ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގައި ޖަރުމަންގެ ބޮރޫސިއާ ޑޯޓްމުންޑަށް ސްޕެއިންގެ ރެއާލް މެޑްރިޑްގެ ކޯޗް ހޯސޭ މޮރީނިއޯ ބޮޑު އިޚްތިރާމެއް ކުރާ ކަމުގައި ޖަރުމަންގެ ކުރީގެ ތަރި ސްޓެފަން އެފެންބާގް ބުނެފި އެވެ.

ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި ބޮރޫސިއާ ޑޯޓްމުންޑާއި ދެކޮޅަށް ރެއާލް މެޑްރިޑް ނުކުންނަން ޖެހިފައިވާއިރު، ގްރޫޕް ސްޓޭޖްގައި ވެސް މިދެޓީމް ބައްދަލުކޮށްފައި ވެއެވެ. ގްރޫޕް ސްޓޭޖްގެ ފުރަތަމަ މެޗު 2-2 ލަނޑުން އެއްވަރުވި ނަމަވެސް ފަހު މެޗު 2-1 ލަނޑުން ކާމިޔާބުކޮށްފައި ވަނީ ޑޯޓްމުންޑް އިންނެވެ.

މިދިޔަ ސީޒަންގެ ޖަރުމަން ލީގު ކާމިޔާބުކުރި ޑޯޓްމުންޑް އަތުން މިސީޒަންގެ ލީގު ގެއްލިފައިވާއިރު، މިދިޔަ ސީޒަންގެ ސްޕެނިޝް ލަލީގާ އަތުން ވެސް އެތަށި ގެއްލިގެން ދިއުމާއި ވަނީ ގާތްވެފަ އެވެ. އެހެންކަމުން މިދެޓީމް ވެސް ސެމީ ފައިނަލަށް ނުކުންނާނީ މިސީޒަންގައި ތައްޓެއް ހޯދުމުގެ ނިޔަތުގައި ކަމަށް ގަބޫލުކުރެވެ އެވެ.

"މީގެ ހަފްތާތަކެއް ކުރިން އަހަރެން މޮރީނިއޯ އާއި ވާހަކަދެއްކިން. ޑޯޓްމުންޑަށް ބޮޑު އިޚްތިރާމެއް ކުރާކަމަށް އޭނާ ބުނި. ޑޯޓްމުންޑަށް މެޑްރިޑް ބަލިކުރެވިއްޖެނަމަ، އެއީ ވަރަށް ވަރުގަދަ މޮޅަކަށް ވާނެ. އެމީހުން ވަނީ އެންމެން ހައިރާންކޮށްލާފައި. ގްރޫޕް ސްޓޭޖް އަށް ވުރެ، މެޑްރިޑުން މިހާރު ދައްކަމުންދަނީ ވަރަށް ވަރުގަދަ ކުޅުމެއް. ނަމަވެސް ޑޯޓްމުންޑަށް މެޑްރިޑް ބަލިކުރެވިދާނެ." އެފެންބާގް ބުންޏެވެ.

ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގައި އަނެއްކޮޅުން ވާދަކުރަން ޖެހިފައިވަނީ ޖަރުމަންގެ ބަޔާން މިއުނިކާއި ސްޕެއިންގެ ބާސެލޯނާ އެވެ. އަންނަ ސީޒަނުން ފެށިގެން ބަޔާންގެ ކޯޗުކަމާއި ހަވާލުވާ ބާސާގެ ކުރީގެ ކޯޗު ޕެޕް ގާޑިއޯލާގެ ފަރާތުން އިރުޝާދެއް ހޯދަފާނެތޯ ސުވާލުކުރުމުން އެފެންބާގް ބުނީ އެއްވެސް އިރުޝާދެއް ނުހޯދާނެ ކަމަށެވެ.

"ގާޑިއޯލާގެ އިރުޝާދެއް ނުހޯދާނެ. ޔުޕް ހެނީކޭސް އަކީ ތަޖުރިބާކާރު ކޯޗެއް. ކަންތައް ކުރަންވީގޮތް އޭނާއަށް އެނގޭނެ. ބާސާ އަށް ކުޑަ ފައިދާއެއް އޮތްކަމުގައި ވިޔަސް، ބަޔާން އަކީ ވަރަށް ވަރުގަދަ ޓީމެއް. ބަޔާން އިން ހަމައެކަނި މެސީ ހިފަހައްޓަން މަސައްކަތްކޮށްގެން ނުވާނެ. މެސީ އަކީ މުޅިން ހިފަހެއްޓިދާނެ ކުޅުންތެރިއެއް ނޫން." އެފެންބާގް ބުންޏެވެ.

މިސީޒަނުގެ ސެމީ ފައިނަލަށް ދަތުރުކުރި ބަޔާން އާއި، މެޑްރިޑް އަދި ބާސާ ވަނީ މިދިޔަ ސީޒަންގެ ސެމީ ފައިނަލްގައި ވެސް ކުޅެފަ އެވެ. މިދިޔަ ސީޒަންގެ ޗެމްޕިއަންސް ލީގު ކާމިޔާބުކުރީ މިސީޒަންގެ ގްރޫޕް ސްޓޭޖުން ކެޓި ޗެލްސީ އެވެ. ޗެލްސީ އިން ޗެމްޕިއަންސް ލީގު ކާމިޔާބުކުރީ ފައިނަލްގައި ބަޔާން ބަލިކުރުމަށް ފަހުއެވެ.