13 Apr 2013, 15:38
ވެރިކަން ބަދަލުވި ދުވަހު ސިފައިންގެ ކައިރީގައި އިހްތިޖާޖު ކުރަމުން ގެންދިޔަ މީހުން ކޮންޓްރޯލް ކުރުމަށް ބަޑިޖެހުމުގެ ހުއްދައަކަށް ރައީސް މުހައްމަދު ނަޝީދު އަރިހުގައި އެދިވަޑައިގެންފައި ނުވާނެ ކަމަށް އޭރުގެ ސިފައިންގެ މާލޭ އޭރިއާ ކޮމާންޑަރު ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އިބްރާހީމް މުހައްމަދު ދީދީ ވިދާޅުވެއްޖެ އެވެ.
އިބްރާހީމް ދީދީ އެގޮތަށް ވިދާޅުވިއިރު، ކޯނީގެ ރިޕޯޓް ދިރާސާ ކުރި ކޮމެޓީއަށް އިބްރާހިމް ދީދީ ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައި ވަނީ ރައީސް ނަޝީދުގެ ވެރިކަން ބަދުލުވި ދުވަހު ތަނުގެ ކޮމާންޑި އިން ކޮންޓްރޯލް ގެއްލުމުން ލީތަލް ވެޕަން ބޭނުން ކުރުމަށް ރައީސަށް ލަފާ ދެއްވި ކަމަށާއި ނަމަވެސް ރައީސް ނަޝީދު އެކަމަށް އިންކާރު ކުރެއްވި ކަމަށެވެ.
"އަޅުގަނޑު ރައީސުލްޖުމްހޫރީއްޔާ އަށް ދެންނެވިން ރައީސުލް ޖުމްހޫރީއްޔާ އަކީ ސިފައިންގެ އެންމެ އިސް ވެރިޔާގެ ހައިސިއްޔަތުން ލީތަލް ވެޕަން ބޭނުން ކުރައްވާށޭ. އަޅުގަނޑު އެޑްވައިސް އަކީ އެއީއޭ. އެކަމާ ރައީސް ކޯފާ އިސް ކުރައްވައި ވިދާޅުވި ތިމަންނާގެ ވެރިކަމެއްގައި ލީތަލް ވެޕަން ބޭނުން ނުކުރައްވާނަމޭ،" އިބްރާހިމް ދީދީ ވިދާޅުވި ކަމަށް ކޮމެޓީގެ ޔައުމިއްޔާގައި ބުނެފައިވެ އެވެ.
އެ ވާހަކަތަށް ތަކުރާރު ކުރައްވައި ގއ. ދާންދޫގައި ރޭ ބޭއްވި އެމްޑީޕީ ޖަލްސާގައި އެ ދާއިރާގެ މެންބަރު މުހައްމަދު ރިޔާޒު ވިދާޅުވެފައި ވަނީ ފެބްރުއަރީ ހަތްވަނަ ދުވަހު ސިފައިންގޭ ބޭރުގައި ތިބި މީހުންގެ ތެރެއިން ބަޔަކު ސިފައިންގޭ ތެރެއަށް ވަދެ ހަތިޔާރު ނަގައިފާނެ ކަމަށް ބެލެވިގެން ބަޑިޖެހުމުމުގެ ހުއްދައަކަށް ރައީސް ނަޝީދު އަރިހު ތިން ފަހަރު އިބްރާހީމް ދީދީ އެދިވަޑައިގަތް ކަމަށެވެ.
ރިޔާޒުގެ އެވާހަކަތަކާ ރައްދުދެއްވައި އިބްރާހީމް ދީދީ މިއަދު ވިދާޅުވީ ބަޑިޖެހުމުގެ ހުއްދައަކަށް ރައީސް ނަޝީދު އަރިހު އޭނާ އެދިވަޑައިގެންފައި ނުވާނެ ކަމަށާއި ނަމަވެސް ސިފައިންގޭ ދޮރުވައްޓާލާފައި ނުވަތަ ފާރުމަތިން ފުންމައިގެން ބަޔަކު އެތެރެއަށް ވަންނަން އުޅޭކަމުގެ އިހްސާސްތަކެއް ކުރެވިގެން އެމްއެންޑީއެފް ހެޑްކުއާޓާސް، ބަންޑާރަ ކޮށީގައި އެތަން ދިފާއު ކުރުމަށް ތިބި ސިފައިން އެފަދަ ހާލަތެއްގައި ދިފާއު ކުރުމަށް ހަތިޔާރުގެ ބޭނުން ކޮށްފާނެކަމަށް ރައީސް ނަޝީދުގެ ސަމާލުކަމަށް ގެންނެވި ކަމަށެވެ.
ރައީސް ނަޝީދުގެ ސަމާލުކަމަށް އެކަން ގެންނަންޖެހުނީ ބަންޑާރަ ކޮށްޓަކީ ސިފައިންގެ މައި މަރުކަޒު ކަމަށް ވެފައި އެތަނަކީ ހަތިޔާރާއެއްކޮށް އެތަން ދިފާއު ކުރުމަށް 24 ގަޑިއިރު ސިފައިން ބަލަހައްޓާ ތަނަކަށް ވާތީ ކަމަށާއި ނަމަވެސް އެގޮތަށް ނަޝީދު ގެ ސަމާލުކަމަށް ގެންނެވުމުން ހަތިޔާރުގެ ބޭނުން ކުރުމަކީ އެއްގޮތަކަށް ވެސް ކޮށްގެންވާނެ ކަމެއް ނޫންކަމަށް ވިދާޅުވި ކަމަށް ވެސް އިބްރާހީމް ދީދީ ވިދާޅުވި އެވެ.
މީގެއިތުރުން އިބްރާހީމް ދީދީ ވިދާޅުވީ ފެބްރުއަރީ ހަތް ވަނަ ދުވަހު ފުލުހުންނާ އެއްކޮށް ޖުމްހޫރީ މައިދާނުގައި އާންމު ރައްޔިތުންގެ ތެރެއިން ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ ބަޔަކާއި އަދި ކޮންމެވެސް ވަރަކަށް ސިފައިންގެ ބަޔަކާ އެއްކޮށް ފުލުހުންނާ ގުޅިގެން ހިނގަމުން ދިޔަ ހަމަނުޖެހުން ހުއްޓުވޭނީ ސިފައިން ހަތިޔާރާއެއްކޮށް ސިފައިންގެ ގޮތުގައި ހަރަކާތްތެރިވެގެންކަމުގައި ނަޝީދު އަރިހު ދަންނަވާފައިވާނެ ކަމަށެވެ. އަދި އެގޮތަށް ދެންނެވުމުން ތިމަންނާގެ ވެރިކަން ދިފާއު ކުރުމަށްޓަކައި ރައްޔިތުންނާ ދެކޮޅަށް ހަތިޔާރުގެ ބޭނުން ކުރަން ބޭނުން ނޫންކަމަށް ރައީސް ނަޝީދު ވިދާޅުވި ކަމަށް ވެސް އިބްރާހީމް ދީދީ ވިދާޅުވި އެވެ.