12 Apr 2013, 17:04
ރާއްޖޭގެ ހުރިހާ ކަންތައްތައް ދަންނަ ހަމައެކަނި ޕާޓީއަކީ އެމްޑީޕީ ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު އެމްޑީޕީއާ ގުޅިވަޑައިގަންނަވަން އުޅުއްވާ ކަމުގެ އަޑުތައް ފެތުރެމުންދަނީ އެހެންވެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ޖަނަވަރީމަގާއި މަޖީދީމަގު ގުޅޭ ސަރަހައްދު ކަންމަތީގައި ބުދަ ދުވަހުގެ ރޭ އެމްޑީޕީން ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުންނާ އެކީގައި ތަރައްގީގެ މަސައްކަތް ކުރުމުގެ ފިކުރު ހުރި ހުރިހާ ބޭފުޅުންވެސް އެމްޑީޕީއާ ގުޅިވަޑައިގަންނަވާނެ ކަމަށެވެ.
"މި ދިވެހިރާއްޖެ އަކީ ކޮންތަނެއްކަން އަޅުގަނޑުމެން ދަންނަން. ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއަކީ މި ރާއްޖެ ދަންނަ ޕާޓީއެއް. މިރާއްޖޭގެ ތާރީޚު ވެސް، މިރާއްޖޭގެ ކަނޑުފަޅުތައް ވެސް، މިރާއްޖޭގެ ރުއްގަސްތައް ވެސް، މުޅި މިރާއްޖޭގެ އެންމެހައި ކަންކަން ދަންނަ ސީޔާސީ ޕާޓީ އަކީ ހަގީގަތުގައި ވެސް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ. އެހެންވެގެން އަބްދުﷲ ޝާހިދު ވަޑައިގަންނަވާ ވާހަކަ ވެސް އަޅުގަނޑުމެންނަށް މި އިވެނީ. އަޅުގަނޑުމެން ޕާޓީއަށް އަންނާނެ އިނގޭތޯ އަޅުގަނޑުމެން ރާއްޖޭގައި މި ދިވެހިރާއްޖެ ދަނެގެން މި ދިވެހީންނާ އެކީގައި ތަރައްގީގެ މަސައްކަތް ކުރުމުގެ ފިކުރު ހުރި ހުރިހާ ބޭފުޅުން ވެސް،" ނަޝީދު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އެކިއެކި ތަޖުރިބާ ލިބިވަޑައިގެންތިއްބެވި އެތައް ބަޔަކު ކައިރި މުސްތަގުބަލެއްގައި އެމްޑީޕީއަށް ސޮއިކުރައްވާނެ ކަމަށް ވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު އެމްޑީޕީއަށް ސޮއިކުރެއްވި ކަމަށް ސޯޝަލް މީޑިއާތަކުގައި ފެތުރެމުންދާއިރު އެމަނިކުފާނު އަދި އެމްޑީޕީއަށް ސޮއިނުކުރައްވާކަމަށާއި އެހެންނަމަވެސް ކައިރި މުސްތަގުބަލެއްގައި އެމަނިކުފާނު އެމްޑީޕީއާ ގުޅިވަޑައިގަންނަވާނެ ކަމަށް ވެސް ބައެއް ސިޔާސީ ފަރާތްތަކުން ގެންދަވަނީ ވިދާޅުވަމުންނެވެ.
ބުދަ ދުވަހުގެ ރޭ ޑީއާރްޕީ ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އެޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް) ވިދާޅުވެފައި ވަނީ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވަކިވެ ވަޑައިގަތަސް އެ ޕާޓީއަށް އެއްވެސް ލޮޅުމެއް ނާންނާނެ ކަމަށާއި ޕާޓީ ދާނީ ކުރިއަށް ކަމަށެވެ.
މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު އެމްޑީޕީއަށް ސޮއިކުރެއްވި ކަމަށް ފެތުރިފައިވާ ވާހަކައާ ގުޅޭގޮތުން ނޫސްވެރިން ސުވާލު ދެންނެވުމުން ޑީއާރްޕީގެ ލީޑަރު އަހްމަދު ތަސްމީން އަލީ ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެންބަރަކު ޕާޓީން ވަކިވިކަމެއް މިހާތަނަށް އަންގާފައި ނުވާކަމަށެވެ. އޭގެ އިތުރަށް އެ މައުޒޫގައި ތަސްމީން ވާހަކައްދަކަވާފައެއް ނުވެއެވެ.
ނަމަވެސް މީގެކުރިން ޑީއާރްޕީގެ މަޖިލީސް މެންބަރުން އެމްޑީޕީއަށް ސޮއިކުރެއްވި ކަމަށް އަޑުތައް ފެތުރޭ ކޮންމެ ފަހަރަކު އެކަން ދޮގުކުރައްވައި ސީދާ އެ މެންބަރަކު ވެސް ނޫސްވެރިންނަށް މައުލޫމަތު ދެއްވާފައި ވެއެވެ. ނަމަވެސް ޝާހިދާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި މީޑިއާގައި ފެތުރިފައިވާ ވާހަކައާ ގުޅޭގޮތުން މިހާތަނަށް އެމަނިކުފާނު ވަކިއެއްޗެއް ވިދާޅުވެފައި ނުވާއިރު އެ އަޑުތައް ފެތުރުނު ފަހުން ނޫސްވެރީން ކުރާ ފޯނުކޯލްތަކަށް ވެސް ޝާހިދު ޖަވާބު ނުދެއްވާކަން ފާހަގަ ކުރެވެއެވެ.