20 Oct 2010, 04:29
އައްޑު އަތޮޅު ސިޓީއެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ. އެއީ "ބޮޑު މައްސަލައެއް"ގެ ގޮތުގައި ފާހަގަ ކުރާ ފަރާތަކުން ބުނަނީ އެއީ ކަނޑައެޅިގެން ގާނޫނު އަސާސީއާ ހިލާފު ކަމެއް ކަމަށެވެ. އެކަން ކުރެވޭނެ ގާނޫނީ އެއްވެސް ހަމައެއް ނޯނާނެ ކަމަށެވެ.
ބައެއް ގާނޫނީ ވަކީލުން ވިދާޅުވަނީ ސިޓީގެ ދަރަޖަ ދެވޭނީ ލާމަރުކަޒީ ގާނޫނުގެ ދަށުން ކަމަށް ބުނާއިރު އެ ނޫން ގޮތަކަށް އެކަންކަން ކުރެވޭނެ ގާނޫނީ ބިންގަލެއް ނުފެންނަ ކަމަށެވެ. ރަށްރަށަށް ސިޓީގެ ދަރަޖަ ދިނުމަކީ ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތެއްތޯ ނޫނީ "ޑިފޯލްޓް"ކޮށް އެ ބާރު ލިބެނީ ލޯކަލް ގަވަމަންޓް އޮތޯރިޓަށްތޯ އެއީ ވެސް ގާނޫނީ ބޭފުޅުން އުފައްދާ ސުވާލެކެވެ.
އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަހުމަދު ތަސްމީން އަލީ ވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާބެހޭ ގޮތުން އިލެކްޝަންސް ކޮމިޝަންގެ ރައީސާ އިއްޔެ ބައްދަލު ކުރައްވާފައެވެ. އެ ބައްދަލުވުމަށް ފަހު ތަސްމީން ވިދާޅުވީ "އަޑޫ މައްސަލައަކީ ބޮޑު މައްސަލައެއް" ކަމަށެވެ. އޭގެ ކުރިން މިދިޔަ އާދީއްތަ ދުވަހު ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާ ހަމައަށްދާއިރު އައްޑު އަތޮޅުގެ މައްސަލަ ބޮޑު މައްސަލައަކަށްވެ ކޯޓް ކޭހަކަށް ބަދަލުވެއްޖެނަމަ އިންތިހާބުގައި އައްޑު އަތޮޅުގެ ވޯޓު ނެގުން ފަސް ކުރާނީ ކަމަށެވެ.
އިދާރީ ގޮތުން އެއްކޮށްލާ ރަށްރަށުގެ މީހުން ހިޔާލު ހޯދުމުގެ ވޯޓުގެ ނަތީޖާއިން އެނގުނީ އައްޑޫގެ ހަ ރަށުގެ ތެރެއިން އެ އަތޮޅަށް ސިޓީގެ ދަރަޖަ ދިނުމަށް ފޭދު އަށް ނުފެންނަ ކަމަށެވެ. ގާނޫނީ ވަކީލުން ވިދާޅުވަނީ އައްޑު އަތޮޅު ސިޓީއެއްގެ ގޮތުގައި ކަނޑައެޅުމަށް ފެނޭތޯ ބެލުމަށް ހިޔާލު ހޯދުމުގެ ވޯޓު އެ އަތޮޅުގައި ނެގީ މީހުން ދިރިއުޅޭ ހަ ރަށް ހިމަނައިގެން ސިޓީއަކަށް ހެދުމަށް ކަމަށްވާއިރު އެއިން އެއްވެސް ރަށަކުން "ނޫނެކޭ" ބުނާއިރު އެކަން ކުރުމަކީ ރައްޔިތުންގެ ރުހުން ނުލިބި އެކަން ކުރުން ކަމަށެވެ.
ތަސްމީން ވިދާޅުވި ގޮތުގައި ރައީސް ނަޝީދު، އައްޑު އަތޮޅު ސިޓީއެއްގެ ގޮތު ކަނޑައެޅުއްވައި ގެޒެޓްކުރެއްވި އިރު އައްޑު އަތޮޅު އެއް ރަށެއްގެ ގޮތުގައި ގެޒެޓްކުރައްވާފައި އޮންނަ މައްސަލައަކީ ކަންބޮޑުވާންޖެހޭ ބޮޑު މައްސަލައެއް ކަމަށެވެ. ތަސްމީން ވިދާޅުވީ އައްޑޫ މައްސަލަ ބޮޑު މައްސަލައަކަށް ވެގެން އަންނަނީ ގާނޫނު އޮތް ގޮތުން މާލެ ފިޔަވައި އެހެން ސިޓީއެއް ގާއިމުކުރެވޭނީ ލޯކަލް ގަވަރްމެންޓް އޮތޯރިޓީއެއް ގާއިމު ވެގެން ކަމަށްވާތީ ކަމަށެވެ.
"އެ އޮތޯރިޓީ އުފެދި އެ އޮތޯރިޓީން ކަނޑައަޅާ އަދި އިތުރު ޝަރުތުތަކެއް ފުރިހަމަވާ ތަންތަނުގައި ސިޓީ ކައުންސިލެއް ހެދެނީ" ތަސްމީން ވިދާޅުވި އެވެ.
