ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ހޫނުވެ ތިން މެންބަރެއްގެ ނަން އިއްވަވައި ޖަލްސާ ދޫކުރެއްވުމަށް އެންގެވުމަށް ފަހު، އެ މެންބަރުން ނުކުންނަވަންދެން ކަމަށް ވިދާޅުވެ، ޖަލްސާ މެދުކަނޑާލައިފި އެވެ.


މިއަދު ނަން އިއްވެވި ތިން މެންބަރުންނަކީ ތޮއްޑޫދާއިރާގެ އަލީވަހީދާއި މެދު ހެންވޭރު ދާއިރާގެ އަލީ އާޒިމާއި ވިލިމާފަންނު ދާއިރާގެ އަހްމަދު ނިހާން އެވެ. 


ނިޒާމީ މައްސަލައިގައި ޖަލްސާ ހޫނުވެ އަޑުގަދަކުރައްވައި ރައީސް ނަޝީދުގެ އިސްތިއުފާއަށް ގޮވައި ރިޔާސަތުން އެންގެވި އެންގެވުންތަކަށް ކިޔަމަން ނުވުމުން ތަކުރާރުކޮށް އިންޒާރު ދެއްވުމަށް ފަހު އެ މެންބަރުންގެ ނަން އިއްވަވައި އެ މެންބަރުން ނުނިކުންނެވުމުން، 9:53 ގައި ރިޔާސަތުން ޖަލްސާ މެދުކަޑުއްވާލެއްވީ ދެން ޖަލްސާ ކުރިއަށް ގެންދަވާނީ، އެ މެންބަރުން ނިކުންނެވުމުންކަމަށް ވިދާޅުވެ.


ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ އަށް ބަހުސްނުކުރެވި ރައްޔިތުންގެ މަޖިލީހުގައި އެއްވެސްކަމެއް ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ މިއަދުގެ ޖަލްސާ ވެސް ނިޒާމީ މައްސަލަތަކުގައި ހޫނުވި އެވެ.


ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަދި ދިއްގަރު ދާއިރާގެ އަހްމަދު ނާޒިމު، މިއަދުގެ ޖަލްސާ ފެއްޓެވުމަށް ފަހު އެޖެންޑާ އިއްލާންކުރެއްވި ހިސާބުން ފެށިގެން ޑީއާރުޕީގެ މެންބަރުން ނަންގަވަން ފެއްޓެވި ނިޒާމީ މައްސަލަތަކުގައި ވިދާޅުވީ، ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ވަކި ގޮތަކަށް ނިމެންދެން ވަޒީރުންނަށް ރުހުން ދިނުމާ ގުޅޭ އެއްވެސް މައްސަލައެއް މަޖިލީހުގައި ކުރިއަށް ނުގެންދިއުމަށް ސުޕްރީމްކޯޓުން ކޮށްފައިވާ ރޫލިންއަށް ހުރުމަތްތެރިކޮށް ހިތުމުގެ ގޮތުން އެކަމަށް ގޮތެއްނިމެންދެން މަޖިލީހުގެ މަސައްކަތް ހުއްޓައިލަން ފެންނަ ކަމަށެވެ. އަދި ވަޒީރުންގެ މައްސަލަ މިއަދުގެ ޖަލްސާގެ އެޖެންޑާގައި ނެތުމުން އެޖެންޑާ އިން އެ މައްސަލަ ނުނެގޭނެ ކަމަށާއި އެކަން ކުރެވޭނީ ސިޔާސީ ޕާޓީތަކާ މަޝްވަރާ ކުރެއްވުމަށް ފަހުގައި ކަމަށް ވެސް އެ މެންބަރުން ވިދާޅުވަމުން ގެންދެވި އެވެ. އަދި ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައާ ގުޅުން ހުރި އެއްވެސްކަމެއް ކުރިއަށް ނުގެންދެވޭނެ ކަމަށް ކޯޓުން އަމުރުކޮށްފައިވާހިނދު، މަޖިލީހުގައި ކުރިއަށްދާ ކޮންމެ ބިލަކީ އަދި ކޮންމެ މައްސަލައަކީ، ވަޒީރުންނާ ގުޅިފައިވާ ކަންކަމަށްވުމުން ވަޒީރުންނާ ގުޅޭ ގޮތުން ވާހަކަ ނުދައްކައި މަޖިލިސް ކުރިއަށް ނުގެންދެވޭނެތީ ވެސް މަޖިލިސް ހުއްޓާލަން ޖެހޭ ކަމަށް ވެސް އެ މެންބަރުން ވިދާޅުވަމުން ގެންދެވި އެވެ.


އެ މެންބަރުންނަށް ޖަވާބު ދެއްވަމުން ރިޔާސަތުން ވިދާޅުވީ، މަޖިލީހުގެ ޖަލްސާގެ އެޖެންޑާ އެކުލަވާލުމަކީ މަޖިލީހުގެ ގަވާއިދުން މަޖިލީހުގެ ރައީސަށް ލިބިގެންވާ ބާރެއް ކަމަށެވެ.


