ރައްޔިތުން އެދޭ ބަދަލު ގެނައުމަށްޓަކައި ޖަޒުބާތުގައި ޖެހިވަޑައިނުގެން ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވޯޓު ދެއްވުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް އެދިވަޑައިގެންފި އެވެ.

ގާސިމް އެކަމަށް އެދިވަޑައިގަތީ ށ. ފުނަދޫގައި ރޭ ބޭއްވި ޖުމްހޫރީ ޕާޓީގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ގާސިމް ވިދާޅުވީ ވޯޓަކީ ގާތް އެކުވެރީންނާއި ފޮނި ބައިސާ ކަނޑުއްވާ ބޭފުޅުންނަށް ދެއްވަން ޖެހޭ އެއްޗެއްނޫން ކަމަށާއި ވޯޓުލާން ޖެހޭނީ ތިމާއަށް ފެންނަ އެންމެ ހަރުދަނާ މީހަކަށް ކަމަށެވެ.

ކޮންމެ މަގާމަކަށް ވެސް އިންތިޚާބު ކުރަންޖެހޭނީ ރައްޔިތުންގެ މުހުތާދުތަށް ދެނެވަޑައިގަންނަވާ ބޭފުޅަކު ކަމަށާއި ފާއިތުވެދިޔަތަނުގައި ލިބުނު ތަޖުރިބާއިން އިބުރަތް ހާސިލްކޮށް އެއްވެސް ކުލަޔަކަށް ބެލުމެއްނެތި ރައްޔިތުންގެ މުހުތާދުތައް ފިލުވައިދެއްވާނެ ވެރިޔަކު ހޮވުމަށް ވެސް ގާސިމް ވަނީ ގޮވައިލައްވާފަ އެވެ.

ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި އަންހެނުންގެ ކޮމިޓީ ތަކަކީ ބާރުވެރި ތަންތަނަށް ހައްދަވައި އެތަންތަނުގައި ތިއްބަވާ ބޭފުޅުންނަކީ ނަތީޖާ ނެރެދެއްވާ ބޭފުޅުންނަށް ހައްދަވާނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.

"ކަންތައްތައް އަޅުގަނޑުމެންގެ ހިތުގެ ތެރެއިން ނެރެ ނުވަތަ ތޮށިގަނޑު ފަޅާލާފައި އަޅުގަނޑުމެން ނުކުންނަންވެއްޖެ. ނިކުމެގެން އަޅުގަނޑުމެންގެ އަންހެނުންނާ ފިރިހެނުންނާ އެކީގައި އަޅުގަނޑުމެން މަސައްކަތް ކުރުމުގެ ރޫހެއް އާލާ ކުރަން ވެއްޖެ. އެހެންވީމަ އަޅުގަނޑު ދަންނަވާލަން ބޭނުމީ އަޅުގަނޑުމެންގެ ސަރުކާރެއްގައި އަންހެނުން ކުރިއަރުވާ ކޮމެޓީގެ މަސައްކަތް ވަރަށް ޒިންމާދާރުގޮތެއްގައި ކުރިއަށް ގެންދިޔުމަށްޓަކައި އަޅުގަނޑުމެންނަށް ދެވެން އޮތް ހުރިހާ އެއްބާރުލުމެއް ދޭނެވާހަކަ،" ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ ލާމަރުކަޒީ ނިޒާމަކީ ރައްޔިތުން އިތުބާރު ކުރާ ނިޒާމަކަށް ހައްދަވައި ކައުންސިލްތަކަށް ދޫކޮށްލަން ނުކެރުނު ބާރުތަށް ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ކައުންސިލްތަކަށް ދޫކޮށްލާނެ ކަމަށެވެ.

ރޭގެ ޖަލްސާގައި ފުނަދޫ ކައުންސިލްގެ ދެ މެންބަރަކާއި އެރަށުގެ ބައެއް މީހުން ވަނީ ޖުމްހޫރީ ޕާޓީއަށް ސޮއިކުރައްވާފަ އެވެ.