13 Apr 2013, 12:37
މަސްތުވާތަކެތި ބޭނުންކުރި މީހަކު ތިން އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.
އެ ހުކުމް ކޮށްފައި ވަނީ މއ. ރީނދޫމާގޭ އަހްމަދު ނަސީމްގެ މައްޗަށެވެ.
ކްރިމިނަލް ކޯޓުން އަންގާރަ ދުވަހު ކުރި ހުކުމްގައި ބުނަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ހަތަރު ވަނަ ދުވަހުގެ ރޭ 10:38 ހާއިރު މ. ބައުލްޑާގޭގެ ކައިރީ ހުއްޓާ ފުލުހުން އޭނާ ހައްޔަރުކޮށް ޗެކްކުރި އިރު އޭނާގެ އަތުން މަސްތުވާތަކެތި ފެނިފައިވާކަމަށެވެ.
އޭނާގެ ފަޓުލޫނުގެ ޖީބުން ނެގި ސިނގިރޭޓް ފޮށްޓެއްގެ ތެރެއިން 0.3691 ގްރާމް ޑައިމޯފިން ހުރިކަން އެތަކެތީގެ ތަހުލީލު ރިޕޯޓުން އެނގޭ ކަމަށް ވެސް ކްރިމިނަލް ކޯޓުގެ ހުކުމްގައި ބުނެފައި ވެއެވެ.
އޭނާ އަކީ މަސްތުވާތަކެތި ބޭނުންކުރާ އަދި އެއަށް ދެވިހިފާފައިވާ މީހެއްކަމަށް ބުނެ ދައުލަތުން ކުރި ޑައިމޯފިން ބޭނުންކުރުމުގެ ދައުވާ އަށް ޝަރީއަތުގެ މަޖިލީހުގައި އިއުތިރާފުވެފައިވާ ކަމަށް ވެސް އެ ހުކުމްގައި ބުނެފައި ވެއެވެ.