ދާދިފަހުން ބޭއްވި މަޖިލީހުގެ ޖަލްސާއެއްގައި ވެސް ނަން އިއްވެވި ނޮޅިވަރު ދާއިރާގެ މެންބަރު މުހަންމަދު ނަޝީދު ޖަލްސާ އިން ނުނިކުންނެވުމުން ސިފައިން ވެސް ހާޒިރު ކުރި އެވެ. ނަމަވެސް އޭނާ ޖަލްސާ އިން ނުކުންނެވުމަށް އިއުތިރާޒުކުރެއްވުމުން، މަޖިލީހުގެ ސިކިއުރީޓީ ބަލަހައްޓާ ސިފައިން ދިޔައީ އެވެ.


9:55


ނަން އިއްވި މެންބަރު ނިކުމެވަޑައިގަންނަވަން ދެން ޖަލްސާ މެދުކަނޑާލައިފި އެވެ.


މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމުގެ ނަން ވެސް އިއްވަވައި ޖަލްސާ ދޫކުރެއްވުމަށް އެންގެވި އެވެ.


9:54


ވިލިމާފަންނު ދާއިރާގެ މެންބަރު ނިހާނު ހަސަން މަނިކުގެ ނަން އިއްވައި ޖަލްސާ ދޫކުރެއްވުމަށް އަންގަވައިފި އެވެ.


9:52


ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު ޖަލްސާ ދޫކޮށް ދިއުމަށް އަމުރުކޮށްފި އެވެ.


9:47


ރިއާސަތުން ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ މެންބަރުން އިށީދެނދެވަޑައިގަތުމަށެވެ.


9:36


ރިއާސަތުން ވިދާޅުވަމުން ގެންދަވަނީ އެޖެންޑާ ކަނޑައެޅުމުގެ ފުރިހަމަ އިހުތިޔާރު ރިއާސަތަށް ލިބިގެންވާ ކަމަށާއި އެޖެންޑާ ކަނޑައަޅާފައި ވަނީ އެގޮތަށް ކަމަށެވެ.


9:34


ބައެއް މެންބަރުން ވިދާޅުވަމުން ގެންދަވަނީ އެޖެންޑާ ކަނޑައަޅުއްވާފައި ވަނީ ސިޔާ ޕާޓީތަކާ ވާހަކަ ދައްކައިގެން ނޫން ކަމަށާއި ޕާޓީތަކާ ވާހަކަ ދައްކައިގެން އެޖެންޑާ ކަނޑައެޅުމަށެވެ.


9:32


އެއް މެންބަރު އަނެއް މެންބަރަށް އަތް އުއްކަވައި ހަޅޭއްލައްވަން ފައްޓަވައިފި އެވެ.


9:30


މާލަމުގައި ގިނަ ބޭފުޅުން ތިއްބެވީ ކޮޅަށެވެ.


 


ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު ވިދާޅުވީ "އުނބަށް ޖެހި ވަޒީރުންނާއި ބުއްދި ފިލާފައިވާ ރައީސުން" އިސްތިއުފާ ދެއްވަން ޖެހޭ ކަމަށެވެ.


9:27


ޖަލްސާ ފެއްޓުނުތާ ބައިގަޑި އިރުވާން ގާތްވާއިރު ވެސް އެޖެންޑާގައި އޮތް މައްސަލަ އާ ހަމަ އަށް ދެވޭ ވަރެއް ނުވެ އެވެ.


މިއަދުގެ ޖަލްސާ އަށް އެޖެންޑާކޮށްފައި ވަނީ ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު ހުށަހަޅުއްވާ ހަޅުތާލުކުރުމުގެ ބިލެވެ.


9:22


ބައެއް މެންބަރުން ވިދާޅުވަމުން ގެންދަވަނީ މިއަދުގެ ޖަލްސާ ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.


9:18


ރިއާސަތުން ވިދާޅުވަމުން ގެންދަވަނީ، ވިލުފުށީގެ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު ހުށަހަޅުއްވާ ބިލެއް ހުށަހެޅުމަށް ފުރުސަތު ދެއްވުމަށް މެންބަރުން އިށީދެވަޑައިގަތުމަށެވެ.


9:15


ބައެއް މެންބަރުން ވިދާޅުވަމުން ގެންދަވަނީ ސުޕްރީމް ކޯޓުން ވަކި ގޮތަކަށް އަންގަވާފައި ވަނިކޮށް މަޖިލީހުގެ ޖަލްސާ ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.


މިއަދުގެ ޖަލްސާގައި ރިއާސަތު ބެލަހައްޓަވާ ނައިބު ރައީސް އަހުމަދު ނާޒިމު ވިދާޅުވީ އެޖެންޑާ އިން ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށް ރުހުން ދިނުމުގެ މައްސަލަ ނެންގެވީ ސުޕްރީމް ކޯޓުގެ އެންގެވުމެއްގެ މަތީން ކަމަށެވެ.


މުޅި މަޖިލީހުގެ ޖަލްސާގައި ވެސް އިވެނީ ނިޒާމީ މައްސަލަތަކުގައި  ހަޅޭއްލައްވައި އަޑުގަދަކުރާ އަޑެވެ.


ރޭ ޑީއާރުޕީން ބޭއްވި މުޒާހަރާގައި އަނިޔާ ލިބުނު މީހެއްގެ ދަތަކާއި ލޭ ހުރި ޓީޝާޓެއް މަޖިލީހުގެ ތަޅުމުގައި ދެއްކި އެވެ.


ކޯޅުންތަކާ އެކު މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ވެސް ފައްޓަވައިފި އެވެ.