މޫސުމަށް އަންނަ ބަދަލުތަކާއި ތިމާވެށި ހިމާޔަތްކުރުމުގެ ވާހަކަ ދުނިޔޭގައި އެންމެ އަޑުހަރުކޮށް ދައްކާ އެއް ގައުމަކަށް ރާއްޖެ ވާނެ އެވެ. އަދި ހަމަ އެހެންމެ ރާއްޖެއަކީ އެ މައްސަލަތަކުގެ ގެއްލުން އެންމެ ބޮޑަށް ފޯރާނެ ވެސް ގައުމެވެ. ނަމަވެސް މި އަހަރުގެ ދައުލަތުގެ ބަޖެޓް ފާސްކުރި އިރު އެފަދަ މަޝްރޫއުތަކަށް ދީފައި ވަނީ ވަރަށް ކުޑަ ބަޖެޓެކެވެ.

ރާއްޖެއަކީ ކާބަން ނިއުޓްރަލް ގައުމަކަށްވާ ދުނިޔޭގެ ފުރަތަމަ ގައުމުކަށް އިއުލާންކޮށްފައި ވީ ނަމަވެސް އެފަދަ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް އެކަށީގެންވާ ވަރާ ގާތަށް ވެސް ބަޖެޓްގައި ފައިސާ ހިމަނާފައެއް ނުވެ އެވެ. މަޝްރޫއުތައް ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި އެންވަޔަރްމެންޓް މިނިސްޓަރު ޑރ. މަރިޔަމް ޝަކީލާ ވިދާޅުވީ މަޝްރޫއުތައް ހަމަ އެކަނި އިއުލާން ކޮށްލެވޭ ވަރަށް ވެސް ފައިސާ ދީފައި ނުވާ ކަމަށެވެ.
އެކަމަނާ ވިދާޅުވަނީ ބަޖެޓުގައި ހުރި ތާށިކަމާ އެކުގައި ވެސް އެކި ގޮތްގޮތުން ފައިސާ ހޯދައިގެން މަޝްރޫއުތަކައިގެން ކުރިއަށް ވަޑައިގަންނަވަން މަސައްކަތްކުރައްވާ ކަމަށެވެ.

"ބަޖެޓްގައި ވަރަށް ތާށިކަން އެބަހުރި، އެހެން ނަމަވެސް އަޅުގަނޑުމެން ހަމަ އެކި ގޮތްގޮތަށް މަސައްކަތްތައް ރާވައިގެން، ބަޖެޓްގައި ހުރި ދަތިކަން އެއީ ހުރަހެއް ކަމަށް ނުހަދައި މަސައްކަތައިގެން ކުރިއަށް ދެވޭތޯ އަޅުގަނޑުމެން މި މަސައްކަތް ކުރަމުން ދަނީ،" މިނިސްޓަރީގެ މަސައްކަތްތަކާ ބެހޭ ގޮތުން މައުލޫމާތު ދެއްވުމަށް އެންމެ ފަހުން ނޫސްވެރިންނާ ބައްދަލުކުރެއްވި ދުވަހު މިނިސްޓަރު ޑރ. ޝަކީލާ ވިދާޅުވި އެވެ.

ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް ކަމަށް ބުނެ ސަރުކާރުން ހުށައެޅި ބަޖެޓުން އެތައް މިލިޔަން ރުފިޔާއެއް ރައްޔިތުންގެ މަޖިލީހުން ކަނޑާލިއިރު މިނިސްޓްރީގެ މަޝްރޫއުތަކުން ވެސް ވަނީ އެތައް މިލިޔަނެއް އުނިކޮށްފައެވެ. ނަމަވެސް ޝަކީލާ ވިދާޅުވީ މިހާރުވެސް 80 އަށް ވުރެ ގިނަ މަޝްރޫއުތައް ހިންގަވަމަން އެބަ ގެންދަވާ ކަމަށާއި އެއީ މިނިސްޓްރީގެ ތާރީހުގައި ވެސް އެންމެ ގިނަ މަޝްރޫއުތައް ހިންގަމުން ގެންދާ އަހަރު ކަމަށެވެ. އަދި އެ މަޝްރޫއުތަކުގެ އަގު ބިލިއަނެއްހާ ރުފިޔަށް އަރާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ޕްރޮޖެކްޓްތަކުގެ ތެރެއިން ގާތްގަނޑަކަށް އެއްބިލިޔަނެއްހާ ޕްރޮޖެކްޓަކީ ބޭރުގެ އެހީގައި އަންނަ ޕްރޮޖެކްޓްތައް" މިނިސްޓަރު ވިދާޅުވި އެވެ.

