ރ. ދުވާފަރުގައި ގާއިމު ކުރެވުނު ފެނުގެ ނިޒާމު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު މިއަދު މެންދުރުފަހު އިފްތިތާހު ކޮށްދެއްވައިފިއެވެ.

ފެނުގެ ނިޒާމު އިފްތިތާހު ކޮށްދެއްވަމުން ރައީސް ޑރ. ވަހީދު ދެއްކެވި ވާހަކަފުޅުގައި، އެ ނިޒާމަކީ، އެންމެފަހުގެ ޓެކްނޯލޮޖީ ބޭނުންކޮށްގެން ޒަމާނީ ފެންވަރަށް ބެހެއްޓިފައިވާ ފެން އުފައްދާ ނިޒާމެއް ކަމަށާއި، މިއީ، ރާއްޖޭގައި ބޯފެން އުފެއްދުމުގެ ނިޒާމުގެ މުސްތަގުބަލު ކަމަށެވެ. މި ރޮނގުން ވާހަކަފުޅު ދައްކަވަމުން، އެ ޕްލާންޓް ހެދިފައިވާ ގޮތާއި އޭގެ ތަޖުރިބާގެ މައްޗަށް ބިނާކޮށްގެން، ރާއްޖޭގެ އެހެން ރަށްރަށުގައިވެސް މިފަދަ ޕްލާންޓްތައް ގާއިމުކުރަން އެބަޖެހޭ ކަމަށް ރައީސް ޑރ. ވަހީދު ވިދާޅުވިއެވެ.

ރައީސް ޑރ. ވަހީދުގެ ވާހަކަފުޅުގައި، ދުވާފަރުގެ ހަތަރުހާހެއްހާ ރައްޔިތުންނަށް ފެނުގެ އަމާންކަން ލިބިގެންދިޔުމަކީ، ވަރަށް ބޮޑަށް އުފާކުރަންޖެހޭ ކަމެއް ކަމަށް ވިދާޅުވިއެވެ. އަދި އެކަން ފުރިހަމަވެގެން ދިޔައީ ވަރަށް ގިނަ ފަރާތްތަކެއްގެ އެހީއާއި އެއްބާރުލުމާއެކީގައިކަން ފާހަގަކުރައްވައި، އެ ހުރިހާ ފަރާތްތަކަށް އެމަނިކުފާނު ޝުކުރުއަދާކުރެއްވިއެވެ
.
ރާއްޖެއަކީ ވަރަށް ގިނައިން ވާރޭވެހޭ ގައުމެއް ކަމަށާއި، އެހެންކަމުން ރާއްޖޭގައި ބޯފެނަށް ދަތިވެގެން ނުވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. ކަންއެހެން އޮތްނަމަވެސް ހަގީގަތަކީ ކޮންމެ އަހަރަކުވެސް ގާތްގަނޑަކަށް ފަސްދޮޅަހަކަށް ރަށަށް ބޯފެން ފޯރުކޮށްދޭންޖެހުން ކަމަށާއި، ބޮޑު ޚަރަދެއްކޮށްގެން ސަރުކާރުން އެކަން ކުރަމުން ގެންދާ ކަމަށް ވެސް ރައީސް ވަހީދު ވިދާޅުވިއެވެ.

އެ ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ދުވާފަރު ދާއިރާގެ މެންބަރު މުހައްމަދު ޒުބައިރުވެސް ބައިވެރިވެވަޑައިގެންނެވި އެވެ.