14 Apr 2013, 01:35
ރާއްޖޭގެ ވެރިކަމަށް ކޮންމެ ބޭފުޅަކު ވަޑައިގަތަސް ޖަލުތަކުގައި ތިބި ހުނަރުވެރި ކުށްވެރީންގެ ތެރެއިން ކިރިޔާވެސް އުއްމީދެއް އޮތް މީހަކާނުލާ މި ގައުމު ތަރައްގީއެއް ނުކުރެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
ޏ.ފުވައްމުލަކުގައި މިރޭ ބޭއްވި އެމްޑީޕީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އަލީ ވަހީދު ވިދާޅުވީ ރާއްޖޭގެ ކޮންމެ އާއިލާ އެއްގެ ތެރޭގައި މަސްތުގެ ވަބާގައި ޖެހިފައި ތިބި މީހުންނާއި އަދި ޑިކޮސް ސެންޓަރު ތަކުގައި ތިބި މީހުންގެ ހިއްސާ އަކީ ވެސް ރާއްޖޭގެ ތަރައްގީ އަށް ވަރަށް މުހިއްމު އެއްޗެއްކަމަށެވެ. އަދި ވިދާޅުވީ އެފަދަ މީހުންގެ ތެރެއިން މުޖުތަމައު އަށް ގެނެވޭނެ ކަމުގެ ކުޑަވެސް އުއްމީދެއް އޮތް މީހެއްނަމަ އަނބުރާ މުޖުތަމައު އަށް ގެނެސް އެ މީހެއްގެ ހިއްސާ ނުހިމަނާ ރާއްޖެ ތަރައްގީ ނުކުރެވޭނެ ކަމަށެވެ.
"ކޮންމެ މީހަކު ވެރިކަމަށް ހޮވުނަސް ޑިޓޮކްސް ސެންޓަރުގައި އެ އުޅޭ އަށް ކުދީންނާއި، ރާއްޖޭގެ ކޮންމެ އާއިލާ އެއްގައި މަސްތުވާ ތަކެތީގެ ވަބާގައި ޖެހިފައި ތިބި ހުރިހާ ކުދީންނާއި، ރާއްޖޭގެ ޖަލުތަކުގައި އެތިބި ހުނަރުވެރި ކުއްވެރީންގެ ތެރެއިން މުޖުތަމައު އަށް ގެނެވޭނޭ ކިރިޔާވެސް އުއްމީދެއް އޮތް މީހުންނާއި ނުލާ މި ރާއްޖެ ތަރައްގީއެއް ނުކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.
އަލީ ވަހީދު ވިދާޅުވީ އެ މީހުންނާއި ނުލައި ރާއްޖެ ތަރައްގީ ނުކުރެވޭނެ އެންމެ ބޮޑު އެއް ސަބަބަކީ ތަރައްގީ އަށް އަޅުގަނޑުމެން އަރަނި ކުރާ ކޮންމެ ފައިސާ އެއް އެފަދަ މީހުން އަނބުރާ މުޖުތަމައު އަށް ގެނައުމަށް ޚަރަދު ކުރާން ޖެހޭނެތީ ކަމަށެވެ.
އެމްޑީޕީގެ ވެރިކަމެއްގައި ރާއްޖޭގެ އެކި ދިމަ ދިމާލުގައި ޖަލުތައް އަޅައިގެން އެ ޖަލު ތަކުގައި ކުއްވެރީން ގެންގުޅެން ބޭނުން ނުވާ ކަމަށާއި، އެއީ ދައުލަތުން ކުރާންޖެހޭ ވަރަށް ބޮޑު ޚަރަދެއްކަމަށް ވެސް އަލީ ވަހީދު ވިދާޅުވިއެވެ.
