ޔަންގުން (އެޕްރިލް 13) : މިޔަންމާގެ ވެރިރަށް ޔަންގުންގެ އުތުރުގައިވާ މުސްލިމުންގެ އަވަށެއްގައި ހިނގި އަލިފާނުގެ ޙާދިސާއެއްގައި މުސްލިމުންގެ އެތަށް ސަތޭކަގެއެއް އަނދައި ހުލިވެ އެތަށް ހާސްމުސްލިމުން މަގުމަތިވެއްޖެވެ.

ޔަންގުންގެ އުތުރުގައިވާ މުސްލިމުންގެ އަވަށެއް ކަމަށްވާ މަންދަލާއި ގެ އެތަށްސަތޭކަ ގެއްގައި އިއްޔެ އަލިފާން ރޯވެ އަނދާފައިވާއިރު އަލިފާން ނިއްވުމަށް އަވަސްމަސައްކަތްތަކެއް ނުކުރާކަމުގެ ތުހުމަތު އެގައުމުގެ ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ މައްޗަށްވަނީ ކުރެވިފައެވެ. މިކަމާބެހޭގޮތުން މިޔަންމާ ސަރުކާރުން ނެރުނު ބަޔާނެއްގައި ޔަންގުންގެ އުތުރުގައިވާ މުސްލިމުންގެ މަންދަލާއި އަވަށުގެ އެތަށް ސަތޭކަ ގެއެއްގައިއަލިފާނުގެ ހާދިސާ ހިނގަންމެދުވެރިވި ސަބަބު ނޭންގޭ ކަމަށް ބުނެފައިވެއެވެ. މިޙާދިސާއާގުޅިގެން އެއްވެސް މީހަކު މިހާތަނަށް ހައްޔަރުކުރެވިފައިނުވާ ކަމަށާ ނަމަވެސް މައްސަލަ ތަޙްޤީޤްކުރަމުން ދާކަމަށް މިބަޔާން ބުނެއެވެ. އަދި އަލިފާންގަނޑު އަވަހަށް ނިއްވާނުލެވުނީ ގިނަ ގެތަކަކަށް އަލިފާންގަނޑު ފެތުރި ކޮންޓްރޯލް ކުރަން ދަތިވެގެން ކަމަށް މިޔަންމާގެ މަދަނީ ދިފާޢާބެހޭ އިދާރާއިން ބުނެފައިވެއެވެ.

ޔަންގުންގެ މުސްލިމުންގެ އެތަށްސަތޭކަ ގެއެއްގައި އަލިފާން ހިފުމުން އެގެތަކުގައި ދިރިއުޅޭ މުސްލިމް ޢާއިލާތައް ވަނީ އެގެތަކުންނުކުމެފައެވެ. ނަމަވެސް ނުނުކުމެވުނު ބައެއްމީހުން ފިހި އަދި އިތުރުބަޔަކު މަރުވެފައިވުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށް މަގުމަތިވެފައިވާ މުސްލިމް އާއިލާތަކުން ބުނެއެވެ. ނަމަވެސް މިހާދިސާގައި މީހަކު މަރުވިކަން އެނގިފައިނުވާ ކަމަށް މިޔަންމާގެ ފުލުހުން ބުނެއެވެ.

ޔަންގުންގެ މުސްލިމް އަވަށެއްގެ އެތަށްސަތޭކަ ގެއެއް، އަލިފާނުގެ ބިރުވެރި ޙާދިސާއެއްގައި އިއްޔެ އަނދާފައިމިވަނީ ޔަންގުންގައި ހުންނަ މުސްލިމުން ޔަތީމް ޚާނާއަކާއެކު ހިންގަމުންގެންދިޔަ މުސްލިމުންގެ ދީނީ މަދްރަސާއެއްގެ ޢިމާރާތުގައި މިދިޔަ މާޗް މަހު ހިނގި އަލިފާނުގެ ޙާދިސާއެއްގައި އެޢިމާރާތް ބޭނުންނުކުރެވޭވަރަށް ހަލާކުވެފައިވަނިކޮށެވެ. މިޙާދިސާގައި އެމަދްރަސާގައި ކިޔަވާ 13 ދަރިވަރަކު ފިހިގެން މަރުވެފައިވެއެވެ.

ޔަންގުންގައި ދިރިއުޅޭ މިޔަންމާގެ މުސްލިމުންގެ ގެތަކާއި މަދްރަސާފަދަ ޢިމާރާތްތަކުގައި އަލިފާނުގެ ޙާދިސާތައް ހިނގަން ފަށާފައިމިވަނީ އެގައުމުގެ ރައްފުށުގެ ބައެއް ސަރަޙައްދުތަކުގައި ބުޑިސްޓުންގެ ހައްދުފަހަނަޅާފައިވާ ފަރާތްތަކުން މުސްލިމުންގެ އަވަށްތަކުގައި ހުޅުޖަހައި މުސްލިމުންގެ ގެދޮރާއި ފިހާރަފަދަ ތަންތަން އަނާދާލާފައިވަނިކޮށެވެ. މިދިޔަ މާޗް މަހު ހަރުކަށި ބުޑިސްޓުން މުސްލިމުންނާ ދެކޮޅަށް ހިންގި މިބާވަތުގެ ޖަރީމާތަކުގައި މުސްލިމުންގެ 46 މީހަކު މަރުވެ އެތަށް ސަތޭކަ ޢާއިލާ މަގުމަތިވެ އެމީހުންގެ މުދަލާއި އާމްދަނީ ހޯދުމަށް ބޭނުންކުރާ ވަސީލަތްތައް އަނދައިގެން ގޮސްފައިވެއެވެ.

