ކުރިއަށް އޮތް ދުވަސް ތަކަކީ ވަރަށް ގިނަ ގޮންޖެހުން ތަކަކާއިި ކުރިމަތިލައްވަން ޖެހިވަޑައިގެންނަވާނެ ދުވަސްތަކެއް ކަމަށާއި އެހެން ނަމަވެސް ހައްލު ނުކުރެވޭ ވަރުގެ މައްސަލަ އެއް ދިމާވެދާނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް ބަންޑަރަ ނައިބުގެ ކަމުގެ މަގާމަށް އަލަށް އައްޔަން ކުރި އައިޝަތު ބިޝާމް ވިދާޅުވެއްޖެ އެވެ.

ސަން އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ބިޝާމް ވިދާޅުވީ ކުރިއަށް ރިޔާސީ އިންތިހާބާއެކު ސިޔާސީ ގޮތުން ގައުމު ވަރަށް ބޮޑަށް ހަލަބޮލި ވެގެން ދާނެ ކަން ގަބޫލު ކުރައްވާ ކަމަށާއި އެހެން ކަމުން ދިމާވާ ކޮންމެ ގޮންޖެހުމަކާއި ކެރިގެން ކުރިމަތިލާން ތައްޔާރަށް ހުންނެވި ކަމަށެވެ.

"ހަގީގަތުގައި ކުރިއަށް އޮތް ދުވަސްކޮޅު ވެގެންދާނީ ވަރަށް ޗެލިންޖިން ދުވަސް ކޮޅަކަށް. ސިޔާސީ ގޮތުން ގައުމު މިއޮތީ ވަރަށް ހަލަބޮލިކޮށް. ކުރިއަށް މި އޮތީ ރިޔާސީ އިންތިހާބު. އެހެން ވިޔަސް އަޅުގަނޑަށް ދިމާވާ ކޮންމެ ގޮންޖެހުމެއްގައި ވަރަށް ކެރިގެން ކުރިމަތިލާން ތައްޔާރަށް މިހިރީ. އެހެން ވީމަ އިރާދަކުރެއްވީއްޔާ ހައްލު ނުކުރެވޭނެ ވަރުގެ އިޝޫއެއް ދިމައެއް ނުއެއް ވާނެ،" ބިޝާމް ވިދާޅުވި އެވެ.

ބިޝާމް ވިދާޅުވީ އެކަމަނާގެ ބަންޑާރަނައިބު ކަމުގައި ކުރިއަށް އޮތީ ވަރަށް ކުޑަ ދުވަސްކޮޅެއް ކަމަށާއި އެހެން ކަމުން އެންމެ ބޮޑު އިސްކަމެއް ދޭނީ އާންމު ގަވާއިދު ތަކާއި ބެހޭ ގާނޫނުގެ ދަށުން ހަދަން ޖެހޭ ގޫނޫނުތައް ނުވަތަ ބިލްތައް ހެދުމަށް ފަހު ނުވަތަ ތައްޔާރު ކުރުމަށް ފަހު ރައްޔިތުންގެ މަޖިލީހަށް ފޮނުވުމަށް ކަމަށެވެ.

"އަޅުގަނޑުގެ ބަންޑާރަ ނައިބު ކަމުގަ ގާތް ގަޑަކަށް މިއޮތީ ހަ މަސް ދުވަސް. އެހެންވީމަ ކުރިއަށް މި އޮތް ކުޑަ ދުވަސްކޮޅާއި އަޅާބަލާއިރުގައި މިވަގުތަށް އަޅުގަނޑު މަސައްކަތްތައް ޕްރިއޯރިޓައިޒް ކޮށްލާއިރުގައި މިހާރުން މިހާރަށް އަޅުގަނޑު އެންމެ އިސްކަމެއް ދޭނީ އާންމު ގަވާއިދު ތަކާއި ބެހޭ ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވާއިދުތައް ހެދެމަށް. ރައްޔިތުންގެ މަޖިލީހުން އެ ގަވާއިދު ތައް ހެދުމަށް ދީފައިވާ މުއްދަތު މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ހަމަ ވާނެ. އެހެން ވީމަ ކަމާއި ގުޅުން ހުރި ގާނޫނު ތަކުގެ ބިލް ތަކުގެ ޑްރާފްޓް ތައް އެބަ ޖެހޭ މަޖިލީހާއި ހަމައަށް ދާން. އެހެން ވީމަ އަޅުގަނޑު އެންމެ އިސްކަމެއް ދޭނީ އާންމު ގަވާއިދު ތަކުގެ ދަށުން ހަދަން ޖެހޭ ބިލްތައް ޑްރާފްޓް ކުރުމަށް ފަހު ރައްޔިތުންގެ މަޖިލީހަށް ފޮނުވަން،" ބިޝާމް ވިދާޅުވި އެވެ.