"އަޅުގަނޑުމެން ބޭނުމެއް ނޫނޭ އިނގޭތޯ މާފުއްޓާއި، ހިންމަ ފުއްޓާއި، ފޭދޫ ފިނޮޅާއި، ފުވައްމުލަކުގެ އެއްބަޔާއި، ހދ. ވައިކަރަދޫގެ އެއްބަޔާއި، މި ހުރިހާ ތާކު ޖަލު އަޅައިގެނެއް މި ގައުމެއް ނުހިންގޭނެ. އަޅުގަނޑުމެންނެއް ނޫޅެން އިނގޭތޯ މީހުން މަރާފައި ތިބި ގާތިލުން މަގުތަކައް ދޫ ކުރާކަށްވެސް،" އަލީ ވަހީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ދުނިޔެ އަށް އިންސާނާ ފޮނުވާފައި ވަނީ އިމްތިހާނަކަށް ކަމަށްވާތީ އެ އިމްތިހާނުގެ ތެރޭގައި އުޅެމުން ދާއިރު ކޮންމެ މީހަކަށްވެސް ކުށެއް ކުރެވިދާނެ ކަމަށެވެ. އެހެންކަމުން ކުރެވުނުކުށަށް އެ މީހަކު އިސްލާހު ވުމުން އެ ކުށުން މިންޖު ވެވޭނެ ގޮތެއް އޮންނާން ޖެހޭނެ ކަމަށް ވެސް އަލީ ވަހީދު ވިދާޅުވިއެވެ.
ރާއްޖޭގެ ޖަލު ތަކުގައި ތިބި ކުއްވެރީން އަނބުރާ މުޖުތަމައު އަށް ނުކުތުމުގެ ފުރުސަތު ހޯދައި ދިނުމުގެ ގޮތުން ރައީސް ނަޝީދުގެ ސަރުކާރުން ދެވަނަ ފުރުސަތުގެ ނަމުގައި ޕްރޮގްރާމެއް ހިންގަވާ އެ ޕްރޮގްރާމްގެ ދަށުން ވަރަށް ގިނަ ކުއްވެރީން މުޖުތަމައު އަށް ނެރުނެވެ. ނަމަވެސް އޭގެ ތެރެއިން ގިނަ ބަޔަކު ތަފާތުއެކިއެކި ކުށްތަކަށް އަރައިގެންފައި ވާތީ އެމީހުން ވަނީ އަނބުރާ ޖަލަށް ބަދަލުކޮށްފަ އެވެ.
ދެވަނަ ފުރުސަތު ޕްރޮގްރާމާ ގުޅޭ ގޮތުން ހޯމް މިނިސްޓަރ ޑރ. މުހައްމަދު ޖަމީލު އަހްމަދު ވިދާޅުވެފައި ވަނީ އެ ޕްރޮގްރާމްގެ ދަށުން ރައީސް ނަޝީދުގެ ސަރުކާރުން ކުށްވެރީން ދޫކޮށްފައި ވަނީ މުޖުތަމައުގެ އަމަން އަމާންކަން ގެއްލޭ ދަރަޖަ އަށް ވަރަށް ދޯހަޅި ނިޒާމެއްގެ ތެރެއިން ކަމަށެވެ. އަދި އެކަން ކޮށްފައި ވަނީ ގާނޫނުގައިވެސް އެކަން ކުރާން އޮންނަ ގޮތްތަށް އެއްފަރާތް ކޮށްފައި ކަމަށްވެސް ހޯމް މިނިސްޓަރު ވިދާޅުވެފައި ވެއެވެ.
ސަރުކާރުން ބުނެފައިވަނީ މިހާރު ދެވަނަ ފުރުސަތު ޕްރޮގްރާމެއް ނޯންނާނެ ކަމަށާއި ކުރިއަށް އޮތް ތަނުގައި މުޖުތަމައު އަށް ކުއްވެރީން ދޫ ކުރާނީ ޕެރޯލް ނިޒާމުގެ ތެރެއިން ވަރަށް ބޮޑަށް ބެލެހެއްޓިގެން ގާނޫނީ އިމުގެ ތެރެއިން ކަމަށެވެ.