މީގެއިތުރުން މިޔަންމާގެ ރޮހިންގްޔާ ދަރިކޮޅުގެ ބައިމަދު މުސްލިމުންނާ ދެކޮޅަށް އެގައުމުގެ ރެކިން ސްޓޭޓްގައި ހަރުކަށި ބުޑިސްޓުން މިދިޔަ އަހަރު ހިންގި ހުޅުޖެހުމާއި މީހުންމެރުމާއި މުސްލިމް އަންހެނުން ރޭޕްކުރުމުގެ ޖަރީމާތަކާއި ޤަތްލުޢާންމުތަކުގައި 150 އަށްވުރެ ގިނަ މުސްލިމުން މަރުވެ އެތަށް ސަތޭކަ ބަޔަކު ޒަޚަމްވެ ތިރީހަކަށްހާސް ރޮހިންގްޔާ މުސްލިމުން ރެފިއުޖީންގެ ގޮތުގައި އަވަށްޓެރި ބަންގްލަދޭޝް އަށް ހިޖްރަކޮށްފައިވެއެވެ. ބަންގަލަދޭޝްއަށް މަޖްބޫރުވެގެން ހިޖްރަކުރި ރޮހިންގްޔާ މުސްލިމުންވެސް ދިރިއުޅެން ޖެހިފައިވަނީ ވަރަށް ބިކަ ޙާލުގައި ކަމަށް އިންސާނީ އެހީދިނުމުގައި ޙަރަކާތްތެރިވާ ޖަމާއަތްތަކުންނާއި އދ. ން ބުނެއެވެ.

މިޙާލުގައިދިރިއުޅެން ޖެހިފައިވާ މުސްލިމް ޢާއިލާތައް ގޮތްހުސްވެ ކުދިކުދި ބޯޓުތަކުގައި މެލޭޝިޔާއަށާއި އިންޑޮނީޝިޔާއަށް ކަނޑުމަގުން ކުރިދަތުރު ތަކުގައި އެބޯޓުތައްފެތި ގިނައަދަދެއްގެ މުސްލިމް ޢާއިލާތައް އަންހެނުންނާއި ކުޑަކުދިން ހިމެނޭގޮތަށް ޣަރަޤުވެގެން މަރުވެފައިވެއެވެ. މިޔަންމާގެ ރޮހިންގްޔާ މުސްލިމުންނަކީ ދުނިޔޭގައި އެންމެ ބޮޑަށް އިންސާނީ ހައްޤުތައް ނިގުޅައިގަނެވިފައިވާ އަދި ނިކަމެތިކޮށްލެވިފައިވާ ބައިމަދު ނަސްލުކަމަށް އދ. ން ބުނެއެވެ.

ނަމަވެސް ޑިމޮކްރަސީއާއި އިންސާނީ ހަޢްޤުތަކުގެ ނަމުގައި އަޑުއުފުއްލަވަމުން ގެންދަވާ އެގައުމުގެ ކުރީގެ އިދިކޮޅު ޒަޢީމާ އަދި މިޔަންމާގެ ސަރުކާރުގެ މިހާރުގެ ބައިވެރިޔާ، އަންގްސަން ސޫޗީ މުސްލިމުންގެ ޙައްޤުގައި އެއްވެސް މަސައްކަތެއް ނުކުރައްވާކަމަށް ރިޕޯޓްތައް ބުނެއެވެ. މީގެއިތުރުން ޑިމޮކްރަސީއާއި އިންސާނީ ހައްޤުތައް ސިޔާސީ ހަތިޔާރަކަށް ހަދައިގެން އުޅޭ ކަމަށް ތުހުމަތުކުރެވޭ ހުޅަނގުގެ ގައުމުތައްވެސް މިޔަންމާގެ މުސްލިމުންގެ ޙައްޤުގައި މިޔަންމާގެ ސަރުކާރަށް އެއްވެސް ފިއްތުމެއް ކުރިމަތިކުރަމުން ނުގެންދާ ކަމަށްވެއެވެ. މިޔަންމާއަށް ދިމުޤްރާތީ ކުދިކުދި އިސްލާހްތަކެއް ގެނަސްފައިވީނަމަވެސް މަދަނީ ހެދުމުގައި އެގައުމުގައި މިހާރުވެސް ވެރިކަންކުރަނީ ކުރީގެ ޢަސްކަރީ ވެރިކަން ހިންގި ޚުދުމުޚްތާރު ޖެނެރަލުންނެވެ.
ނަމަވެސްއަންގްސަން ސޫޗީވެސް މިހާރު ފެންނަމުންދަނީ މިޔަންމާގައި ވެރިކަންކުރާ ކުރީގެ ޚުދުމުޚްތާރު ޢަސްކަރީ ވެރިންނާ އެކުގައި ކަމަށް ދާދިފަހުން ބީބީސީން ގެނައި ރިޕޯޓެއްގައިވެސް ބުނެފައިވެއެވެ. (ނޫސްއެޖެންސީތައް)