އަދި ވިދާޅުވި އެވެ. "ގާތްގަނޑަކަށް 80 އެތައް ޕްރޮޖެކްޓެއް މިނިސްޓްރީ ތެރޭގައި ހިނގަމުން އެބަދޭ އެކި ދާއިރާތަކުން، މިއަހަރު ތެރޭ މިވަނީ ވަރަށް ގިނަ މަޝްރޫއުތަކެއް ރޭވިފައި، އެއީ މިނިސްޓްރީގެ ތާރީހުގައި ވެސް މިހާތަނަށް ނުހިންގޭ ވަރުގެ މަޝްރޫއުތަކެއް،"

މިނިސްޓްރީން މިހާރު ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރޭގައި ރައްކާތެރި ގޮތުގައި ކުނިނައްތާލާނެ ނިޒާމުތައް ގާއިމްކުރުމުގެ 13 މަޝްރޫއަކާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ 10 މަޝްރޫއަކާއި ހަކަތަ އުފެއްދުމުގެ އެއް މަޝްރޫއާއި ފެނާއި ނަރުދަމާގެ 34 މަޝްރޫއު ހިންގަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ވިދާޅުވީ އެއީ ހަމައެކަނި ސަރުކާރުގެ ބަޖެޓުން ހިންގަމުން އަންނަ މަޝްރޫއުތައް ކަމަށާއި ބައިނަލް އަގުވާމީ އެހީގައި އެއަށް ވުރެ ގިނަ މަޝްރޫއުތައް ހިންގަމުން އަންނަ ކަމަށެވެ.

ބޭރުގެ އެހީގައި ކުރިން ހިންގަން ފަށާފައި، އެކި އެކި ސަބަބުތަކާ ހެދި އެހީލިބުން ހުއްޓިފައި ހުރި މަޝްރޫއުތައް ވެސް އެހީ އަލުން ލިބިގެން މިހާރު އަލުން ފަށައިގެން ކުރިއަށް އެބަދާ ކަން ވެސް އެކަމަނާ ފާހަގަ ކުރެއްވި އެވެ.

ބޭރުގެ އެހީ އެންމެ ގިނައިން ރާއްޖެއަށް ލިބެނީ މޫސުމަށް އަންނަ ބަދަލުތަކާ ތިމާވެށި ހިމާޔަތްކުރުމާ ގުޅުން ހުރި އެކި އެކި ކޮންފަރެންސްތަކުގެ ތެރެއިން ލިބުނު އެހީއެވެ. އެއީ މިދާއިރާއިން ރާއްޖޭން ކުރާ މަސައްކަތްތައް ވެސް ރަނގަޅުވީމާ ލިބޭ އެހީކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"މީގެ ކުރީގައި ދިމާވި އެކި މައްސަލަތަކާ ހެދީ ބޭރުގެ އެހީ ހުއްޓިފައި ހުރި ހުރިހާ މަސައްކަތްތަކެއް ވެސް އަޅުގަނޑުމެންނަށް އަލުން އަނބުރާ ލިބިއްޖެ، އަލުން އަނބުރާ ލިބިގެން އެމަސައްކަތަތް ވެސް ކުރިއަށް އެބަގެންދަން، އަޅުގަނޑުމެންގެ އެކި އެކި މަސައްކަތްތައް ރޭވުމުގައި އެހީތެރިކަން ގިނަ ފަހަރަށް ލިބެމުން މިއަންނަނީ ކްލައިމެޓްޗޭންޖްގެ ދާއިރާއިންނާއި ތިމާވެށީގެ ދާއިރާއިން ބޭރުގެ އެކި އެކި ގައުމުތަކާ، ބޭރުގެ އެކި އެކި ކޮންފަރެންސްތަކުގެ ކުރެވޭ މުއާމަލާތާ، މޫސުމަށް އަންނަ ބަދަލުން އަޅުގަނޑުމެންނަށް މިދިމާވަމުންދާ ދަތިކަތާ ހުރަސްތަކާ ހެދި އަޅުގަނޑުމެންނަށް ދިމާވާ އުނދަގޫތަކުން ސަލާމަތްވުމަށް ކުރެވޭ މަސައްކަތުން" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓްރީން ކުރާ މުހިއްމު މަސައްކަތްތަކުގެ ތެރެއިން 31 އެއްރަށެއްގެ ފެނާއި ނަރުދަމާގެ މަސައްކަތުގެ ޑިޒައިންނިން މަސައްކަތް އަންނަ މޭމަހާ ހިސާބުގައި ފެށި، މިއަހަރުގެ ފަހުކޮޅު އަމަލީ މަސައްކަތްތައް ފެށުމަށް މިނިސްޓްރީން އުއްމީދުކުރެ އެވެ. އަދި އިއާދަކުރަނިވި ހަކަތައިގެ މަސައްކަތަށް އެކި ގައުމުތަކުން ދޭ ހިލޭ އެހީގެ ގޮތުގައި 30 މިލިޔަން ޑޮލަރު މިދިޔަ އަހަރު ލިބިފައިވާ ކަމަށާއި އެކަމަށް ބޭނުންވާ ޖުމްލަ 130 މިލިޔަން ޑޮލަރު އެފަދަ މަޝްރޫއުތަކަށް ހަރަދުކުރަން ނިންމާފައި ވާއިރު އެ ފައިސާގެ ބައެއް ޕްރައިވެޓް ސެކްޓާއިން ހޯދުމަށް ނިންމާފައިވާ ކަމަށް ސްޓޭޓް މިނިސްޓަރު އަބުދުލް މަތީނު މުހައްމަދު ވިދާޅުވި އެވެ.

