ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވެރިކަމާއި ހަވާލުވުމުން ރާއްޖޭގެ ރައްޔިތުންނަށް ލިބެންޖެހޭ ހުރިހައި ހިދުމަތެއް ވަނީ ހުއްޓިފައި ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ "ދޭތިން ފަހެތި" ކެންޕޭންގައި ޅ. ކުރެންދޫގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރައީސް ވަހީދު ވެރިކަމާއި ހަވާލުވުމުގެ ސަބަބުން ރާއްޖޭގެ ރައްޔިތުންނަށް ލިބެން ޖެހޭ އުޖާލާ ދޮޅު އަހަރު ގެއްލިފައިވާ ކަމަށާއި އެގޮތުން އެމްޑީޕީގެ ސަރުކާރުގައި ފަށާފައިވާ ހުރިހައި މަސައްކަތްތަކެއް ހުއްޓުމަކަށް އައިސްފައިވާ ކަމަށެވެ.

"ރައީސް ވަހީދު މި ރާއްޖޭގެ ހަޔާތުގެ އެންމެ އުޖާލާ ދޮޅު އަހަރު ނަގާލައިފި. އެއީ ކުޑަ މިންވަރެއް ނޫން. އެނެއްކާ އަޅުގަނޑުމްން ޖެހޭނީ ކަންތައް ފަށައި ގަންނަން. އަޅުގަނޑުގެ ވެރިކަން ބަޢާވާތަކުން ބަދަލު ކޮށްލީމާ އަޅުގަނޑަށް މި ބަޢާވާތް ސިފަވަނީ ހުއްޓިފައި ހުރި އެއްޗެއްގެ ގޮތުގައި. ކޮންމެ ރަށަކަށް ދާއިރު ފެންނަނީ ފަށާފައިވާ މަޝްރޫޢު ތައް ހުއްޓިފައި ހުއްޓައި. ބަނދަރުތައް ހުއްޓިފައި. ނަރުދަމާތައް ހުއްޓިފައި. މަދުރަސާތައް އެއް ދަންފަޅި އަށް ހެދުން ހުއްޓިފައި. އާސަންދަ ބާސަންދަ އަކަށްވެފައި. ދަތުރުފަރު ކުރުން ހުއްޓިފައި ހުރިހައި ކަމެއް ހުއްޓިފައި. އެހެން ވީމަ އަޅުގަނޑަށް ހީވަނީ ވަހީދުގެ ކެންޕޭންގެ ސްލޯގަން އަކީ ހުއްޓިފައި ކަންނޭނގޭ" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނާއި އިދިކޮޅު ފަރާތް ތަކުން އެމަނިކުފާންގެ ވެރިކަން ބަދަލު ކުރެއްވީ ނަމުގައި ދީނާއި ގައުމަށްޓަކައި ކަމަށާއި އެހެން ނަމަވެސް ވެރިކަން ބަދަލު ވުމަށް ފަހު ގައުމުގެ ހުރިހައި ކަމެއް ހުއްޓުމަކަށް އިސްފައިވާ ކަމަށެވެ. އެގޮތުން އެމަނިކުފާންގެ ވެރިކަން ބަދަލުވުމަށް ފަހު އެންމެ ފުރަތަމަ ފެނިގެން ދިޔައީ އައްވަށްޓެރި ގައުމު ތަކާއި އޮތް ގުޅުން ކެޑިގެން ދިޔަ ތަން ކަމަށެވެ. އަދި ވިދާޅުވީ އެމަނިކުފާންގެ ވެރިކަން ބަދުލުވީ ސައްހަ ގޮތުގައި ނޫން ކަން ދުނިޔޭގެ ހުރިހައި ގަައުމު ތަކަކުން ވެސް ދެކޭ ކަމަށެވެ. އަދި ރައީސް ވަހީދުގެ ވެރިކަން ދުނިޔޭގެ ގައުމު ތަކުން ބަލައިގަތީ ދުނިޔޭގެ ގައުމުތަކުން ރާއްޖޭގެ ވެރިކަން ކުޑަ ވަގުތު ކޮޅަކަށް ނަމަވެސް ހުސް ކަމެއްގެ ތެރެއަށް ދާން ބޭނުން ނުވާތީ ކަމަށެވެ.

