14 Apr 2013, 00:59
ދިވެހި ބަހުގެ ދުވަސް ފާހަގަ ކުރުމަށް ދިވެހިރާއްޖޭގެ ލިޔުންތެރީންގެ ގުޅުމާއި ގައުމީ ކުތުބުހާނާ ގުޅިގެން ހާއްސަ ޖަލްސާއެއް ބާއްވައިފިއެވެ.
ދިވެހި ބަހުގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަމުން އަންނަ ދުވަހަކީ އެޕްރީލް މަހުގެ 14 ވަނަ ދުވަހެވެ. އެހެންނަމަވެސް މިއަހަރުގެ އެ ދުވަސް ދިމާ ވަނީ އާދީއްތަ ދުވަހާ ކަމަށް ވާތީ ލިޔުންތެރީންގެ ގުޅުމާއި ގައުމީ ކުތުބުހާނާގެ ފަރާތުން ދިވެހި ބަހުގެ ދުވަސް ފާހަގަ ކުރުމަށް ޖަލްސާއެއް ބާއްވައިފައި ވަނީ 13 އެޕްރީލް 2013 ވީ ހޮނިހިރު ދުވަހުގެ ރޭ، ނޭޝަނަލް އާޓް ގެލަރީގައެވެ.
މި ޖަލްސާ ޝަރަފުވެރިކޮށްދެއްވީ ދިވެހި ބަހުގެ އިސް އަދީބެއް ކަމުގައިވާ އައްސައްޔިދު ބޮޑުފެންވަޅުގޭ ސީދީގެ ދަރިކަލުން އަދި ދިވެހިރާއްޖޭގެ ސިއްްހަތާ ބެހޭ ވަޒީރުކަން ވެސް ކުރީން ކުރައްވައިފައިވާ ބޮޑުފެންވަޅުގޭ އަލްފާޟިލް މުޙައްމަދު މުޞްޠަފާ ޙުސައިނެވެ.
މި ޖަލްސާގައި "އަނބުރައި ދިވެއްސަށް" މި ނަމުގައި ވަރަށް މުހިއްމު ހުށަހެޅުމެއް، ދިވެހި ބަހުގެ އިލްމުވެރިއެއް ކަމަށް ވާ އަލްފާޟިލް މުޙައްމަދު ޝާހިދު ޙަލީމު ހުށަހެޅުއްވިއެވެ.
މާލޭ ސްކޫލްތަކުގެ ލައިބްރަރީއަށް ފޮތް ހަދިޔާ ކުރުން ވެސް މި ޖަލްސާގައި އޮތެވެ. އަދި ލިޔުންތެރީންގެ ގުޅުމުގެ މަހު މަޖައްލާ "ލިޔުންތެރިޔާ"ގެ އަހަރީ ނަންބަރާއި، ލިޔުންތެރީންގެ ޖަމިއްޔާގެ ނާއިބު ރައީސް ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު ޝާއިޢުކުރެއްވި އާ ފޮތެއް ކަމުގައިވާ "ފޮތުގެ ތަޢާރުފު ލިޔުމުގެ މަގު" ނެރުން ވެސް މި ޖަލްސާގައި އޮތެވެ. މި ފޮތް ނެރެދެއްވީ ޖަލްސާގެ ޝަރަފުވެރި މެހުމާނު އަލްފާޟިލް މުޙައްމަދު މުޞްޠަފާ ޙުސައިނެވެ.
މި ޖަލްސާގައި ލިޔުންތެރީންގެ ގުޅުމުގެ މެންބަރުންނާއި ލިޔުންތެރީންނާއި މާލޭގެ ވަރަށް ގިނަ ސްކޫލްތަކުގެ ދަރިވަރުން ބައިވެރިވި އެވެ.