"ޕްރައިވެޓް ސެކްޓާގެ އިންވެސްޓަރުން އެކަމަށް އަހުލުވެރިކުރުމަށްޓަކައި ބާއްވާ ފުރަތަމަ ވޯކްޝޮޕް މިމަހުގެ 17 ވަނަ ދުވަހު ބާއްވަން ވަނީ ނިންމާފައި،" މަތީނު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިއާދަކުރަނިވި ހަކަތަ އުފެއްދުމުގެ މަޝްރޫއުތަކަށް އިވެސްޓްކުރާނެ ބޭރުގެ އިންވެސްޓަރުން ހޯދުމަށްޓަކައި ބައިނަލް އަގުވާމީ އިންވެސްޓަރުން ބައިވެރިވާ ވޯކްޝޮޕެއް ޖޫންމަހު ބޭއްވުމަށް ވެސް ހަމަޖެހިފައިވާ ކަމަށެވެ.

ރާއްޖޭގެ 15 ރަށެއްގައި އިއާދަކުރަނިވި ހަކަތަ އުފައްދައި ސަރުކާރަށް ވިއްކުމަށް ޕްރައިވެޓް ސެކްޓާއަށް ހުޅުވާލައްވާފައިވާ ކަމަށާއި އެކަމަށް އިންވެސްޓަރުންގެ ޝައުގުވެސް އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ސަރުކާރުން ހިންގާ އެފަދަ އެއް މަޝްރޫއު ގދ. ތިނަދޫއަށް ބޭނުންވާ ކަރަންޓްގެ 30 އިންސައްތަ ކަރަންޓް ސޯލާ ހަކަތައިން އުފެއްދުމެވެ. އެ މަޝްރޫއު މިހާރު ވަނީ ކޮންޓްރެކްޓަރަކާ ހަވާލުކޮށްފައި ކަމަށް މަތީނު ވިދާޅުވި އެވެ.

މިނޫންވެސް މިފަދަ އެތައް މަޝްރޫއެއް އެންވަޔަރްމެންޓް މިނިސްޓްރީން ދަނީ ހިންގަމުންނެވެ. "މަސައްކަތަށް ދުނިޔޭގެ ތައުރީފު ވެސް ލިބޭ ކަމަށް،" މިނިސްޓަރު ވިދާޅު ވަނީ އެހެންވެ އެވެ. މިނިސްޓަރު ވިދާޅުވަނީ މިއުޅުއްވަނީ ކަމެއް ކުރެވޭތޯ ކަމަށެވެ. ނަމެއް ހޯއްދަވަން ނޫން ކަމަށެވެ.