ދެވަނަ ކަމެއްގެ ގޮތުގައި އެންމެ އިސް ކަމެއް ދެއްވާނީ ބަންޑާރަ ނައިބުގެ އޮފީހުން ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރަމުން އަންނަ މަރަށް މަރު ހިފުމުގެ ބިލުގެ މަސައްކަތް ނިންމުމަށް ކަމަށް ވެސް ބިޝާމް ވިދާޅުވި އެވެ.

"އަޅުގަނޑު ދެ ވަނަ ކަމެއްގެ ގޮތުގައި އެންމެ ބޮޑު އިސްލަމެއް ދޭނީ އަޅުގަނޑުމެން ބަންޑާރަނައިބުގެ އޮފީހުން ގިނަ ދުވަސް ތަކެއް ވަންދެން މަސައްކަތް ކުރަމުން އަންނަ ޑެތް ޕެނެލްޓީގެ ފައިނަލް ޑްރާފްޓް ނިންމައި އެ ބިލް ރައްޔިތުންގެ މަޖިލީހަށް ފޮނުވުމަށް. އެ ބިލަށް ތަފާތު އެކި ފަރާތް ތަކުން ވަރަށް ގިނަ ހިޔާލް ހުށަހަޅުއްވާފައިވޭ. މިހާރު އަޅުގަނޑުމެން ކުރިއަށް މިގެންދަނީ އެ ހިޔާލުތައް ދިރާސާ ކުރުމުގެ މަސައްކްތް. އިރާދަކުރެއްވީއްޔާ ރައްޔިތުންގެ މަޖިލީހުގެ ދެން ފެށޭ ދައުރަށް އެ ބިލް ފޮނުވުމަށް މަސައްކަތް ކުރާނަން،" ބިޝާމް ވިދާޅުވި އެވެ.

ދައުވާ ކުރުގެ މިންގަނޑުތައް ނުވަތަ ޕްރޮސިކިޔުޝަން ގައިޑް ލައިންސް އެކަށައަޅަން ޖެހޭނީ ބަންޑާރަނައިބުގެ އޮފީހުން ކަމަށާއި އެގޮތުން މިހާރު ޖިނާއީ ދައުވާ ކުރުމާއި ގުޅޭ ގޮތުން ރާއްޖޭގައި އަމަލު ކުރަމުންދާ އުސޫލަކީ އިސްލާހު ކުރަން ޖެހިފައިވާ އުސޫލެއް ކަމަށް ވެސް ބިޝާމް ވިދާޅުވި އެވެ. އަދި ކުރިއަށް ދުވަސް ތަކުގައި ޖިނާއީ ދައުވާ ކުމުގެ އުސޫލު އިސްލާހު ކުރުމަށް ޚާއްސަ އިސްކަމެއް ދެއްވާނެ ކަމަށް ވެސް ބިޝާމް ވިދާޅުވި އެވެ.

ބިޝާމް ވިދާޅުވީ ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމް ހަރުދަނާ ކުރުމަށްޓަކައި ބޭނުންވާ ވަރަށް މުހިންމު ގާނޫނު ތަކެއް ރައްޔިތުންގެ މަޖިލީހަށް ހަށަހެޅިފައިވާ ކަމަށެވެ. އެގޮތުން ޖިނާއީ އިޖުރާތުގެ ބިލާއި ގާނޫނުލް އުގޫބާތުގެ ބިލް ވީހާ ވެސް އަވަހަކަށް ނިންމަވައި ދެއްވުމަށް ރައްޔިތުންގެ މަޖިލީހަށް ބިޝާމް އިލްތިމާސް ކުރެއްވި އެވެ.