13 Apr 2013, 09:10
ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި ސްޕެއިންގެ ބާސެލޯނާ އާއި ދެކޮޅަށް ނުކުންނަން ޖެހުނަސް ބާސާގެ ކުރީގެ ކޯޗް އަދި އަންނަ ސީޒަނުގައި ބަޔާން އާއި ހަވާލުވާ ކޯޗް ޕެޕް ގާޑިއޯލާގެ އެހީއަކަށް ނޭދޭނެ ކަމުގައި ބަޔާންގެ މިހާރުގެ ކޯޗް ޔުޕް ހޭންކޭސް ބުނެފި އެވެ.
ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ގުރުލުމަށްފަހު، ބާސާ އާއި ދެކޮޅަށް ބަޔާން ނުކުންނަން ޖެހޭތީ ގިނަބަޔަކު ސުވާލު އުފައްދަމުން ދިޔައީ ގާޑިއޯލާގެ އެހީއަކަށް ހޭންކޭސް އެދިދާނެތޯ އެވެ. ބާސާ އާއި ދެކޮޅަށް ނުކުންނައިރު، ގާޑިއޯލާގެ އެހީތެރިކަން ބޮޑުކަމަށް ބައެއް މީހުން ގަބޫލުކުރެ އެވެ.
"އަހަރެންނަށާއި އަހަރެންގެ މަސައްކަތަށް އިޚްތިރާމްކުރޭ. އަހަރެން އެއް އިރެއްގައި ވެސް އެކަކުގެ އެހީއެއް ނުހޯދަން. އެހެންކަމުން ގާޑިއޯލާގެ އެހީތެރިކަމަކަށް ވެސް އަހަރެން ނޭދޭނަން." ނޫސްވެރިންނާއި ވާހަކަދައްކަމުން ހޭންކޭސް ބުންޏެވެ.
ބަޔާން އާއި ބާސާ ބައްދަލުކުރާ މެޗު ފޯރިގަދަވާނެ ކަމަށާއި ބަޔާން އިން ނުކުންނަނީ ހޭންކޭސްއަށް ވަރަށް ރަނގަޅަށް އެނގޭ ޓީމަކާއި ދެކޮޅަށް ކަމަށް ހޭންކޭސް ބުނެފައި ވެއެވެ. "އަހަރެމެންނަށް ފެނިގެންދާނީ ވަރުގަދަ ދެމެޗު. ދެޓީމަކީ ވެސް އެޓޭކިންގް ގޭމަކަށް ބޭނުންވާ ޑިފެންސިވް ގޭމެއް ކުޅޭ ދެޓީމު. އަހަރެން ކުރިން ބުނިން ޔުވެންޓަސް އާއި އެއްކޮށް ކުޅުނު އިރު، ފުރަތަމަ ލެގް އަމިއްލަ ދަނޑުގައި ކުޅެން ޖެހުމަކީ ދެރައެއް ކަމަކަށް. ނަމަވެސް ދެވަނަ ލެގް ކޭމްޕް ނޯ ގައި ކުޅެން ޖެހުމަކީ އުނދަގޫ ކަމައް. އަހަރެންނަށް ވަރަށް ރަނގަޅަށް އެނގޭ ސްޕެއިންގެ ކުޅުން،" ހޭންކޭސް ބުންޏެވެ.
ބާސާ އަކީ ހަމައެކަނި ލިއޮނެލް މެސީ ކަމުގައި ބައެއް މީހުން ދެކުނު ކަމުގައި ވިޔަސް، ހޭންކޭސް އެކަމާއި ދެކޮޅު ހަދައެވެ. "ބާސާ އަކީ ހަމައެކަނި މެސީ އެއް ނޫން. އެޓީމްގައި މޮޅެތި ގިނަ ކުޅުންތެރިންތަކެއް އެބަތިބި. މެސީގެ އިތުރުން ޒަވީ އާއި، އަންދްރޭސް އިނިއެސްޓާ އާއި، ސާޖިއޯ ބުސްކެޓްސް އާއި، ސެސް ފެބްރިގާސް އަދި ޑޭވިޑް ވިޔާއަކީ ވެސް ބާސާގައި ހިމެނޭ މޮޅެތި ކުޅުންތެރިން،" ހޭންކޭސް ބުންޏެވެ.
މިދިޔަ ސީޒަންގެ ސެމީ ފައިނަލްގައި ބަޔާން ބައްދަލުކުރަން ޖެހުނީ ސްޕެއިންގެ ރެއާލް މެޑްރިޑާއި ދެކޮޅަށެވެ. މިދިޔަ ސީޒަންގެ ފައިނަލަށް ބަޔާން ދަތުރުކުރީ ޕެނަލްޓީ ޖަހައިގެން މެޑްރިޑް ބަލިކުރުމަށް ފަހުއެވެ. ނަމަވެސް ފައިނަލްގައި ބަޔާން އަށް ޗެމްޕިއަންކަން ގެއްލުނީ ވެސް ޕެނަލްޓީ ޖަހައިގެން ޗެލްސީ އަތުން ބަލިވެގެންނެވެ. މިސީޒަންގެ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގައި އަނެއްކޮޅުން ވެސް ބައްދަލުކުރާނީ ސްޕެއިންގެ ޓީމަކާއި ޖަރުމަންގެ ޓީމެކެވެ. އަނެއްކޮޅުން ސެމީގައި ބައްދަލުކުރާނީ މިދިޔަ ސީޒަންގެ ސްޕެއިން ޗެމްޕިއަން މެޑްރިޑާއި ޖަރުމަން ޗެމްޕިއަން ބޮރޫސިއާ ޑޯޓްމުންޑެވެ.