12 Apr 2013, 22:26
މިއަހަރު އޮންނަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރާނީ ޕީޕީއެމް ކަން މިހާރު ފެންނަމުންދާ މަންޒަރުތަކުން ކަށަވަރު ވެގެން ދާ ކަމަށް ގައުމީ ޕާޓީގެ ނާއިބް ރައީސް އަދި ދާހިލީ ވަޒީރު ޑރ. މުޙައްމަދު ޖަމީލު އަޙްމަދު ވިދާޅުވެއްޖެއެވެ.
ޑރ. ޖަމީލު މިހެން ވިދާޅުވީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު އަބްދުﷲ ޔާމީންގެ ކެމްޕޭނު ލޯންޗުކުރުމަށް ފުވައްމުލަކުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ޑރ. ޖަމީލު ވިދާޅުވީ ނަޝީދުގެ ވެރިކަމުން ފެނިގެންދިޔައީ ގާނޫނު އެއްކިބާ ކުރެއްވުމަށްފަހު ފަނޑިޔާރުން "ރަހީނުކޮށް" ކޯޓުތަކަކީ އެއްވެސް މާނައެއް ނެތް ތަންތަނަށް ހަދައި ހައްގުގެ ބަސް ބުނަމުންގެންދާ މީހުން ފުލުސް އޮފީހަށް ހާޒިރު ކުރި މަންޒަރު ކަމަށާއި އެ ބިރުވެރިކަން އަދިވެސް ފިލައިގެން ނުދާކަމަށެވެ.
ރައީސް ނަޝީދުގެ ސަރުކާރުގެ ބިރުވެރިކަން ފިލައިގެން ނުދާކަމުގެ އަލިގަދަ ހެތްކަކީ ރައްޔިތުންގެ މަޖިލީސްތެރޭގައި މެންބަރުންގެ ފަރާތުން ފެންނަމުންދާ މަންޒަރުތަކާއި ރާވަމުންގެންދާ ކަންތައް ކަމަށާއި މިއީ ސުލްހަމަސަލަސްކަމަށް ލޯބިކުރާ ކޮންމެ މީހަކު ވިސްނަންވީ ވަގުތު ކަމަށް ވެސް ޑރ. ޖަމީލު ވިދާޅުވި އެވެ.
"މިބިރު އޮތްކަމުގެ އަލިގަދަ ހެތްކަކީ މިއަދުވެސް ރައްޔިތުންގެ މަޖިލީސް ތެރޭގައި މެންބަރުންގެ ފަރާތުން ފެންނަމުންދާ މަންޒަރުތަކުން. ކުރަމުންދާ ސައްލާތަކުން ކުރަމުންދާ މަޝްވަރާތަކުން. ރާވަމުންދާ ކަންތައްތަކުން. މިއީ މިއަދު ރާއްޖޭގެ ސުލްހަމަސަލަސް ކަމަށް ލޯބިކުރާ ހުއްބުލްވަތަން ގަބޫލުކުރާ ކޮންމެ ދަރިއަކު ފުންކޮށް ވިސްނަންވީ ވަގުތުކަން އަޅުގަނޑު ދެކެން،" ޑރ. ޖަމީލު ވިދާޅުވި އެވެ.
ޕީޕީއެމްއަށް ތާއީދު ކުރެއްވީ ވަރަށް ގިނަކަންތައްތައް ތަޖުރިބާ ކޮށް ގިނަވިސްނުންތަކެއް ވިސްނެވުމަށް ފަހު ކަމަށާއި ގައުމަށްޓަކައި ކުރަންޖެހުނު ކޮންމެ ކަމެއް ކުރެއްވުމަށް އެމަނިކުފާނު ހުންނެވީ ތައްޔާރަށް ކަމަށް ވެސް ޑރ. ޖަމީލު ވިދާޅުވި އެވެ. އަދި ވިދާޅުވީ ފެންނަމުންދާ މަންޒަރުތަކަށް ބަލާއިރު އެންމެ ފަސޭހަކަމާ އެކު ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާނީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ޔާމީން ކަން ކަށަވަރުވެފައިވާ ކަމަށެވެ.
ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ޑރ. ޖަމީލު ވިދާޅުވީ ނަޝީދުގެ ސަރުކާރުން ތިން އަހަރުގެ ތެރޭގައި ރައްޔިތުންނަށް ވި ވައުދުތައް ހަގީގަތަކަށް ހެދިފައި ނުވާކަމަށާއި އެހެންކަމުން މިހާރު އެމްޑީޕީން ވަމުންދާ ވައުދުތަކާ މެދު ފިކުރުކުރަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.
ޕީޕީއެމްގެ ސަރުކާރެއްގައި އަދުލާއި އިންސާފު ގާއިމް ކޮށް، ދަނޑުވެރިންނާއި މަސްވެރީންނަށް ރަނގަޅު ލޯން ސްކީމެއް ހަމަޖައްސާނެ ކަމަށް ވެސް ޑރ. ޖަމީލު ވިދާޅުވި އެވެ.
ދިވެހި ޒުވާނުންނަށް އެންމެ ރަނގަޅު ކުރިމަގެއް އޮތީ ވެސް ޕީޕީއެމްއަށް 2013 އިގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވިގެން ކަމަށް ޑރ. ޖަމީލު ވިދާޅުވިއެވެ.