އިނގިރޭސި އެފްއޭކަޕް ސެމީފައިނަލުގައި މެންޗެސްޓާ ސިޓީއާ ދެކޮޅަށް ޗެލްސީ ކުޅެން ނުކުންނާނީ ކުރިން ސިޓީއާ ދެކޮޅަށް ކުޅުނު މެޗުގައި ހެދުނު "ގޯސްތައް" ރަނގަޅުކޮށްގެން ކަމަށް ޗެލްސީގެ ވަގުތީ ކޯޗް ރަފާ ބެނިޓޭޒް ބުނެފި އެވެ.

ޕްރިމިއާލީގުގައި މިދިޔަ ފެބްރުއަރީ މަހު އެ ދެ ޓީމު ބައްދަލު ކުރި މެޗުން ޗެލްސީ 2-0 ސުމަކުން ސިޓީއަތުން ބަލިވެފައިވީ ނަމަވެސް ވެމްބްލީ މާދަމާ ކުޅެން ހަމަޖެހިފައިވާ ސެމީ ފައިނަލުގައި ސިޓީއާ ދެކޮޅަށް ނުކުންނައިރު ބެނިޓޭޒް ބުނެފައި ވަނީ އޭނާގެ ޓީމުގެ ކުޅުމާ ދޭތެރޭގައި މިހާރު ހިތްހަމަ ޖެހޭ ކަމަށާއި އަދި ލީގުގައި ކުޅުނު މެޗުގައި ގޯސްކޮށްދިޔަ ކަންތައްތައް އަލުން ތަކުރާރުވިޔަ ނުދޭނޭ ކަމަށެވެ. ހަމަ އެހެންމެ ބެނިޓޭޒް ބުނީ ސިޓީއަކީ ވަރުގަދަ ޓީމެއް ކަމަށާއި ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުގައި ސިޓީން ވަނީ ވަރަށް ރަނގަޅަށް ކުޅެފައި ކަމަށާއި އެހެން ކަމުން އެފްއޭކަޕް ސެމީ ފައިނަލަކީ ފަސޭހަ މެޗަކަށް ވެގެން ނުދާނޭ ކަމަށެވެ.

ޔޫރޮޕާ ލީގުގެ ސެމީ ފައިނަލުން ވެސް ޖާގަ ހޯދާފައިވާ ޗެލްސީއަށް މާދަމާގެ ސެމީ ފައިނަލުގައި ސިޓީ ބަލިކުރެވިއްޖެނަމަ މިއަހަރު ވެސް ބޮޑު ދެ ޓްރޮފީ އުފުލައިލުމުގެ އުއްމީދު އެބައޮތެވެ. އެހެން ނަމަވެސް މި ސީޒަންގެ އެފްއޭ ކަޕްގައި މިހާތަނަށް ސިޓީކޮޅަށް ލަނޑެއް ވަދެފައި ނުވާއިރު ކައިރިކައިރީ މެޗުތަކެއް ކުޅެފައިވާ ޗެލްސީއާ ދެކޮޅަށް ސިޓީއިން ނުކުންނާނީ ފުރިހަމައަށް "ރެސްޓް" ކޮށްގެން ނުކުންނަ ޓީމެކެވެ. އެހެންކަމުން ސިޓީއަށް އެ ހިތްހަމަޖެހުން ވެސް އެބައޮތެވެ.

ބެނިޓޭޒް ބުނީ ވަރުބަލިކަމެއް ނެތް ސްކޮޑަކާއެކު ކުޅުން ނުކުންނައިރު ކޮންމެ ޓީމަކަށް ވެސް އެއީ ވަރަށް ބޮޑު "އެޑްވާންޓޭޖެއް" ކަމަށާއި އެހެން ނަމަވެސް 16 ދުވަހުގެ ތެރޭގައި ހަ ވަނަ މެޗާ ކުރިމަތިލާ ޗެލްސީއިން މިހާރު ދައްކަމުން އަންނަ ކުޅުމަށް ބަލާއިރު އެކުލަބުގެ ކުޅުންތެރިންނަށް އޭނާ ތައުރީފު ކުރާކަމަށެވެ.

އެފްއޭ ކަޕްގެ ސެމީފައިނަލުން ޗެލްސީ ޖާގަ ހޯދާފައި ވަނީ ކުއާޓާ ފައިނަލުގައި މެންޗެސްޓާ ޔުނައިޓް ބަލިކުރުމަށްފަހު އެވެ. އަދި ސިޓީ ސެމީއިން ޖާގަ ހޯދާފައިވަނީ ކުއާޓާގައި ބާންސްލީ ބަލިކުރުމަށްފަހު އެވެ.

އެފްއޭ ކަޕް ސެމީ ފައިނަލުގައި ޗެލްސީއާއި މެންޗެސްޓާ ސީޓީ ބައްދަލު ކުރާމެޗު ކުޅޭން ފަށާނީ ރާއްޖޭ ގަޑިން މާދަމާރޭ 9:00ގަ އެވެ.