގެ ދުވަސް ފާހަގަ ކޮށްފިއެވެ. ދިވެހި ބަހުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް އާޓްސްގައި ރޭ ބޭއްވި ޖަލްސާގެ ޝަރަފުވެރި މެހުމާނަކީ ދިވެހި ބަހުގެ އިސް އަދީބެއް ކަމަށް ވާ އަލްފާޟިލް ޢަބްދުﷲ ޞާދިޤު (ސޯދުބެ) އެވެ.
ދިވެހި ބަސް ރަނގަޅަށް ބޭނުން ކުރާން ނުދަތުމުގެ ސަބަބުން ނުކުންނަ މައްސަލަތައް މި ޖަލްސާގައި ސޯދުބެ ދެއްކެވި ވާހަކައިގައި ފާހަގަ ކުރެއްވިއެވެ.
ދިވެހި ބަހުގެ ދުވަހުގެ މުނާސަބަތުގައި ފެކަލްޓީގެ ދަރިވަރުންގެ ޖަމިއްޔާ ފަސާއިން ބޭއްވި ވާހަކަ ލިޔުމުގެ މުބާރާތާއި ޅެން ހެދުމުގެ މުބާރާތާއި ބަހުސްގެ ނަތީޖާ ފާޅު ކޮށް އިނާމު ދިނުން ވެސް މި ޖަލްސާގައި އޮތެވެ. ދިވެހި ޑިގްރީ ކޯހުގެ 2011 ވަނަ އަހަރުގެ ބެޗާއި 2012 ވަނަ އަހަރުގެ ބެޗާ ދެމެދު ބޭއްވުނު ބަހުސް ކާމިޔާބު ކުރީ 2012 ވަނަ އަހަރުގެ ބެޗެވެ. ބަހުސް ކުރުމަށް އެންމެ މޮޅު ދަރިވަރަކަށް ހޮވުނީ 2012 ވަނަ އަހަރުގެ ބެޗުގެ ނަސީމެވެ. ދެވަނަ ދަރިވަރަކަށް ހޮވުނީ 2012 ވަނަ އަހަރުގެ ބެޗުގެ ޒިދުމާއެވެ. ތިންވަނަ ދަރިވަރަކަށް ހޮވުނީ 2011 ވަނަ އަހަރުގެ ބެޗުގެ ޝަޒިއްޔާއެވެ.
ޅެން ހެދުމުގެ މުބާރާތުން އެއްވަނައަށް އައީ ދިވެހި ޑިގްރީ ކޯހުގެ 2012 ވަނަ އަހަރުގެ ބެޗުގެ ދަރިވަރު ނަސީމެވެ. ދެވަނައަށް އައީ ދިވެހި ޑިގްރީ ކޯހުގެ 2011 ވަނަ އަހަރުގެ ބެޗުގެ ދަރިވަރު ޝަޒިއްޔާއެވެ. ތިންވަނައަށް އައީ 2012 ވަނަ އަހަރުގެ ބެޗުގެ ޢަބްދުއްރަޙްމާނެވެ.
ވާހަކަ ލިޔުމުގެ މުބާރާތުން އެއްވަނައަށް އައީ 2011 ވަނަ އަހަރުގެ ބެޗުގެ ޝަޒިއްޔާއެވެ. ދެވަނައަށް އައީ 2012 ވަނަ ބެޗުގެ މަޒީނާއެވެ. ތިންވަނައަށް އައީ 2012 ވަނަ ބެޗުގެ ގުރައިޝާއެވެ. ވަނަތަކަށް އައި ދަރިވަރުންނަށް އިނާމު ބައްސަވައި ދެއްވީ ޝަރަފުވެރި މެހުމާނު ޢަބްދުﷲ ޞާދިޤާއި ފެކަލްޓީގެ ޑީން ޢަބްދުއްރަޝީދު ޢަލީއެވެ. މި މުބާރާތްތަކުން އެއްވަނައަށް އައި ފަރާތްތަކަށް އިނާމު ހުށަހަޅުއްވައިފައި ވަނީ ދިވެހި ބަހުގެ އެކަޑެމީންނެވެ.