13 Apr 2013, 16:22
ރާމަﷲ (އެޕްރިލް 13) : އިސްރާއީލުގެ ހަރުކަށިކަމާއި އަނިޔާވެރި ކަމަށް ތާއީދާއި އެއްބާރުލުން ދިނުމުގައި ކެނެޑާ ސަރުކާރުން ހައްދުފަހަނަޅަމުންދާތީ ފަލަސްތީނުގެ ވެރިކަމުގެ އިދާރާއިން ކެނެޑާ ސަރުކާރަށް އިހްތިޖާޖްގެ ސިޓީއެއް ފޮނުވައިފިއެވެ.
މިކަން ހާމަކުރައްވަމުން ފަލަސްތީނުގެ އިސްމަސްއޫލުވެރިއެއް ކަމަށްވާ ޑރ. ސާއިބު ޢުރައިޤާތު ވިދާޅުވީ ކެނެޑާ ސަރުކާރަށް އިހްތިޖާޖްގެ ސިޓީއެއް ފޮނުވަންޖެހުނީ 1967 ގެ ހަނގުރާމައިގާ އިސްރާއީލުން ހިފާފައިވާ އިރުމަތީ ޤުދްސަކީ އިސްރާއީލުގެ ބިމެއް ކަމަށް 1983 ގައި އިސްރާއީލުން ކޮށްފައިވާ ބާތިލް ޢިއްލާނަށް ތާއީދުކުރާކަން ހާމަކުރެއްވުމުގެގޮތުން ކެނެޑާގެ ޚާރިޖީ ވަޒީރު ޖޯން ރުސެލް ބެޔަޑް، އިސްރާއީލުގެ ޖަސްޓިސް މިނިސްޓަރ ސީބީ ލެވްނީ އާ އިރުމަތީ ޤުދްސުގައި އިއްޔެ ބައްދަލުކުރެއްވުމާ ގުޅިގެންނެވެ. މީގެއިތުރުންވެސް އިސްރާއީލުގެ އަނިޔާވެރި ކަމާއި އިސްތިޢްމާރަށް ތާއީދާއި އެއްބާރުލުން ދިނުމުގެ ޣައިރުޤާނޫނީ އަދި ބައިނަލްއަޤްވާމީ ޑިޕްލޮމަސީއާ ޚިލާފު އެތަށް ޢަމަލުތަކެއް ކެނެޑާ ސަރުކާރުގެ ސުލޫކުތަކުން ފެންނަމުންދާ ކަމަށް ޢުރައިޤާތު ވިދާޅުވިއެވެ.
އިރުމަތީ ޤުދްސަކީ އިސްރާއީލުގެ ބިމެއް ކަމަށް އިސްރާއީލުން ކޮށްފައިވާ ޢިއްލާނަކީ ބާތިލް އިޢްލާނެއްކަމަށް ސިފަކޮށް އދ. ންވެސް ވަނީ އެތަށް ޤަރާރެއް ފާސްކޮށްފައެވެ. އިރުމަތީ ޤުދްސު ހިމެނޭގޮތަށް މުޅި ޤުދްސަކީ އިސްރާއީލުގެ ދާއިމީ ވެރިރަށް ކަމަށް އިސްރާއީލުން ނިންމުމަކީ ފަލަސްތީނުގެ ބިމެއްގަދަކަމުން ފޭރިގަތުމުގެ އިސްތިޢްމާރީ ޢަމަލަކަށްވާތީ ޔޫރަޕްގެ ގައުމުތަކުގެ ލީޑަރުންނާއި އިސްމަސްއޫލުވެރިންވެސް ގެންދަވަނީ އިރުމަތީ ޤުދްސުގައި އިސްރާއީލުގެ މަސްއޫލުވެރިންނާ ބައްދަލުކުރެއްވުމަށް ދެކޮޅު ހައްދަވަމުންނެވެ. އަދި ޔޫރަޕްގެ ހުރިހާ ޤައުމުތަކަކުންވެސްވަނީ ޤުދްސަކީ އިސްރާއީލުގެ ވެރިރަށް ކަމަށް ޢިއްލާންކޮށްފައިވާއިރުވެސް އެގައުމުތަކުގެ އެންބަސީތަކާއި ޑިޕްލޮމެޓިކް މިޝަންތައް ހިފާފައިވާ ޤުދްސަށް ބަދަލުކުރުމަށްވެސް ދެކޮޅު ހަދަމުންނެވެ.