ފަހަކަށް އައިސް މިޑިއާ ބައްދަލު ކުރެއްވުން އިތުރު ކުރައްވާ ފައިވާ ތަސްމީން ވިދާޅުވީ އަތޮޅު ކައުންސިލުން އައްޔަންކުރާ މެމްބަރުން ލޯކަލް ގަވަރްމަންޓް އޮތޯރިޓީގައި ހިމެނެންޖެހޭ އިރު ފުރަތަމަ އިންތިހާބު ބާއްވައި ލޯކަލް ގަވަރްމެންޓް އޮތޯރިޓީ ގާއިމްކުރެވެންދެން، މާލެ ފިޔަވައި އެހެން ސިޓީއެއް އުފެއްދުމުގެ ފުރުސަތެއް ވެސް ބާރު ވެސް ގާނޫނުން ނުލިބޭ ކަމަށެވެ. އޭގެ މާނައަކީ އެންމެ ދެކުނުގައި މީހުން އުޅޭ ހަ ރަށުގެ މައްޗަށް އޮތް އައްޑު އަތޮޅަކީ "ސިޓީ"އެކޭ ސަރުކާރުން ބުނަމުން އައި ނަމަވެސް ލާމަރުކަޒީ އުސޫލުން އަތޮޅުތައް ހިންގުމުގެ ބޭނުމަށް އެއްވެސް އެހެން ތަނެއް އަދި ސިޓީއަކަށް ނުވުމެވެ.
އައްޑޫ އަތޮޅަކީ އެއް ރަށް ކަމަށް ނިންމައި ސިޓީއެއްގެ ދަރަޖަދޭ ރަށަކަށް ހެދުމުން އާބާދީ ބޮޑު އަތޮޅުގައި ވަރަށް ތަފާތު މައްސަލައެއް ނުކުންނާނެ އެވެ. އެއީ އިންތިހާބު ނިމިގެން އަންނައިރު އޮންނާނީ ރަށު ކައުންސިލަކާއި އަތޮޅު ކައުންސިލެއް އެކަންޏެވެ.
ތަސްމީން ވިދާޅުވީ "އައްޑޫ މައްސަލަ" ހައްލު ކުރެއްވުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރައްވާނެ ކަމަށާއި އެކަމާ ގުޅޭ ގޮތުން ސަރުކާރާ ވާހަކަ ދައްކަވާނެ ކަމަށެވެ.
"ހަގީގަތުގައި ހަ ރަށުގެ މައްޗަށް ހިމެނޭ އަދި ބޮޑު އާބާދީއެއް ހިމެނޭ އަތޮޅެއްގައި އެއް ރަށު ކައުންސިލް އޮތުމަކީ އެއީ އިންސާފުވެރި ގޮތަކަށް ނުވާނެ،" ތަސްމީން ވިދާޅުވި އެވެ.
ދެން އޮތީ ނުކުންނާނެ އަނެއް މައްސަލަ އެވެ. ފެބްރުއަރީ މަހު ފަހެއްގައި ލޯކަލް އިންތިހާބުގައި އައްޑޫ ވާނީ ސިޓީ އަކަށްތޯ އުފެދޭ ސުވާލުގެ މައްޗަށް ނުކުމެގެން އަންނަ މައްސަލައެވެ. އިލެކްޝަން ކޮމިޝަނުން އެކަމަކު އަމަލު ކުރާނީ ކޮން ގޮތަކަށްތޯ އުފެދޭ ސުވާލުގެ މައްޗަށް ނުކުންނަ ނަތީޖާތަކެވެ.
ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވި ގޮތުގައި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނު މިހާރު އޮތް ގޮތުންނާއި މީހުން ދިރިއުޅޭ ރަށްތައް ގެޒެޓްކޮށްފައިވާ ގޮތުން އައްޑޫގައި އިންތިހާބުކުރާނީ އެންމެ ރަށު ކައުންސިލަކާއި އަތޮޅު ކައުންސިލެކެވެ. ސަބަބަކީ މުޅި އައްޑު އަތޮޅަކީ އެއް ރަށުގެ ގޮތުގައި ގެޒެޓްކޮށްފައި އޮތުމެވެ. ގާނޫނާ އެއްގޮތަށް ކަން ކުރައްވާނަމަ ކޮމިޝަނަށް ޖެހެނީ ރަށު ކައުންސިލަކާއި އަތޮޅުކައުންސިލަކުން ފަރުޖައްސާށެވެ.
"އަޅުގަނޑުމެނަށް އިންތިހާބު ކުރެވޭނީ ހަ ރަށުގެ މައްޗަށް ހިމެނޭ އެންމެ ރަށު ކައުންސިލެއް. ދެން އައްޑު އަތޮޅަށް އަތޮޅު ކައުންސިލެއް ހަމަ އެހެން އަތޮޅުތަކެކޭ ވެސް އެއްގޮތަށް އިންތިހާބުކުރެވޭނީ،" ފުއާދު ވިދާޅުވި އެވެ.