ހުރަވީ ދުވަސް ފާހަގަކުރުމުގެގޮތުން މާދަމާ ހަވީރު އޮލިމްޕަހުގައި ގައުމީ ބަހުސެއް ބޭއްވުމަށް ނިންމާފައިވާކަމަށް ދިވެހި ބަހުގެ އެކަޑަމީއިން ބުނެފިއެވެ.

އެ އެކަޑަމީގެ ރައީސް އަޝްރަފް އަލީ މިއަދު ސަން އޮންލައިނަށް ދެއްވި އިންޓަވިއޫއެއްގައި ވިދާޅުވީ ހުރަވީ ދުވަސް ފާހަގަކުރުމުގެ ގޮތުން ކުޅަދާނަ ބަހުސް ކުރުންތެރިންތަކަކާއެކު މާދަމާ ހަވީރު އޮލިމްޕަހުގައި ގައުމީ ބަހުސެއް ބޭއްވުމަށް ނިންމާފައިވާކަމަށެވެ. އަދި އެބަހުސްގެ އެއްކޮޅު މައުލޫއަކީ "ދިވެހި ގައުމިއްޔަތަށް ދިވެހިން ސަމާލުކަންދޭ" ކަމަށްވާއިރު އަނެއްކޮޅުގެ މައުލޫއަކި "ދިވެހިން ދިވެހި ގައުމިއްޔަތައް ސަމާލުކަންނުދޭ" ކަމަށެވެ.

"މިބަހުސްކުރަނީ ކުރިންސުރެ ބަހުސްކުރައްވާ މޮޅެތި ބަހުސް ކުރިންތެރިން، އޭގެ ތެރޭގައި ދިޓީވީގައި މިހާރު އުޅުއްވާ މަސްއޫދު އަލީ އާއި އަޝްރަފް ދެން އަންވަރު، ފަދަ ބޭފުޅުން ހިމެނޭ،" އަޝްރަފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ބަހުސް ބައްލަވާލެއްވުމުގައި ރައީސް ޖުމްހޫރިއްޔާ އާއި ސަރުކާރުގެ އިސްވެރިން ބައިވެރިވާއިރު އާންމުނަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އަދި އެބަހުސް އަކީ ބަހުސްކުރުމުގެ އުސޫލުތައް ދަސްކޮށްދިނުމާއި ގައިމާއި ދޭތެރޭ ވިސްނާލުމުގެ ފުރުސަތެއް ދިނުމަށް ބާއްވާ ބަހުސް އެއްކަމަށް ވިދާޅުވި އެވެ.

އަޝްރަފް ވިދާޅުވީ ހުރަވީ ދުވަސް ފާހަގަކުރުމުގެ ގޮތުން ދުވަހުގެ މުނާސަބަތުގައި ސާނަވީ ސުކޫލުތަކަށް ހުޅުވާލައިގެން ތާރީހީ ސުވާލު މުބާރާތެއް މިއަދު ބާއްވާފައިވާ ކަމަށެވެ. އަދި މިއަންނަ އަހަރުން ފެށިގެން ގައުމީ ސުވާލު މުބާރާތެއްގެ ގޮތުގައި އެތާރީހީ ސުވާލު މުބާރާތް ކުރިއަށްގެންދިއުމަށް ނިންމާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ހުރަވީ ދުވަހަކީ މިއަދު ކަމަށްވާއިރު ކޮންމެ އަހަރަކުވެސް ހުރަވީ ދުވަސް ފާހަގަކުރަމުންދަނީ އަލްސުލްތޯން ގާޒީ ހަސަން އިއްޖުއްދީން (ދޮންބަންޑަރައިން) މަލާބާރީންގެ އަތް ދަށުން ރާއްޖެ ސަލާމަތްކުރުމަށްކުރުމަށް ކުރި މަސައްކަތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުންނެވެ.