13 Apr 2013, 19:36
މައާފަށް އެދެންޖެހޭނީ ޕީޕީއެމްގެ ރިޔާސީ ކެންޑިޓް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކަމަށާއި އުމަރު ނަސީރު މައާފަށް އެދެންޖެހޭނެ އެއްވެސް ސަބަބެއްނެތް ކަމަށް ޕީޕީއެމްގެ ކައުންސިލް މެންބަރު އަހްމަދު ސަލީމް (މާޒް ސަލީމް) ވިދާޅުވެއްޖެ އެވެ.
އުމަރުގެ ކެންޕޭން މެނޭޖަރުގެ ގޮތުގައި ވެސް ހަރަކާތްތެރިވި މާޒް ސަލީމް ވިދާޅުވީ ޕީޕީއެމްގެ ކޮންގްރެސް އިން ފާސްކުރި އިންތިޚާބީ ކޮމެޓީއަކީ އެންދެރިމާގޭ ޖަގަހައިން ނެރުނު ޓީމެއް ކަމަށެވެ.
އިންތިޚާބީ ކޮމެޓީއަކީ ޔާމީން ވިދާޅުވާ ގޮތަކަށް ކަންތައް ކުރާ، އޭނާގެ ފުރިހަމަ ކޮންޓްރޯލް ދަށުގައި އޮތް ކޮމެޓީއެއް ކަމަށާއި އިންތިޚާބާ ބެހޭ ހުރިހާ ކަމެއް ވެސް ކުރިއަށް ގެންގޮސްފައި ވަނީ ޔާމީން ވިދާޅުވިގޮތަށް ކަމަށް ވެސް ސަލީމް ވިދާޅުވި އެވެ.
ޕްރައިމަރީގައި ވޯޓު އޮޅުވާލިކަމަށް އުމަރު ގެންދަވަނީ ވިދާޅުވަމުން ކަމަށާއި އެހެންކަމުން ވޯޓު އޮޅުވާލި މައްސަލައިގައި ޔާމީން ޕާޓީގެ އާންމު މެންބަރުންގެ ކިބައިން މައާފަށް އެދެން ޖެހޭނެ ކަމަށް ވެސް ސަލީމް ވިދާޅުވި އެވެ.
"އިންތިޚާބާ ބެހޭ ހުރިހާ ކަމެއް ވެސް ކުރިއަށް ގެންދިޔައީ އަބްދުﷲ ޔާމީން ވިދާޅުވިގޮތަށް. އިންތިޚާބުގައި އޮޅުވާލައި މަކަރު ހެދިކަމަށް އުމަރު ނަސީރު އެބަ ވިދާޅުވޭ. އެހެންވީމަ ވޯޓު އޮޅުވާލުމުގެ މައްސަލައިގައި އާންމު މެންބަރުންގެ ކިބައިން މައާފަށް އެދެންޖެހޭނީ އަބްދުﷲ ޔާމީން،" މާޒް ސަލީމް ވިދާޅުވި އެވެ.
ޕީޕީއެމްގެ އަސާސީ ގަވާއިދާ ޚިލާފަށް ޖަލްސާއެއް ބާއްވައި، އެ ޖަލްސާގައި ހަގީގަތާ ޚިލާފް ވާހަކަތަކެއް ދެއްކެވި ކަމަށް ބުނެ ޕަބްލިކްގައި މާފަށް އެދުމަށް އުމަރު ނަސީރަށް އެޕާޓީން ދިން އެންމެ ފަހު ފުރުސަތު ހަމަވާނީ މިއަދަށެވެ.
ޕީޕީއެމްގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ޔާމީން ވަނީ އޭނާއާ ބެހޭގޮތުން އުމަރު ދައްކަވާފައިވާ ވާހަކަތަކަކީ ހަގީގަތެއް ނެތްވާހަކަތެއް ކަމަށް ވިދާޅުވެފަ އެވެ.