ޔަހޫދީ ހަރުކަށި ޒަޔަނިސްޓުންގެ ނުފޫޒު އެންމެ ގަދަގައުމު ކަމަށް ބެލެވޭ އެމެރިކާއިންވެސް 2008 ވަނަ އަހަރާ ހަމައަށްވަނީ ޤުދްސަކީ އިސްރާއީލުގެ ވެރިރަށް ކަމަށް އިސްރާއީލުން ނިންމާފައިވާ ބާތިލް ނިންމުން ގަބޫލުކުރުމަށް ދެކޮޅު ހަދާފައެވެ. 2008 ގައި އެމެރިކާ ސަރުކާރުން ޤުދްސަކީ އިސްރާއީލުގެ ވެރިރަށްކަމަށް ގަބޫލުކުރީ ޒަޔަނިސްޓުންގެ ކޮންޓްރޯލްގެ ދަށުގައިވާ ކަމަށް ސިފަކުރެވޭ އެމެރިކާގެ ކޮންގްރެސް އިން މިކަމާބެހޭ ޤަރާރެއް ފާސްކުރުމާއެކު އެޤަރާރާއެއްގޮތަށް ޢަމަލުކުރަން އެމެރިކާ ސަރުކާރަށް މަޖްބޫރުވެގެން ކަމަށް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް ޔޫރަޕްގެ ގައުމުތަކުން މިހާތަނަށްވެސް ގެންދަނީ އިސްރާއީލުގެ މިބާތިލް ނިންމުން ގަބޫލުކުރުމަށް ދެކޮޅު ހަދަމުންނެވެ.
ކެނެޑާއަކީ ޔޫރަޕްގެ ގައުމުތަކުން ގެންގުޅޭ މެދުމިނުގެ ސިޔާސަތުތައްވެސް ދޫކޮށްލައި އިސްރާއީލުގެ އަނިޔާވެރިކަމާއި އިސްތިޢްމާރަށް ތާއީދުކުރުމުގައި ހައްދުފަހަނަޅަމުންދާ ގައުމެއްކަން މިފަހަކަށް އައިސް ހާމަވަމުންދާކަމަށް ރިޕޯޓްތައް ބުނެއެވެ. ކެނެޑާގައި މިހާރު ވެރިކަންކުރައްވާ ބޮޑުވަޒީރު ސްޓެފަން ހެޕަރ ނިސްބަތްވެވަޑައިގަންނަވާ އެގައުމުގެ ކޮންޒަވެޓިވް ޕާޓީއަކީ ހަރުކަށި ޚިޔާލުގެ ޔަހޫދީ ޒަޔަނިސްޓުންގެބާރާއި ނުފޫޒުގަދަ ޕާޓީއެކެވެ.
މިޕާޓީގެ ވެރިކަމުގައި ކެނެޑާ ވަނީ ފަލަސްތީނުގެ މިނިވަން ދައުލަތާ ދެކޮޅަށްވެސް އދ. ގައި އަޑުއުފުލާފައެވެ. މިގޮތުން ފަލަސްތީނުގެ މިނިވަން ދައުލަތާދެކޮޅަށް އދ. ގައި ވޯޓުދިން މަދުގައުމުތަކުގެ ތެރޭގައި ކެނެޑާ ހިމެނިފައިވެއެވެ. އަދި އީރާނުން އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅަށް އަޑުއުފުލައި އީރާނުން އިސްރާއީލަށް އިންޒާރުތައް ދެމުންގެންދާތީ ކެނެޑާ ސަރުކާރުންވަނީ އިސްރާއީލަށް ހަމްދަރްދީ ވުމުގެގޮތުން އީރާނާވެސް ގުޅުންތައް ކަނޑާލައި އީރާނާދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައްވެސް އަޅާފައެވެ. (ނޫސްއެޖެންސީތައް)