ޔުއެފާ ޔޫރޮޕާ ލީގުގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ތުރުކީގެ ފެނަބާޗޭއާއި ޕޯޗްގަލްގެ ބެންފިކާ އަދި ދެވަނަ ސެމީގައި ސުވިޒަލެންޑްގެ އެފްސީ ބާސެލް އަދި އިނގިރޭސި ވިލާތުގެ ޗެލްސީ ބައްދަލު ކުރާގޮތަށް ގުރުއަތުން ދިމާވެއްޖެއެވެ.

ސްވިޒަލޭންޑްގެ ނިޔޯންގައި މީގެ ކުޑައިރުކޮށްޅެއް ކުރިން ބޭއްވި ގުރުން ދިމާވިގޮތުގައި ނެދަލެންޑްސްގެ އަމްސަޓަޑަމް އެރީނާގައި އޮންނަ ފައިނަލުމެޗުގެ "ހޯމް ޓީމަކަށް" ވާނީ ސެމީފައިނަލުގެ ފުރަތަމަ މެޗުން މޮޅުވާ ކުލަބެކެވެ. ސެމީ ފައިނަލުގެ ފުރަތަމަ ލެގު އޮންނާނީ މިމަހުގެ 25 ވަނަ ދުވަހުއެވެ. އަދި ދެވަނަ ލެގު ކުޅޭނީ އޭގެ ހަފުތާއެއް ފަހުންންނެވެ.

ޗެމްޕިއަންސް ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ޗެލްސީ މި މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދީ ރޭ ރަޝިޔާގެ ރޫބިން ކަޒާން އާ ވާދަކޮށް ތިނެއް ދޭކުން ބަލިވި ނަމަވެސް ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގައި ސްޓެމްފޯޑް ބްރިޖްގައި ކުޅުނު މެޗު ތިނެއް އެކަކުން ކާމިޔާބުކޮށްފައިވާތީ ދެ ލެގުގެ އެގްރިގޭޓް ނަތީޖާއިން ފަހެއް ހަތަރަކުން ޗެލްސީއަށް ކުރި ލިބިގެންނެވެ. ރޭގެ މެޗުގައި ޗެލްސީއަށް ލަނޑުތައް ކާމިޔާބު ކޮށްދިނީ ފެނާންޑޯ ޓޮރޭޒްއާއި ވިކްޓާ މޮސަސް އެވެ. ރުބިން ކަޒާންގެ ލަނޑުތައް ކާމިޔާބު ކޮށްދިނީ މަކާނޯއާއި ކަރަޑެނީޒް އަދި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ނެޗްކޯއެވެ.

ޗެމްޕިއަންސް ލީގުގެ ފައިނަލު މެޗަށްވުރެ 10 ދުވަސް ކުރިން ޔޫރޮޕާ ލީގުގެ ފައިނަލު ކުޅެން ހަމަޖެހިފައިވާއިރު މުބާރާތުގެ ޗެމްޕިއަންކަން ޗެލްސީއިން ހޯދާއިފިނަމަ ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަންކަން އެއްފަހަރާ ހިފަހައްޓާލާ ކުލަބަކަށް ޗެލްސީ ވެގެންދާނެ އެވެ.