ކުރިއަށް ރިޔާސީ އިންތިހާބުގައި އެމަނިކުފާނާއި ވާދަ ކުރައްވާ ފަރާތް ތަކާއި ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނާއި އިދިކޮޅު ހުރިހައި ފަރާތް ތަކަކީ ވެސް މިހާރު ރާއްޖޭގެ ގާއިމް ކުރެވިފައިވާ ސިޔާސީ ނިޒާމް ބަލައިގެނެފައިވާ ބައެއް ނޫން ކަމަށެވެ. އެގޮތުން އެމަނިކުފާން ވިދާޅުވީ އެމަނިކުފާންގެ ވާދަ ވެރިންނަކީ ޕާޓީ ސިސްޓަމް ބަލައިގަންނަން ބޭނުންވީ ބައެއް ނޫން ކަމަށާއި އަދި ހިޔާލު ފޫލުކުރުމުގެ މިނިވަން ކަމާއި އެ ނޫން ވެސް ކަންތައްތައް އެ ބޭފުޅުން ހިފައްޓާފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އެހެން ކަމުން ކުރިއަށް ރިޔާސީ އިންތިހާބުގައި ރައްޔިތުން އެކަންތައް ތަކަށް ސަމާލު ކަން ދޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ އެމަނިކުފާންގެ ސިޔާސަތަކީ ވިޔަފާރި ކުރާން ބޭނުންވާ ފަރާތްތަކަށާއި އަދި އެހެނިހެން ރޮނގުރޮނގުން ވެސް ކުރިއަށް ދާން ބޭނުންވާ ފަރާތް ތަކަށް ފަސޭހަ ކަމާއި އެކު ކުރިއަށް ދެވޭނެ މަގު ތަނަވަސް ކޮށްދިނުން ކަމަށެވެ. އެގޮތުން މަސްވެރިކަމާއި ކުދި ވިޔަފާރި ކުރާންބޭނުންވާ ފަރާތް ތަކެއް ވެސް އެ ކަން ކުރެވޭނެ އެންމެ އަވަސް ނިޒާމެއް ގާއިމް ކުރުމަކީ އެމަނިކުފާންގެ ސިޔާސަތެއް ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ރާއްޖޭގެ ރަށްތައް ދަތުރު ފަތުރު ކުރުމުގެ ނިޒާމަކުން ގުޅުވާލުމާއި ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ 1980 އަހަރު ތަކުން ފެށިގެން ރާއްޖޭގައި ދަތުރު ފަތުރު ކުރުމުގެ ނިޒާމެއް ގާއިމް ކުރުމާއި ގުޅޭ ގޮތުން ތަފާތު އެކި ދިރާސާތައް ކުރެވެމުން އައިސްފައިވާ ކަމަށެވެ. އެހެން ނަމަވެސް ރާއްޖޭގައި ދަތުރު ފަތުރު ކުރުމުގެ ނިޒާމެއް ގާއިމް ކުރުމަށްޓަކައި ދިރާސާ ތަކެއް ކުރާން ޖެހޭ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. ސަބަބެއް ކަމަށް އެމަނިކުފާން ވިދާޅުވީ ރާއްޖެ އަކީ ކުދި ޖަޒީރާ ރަށްތަކެއްގެ ގޮތުގައި އުފެދިފައިވާ ގައުމެއް ކަމަށް ވާތީ ކަމަށެވެ. އަދި އެމްޑީޕީގެ ވެރިކަމެއްގައި ރާއްޖޭގައި ފުރިހަމަ ދަތުރުފަތުރު ކުރުމުގެ ނިޒާމެއް ގާއިމް ކޮށްދެއްވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.