"ބްރޭކްއަޕް" ނުވަތަ ގުޅުމެއް ނިމިގެންދާ ވަގުތަކީ ކޮންމެ މީހަކަށް ވެސް ކުރިމަތިވާ ވަރަށް އުނދަގޫ އަދި ހިތާމަވެރި ވަގުތެކެވެ. ދިރިއުޅުމަށް ބަދަލުތަކެއް ގެނުވާ ވަގުތެކެވެ. މި ފަދަ ވަގުތު ތަކުގައި ކުރެވޭ އިހުސާސްތައް ކޮންޓްރޯލު ނުކުރެވިގެން އެކި ކަހަލަ ގޯސްތައް ހެދޭތަން ވެސް އަންނަނީ މަދު ފަހަރަކު ނޫނެވެ. ނަމަވެސް މި ފަދަ ހާލަތު ތަކާ ކުރިމަތިލައި، ހައްލު ހޯދައިގެން ކުރިޔަށް ދެވިދާނެ އެވެ. އެހެން ނަމަވެސް ހާލަތާ ކުރިމަތިލުމަށް ކެތްތެރިކަމާއި ވިސްނުން އިސްކުރުން ވަރަށް މުހިންމު ވާނެ އެވެ.

ފުރަތަމަ ކަމަކަށް ނިންމަންވީ، ތި ގުޅުން އޮތީ ކޮން ސްޓޭޖެއްކައި ކަމެވެ. މާނަ އަކީ މިހާރު ތި އުޅެނީ ގުޅުމަށް ނިމުމެއް ގެންނަންތޯ ނުވަތަ ތި ގުޅުމަށް މިހާރު ވަނީ ނިމުން އައިސްފައިތޯ އެވެ. ކުރީގެ ބައިވެރިޔާ މަތީން ހަނދާންވުން އެއީ ވެސް ވެދާނެ ގޮތެކެވެ. ތި ހުރެވުނު ސްޓޭޖް ނުވަތަ މަގާމު ދެނެގަނެ އެކަން އަމިއްލަ އަށް ގަބޫލު ކުރާށެވެ. އެހެން މީހުން ވިސްނާ ގޮތް މުހިންމެއް ނޫނެވެ. އެކަމަކު ތި ނިންމުމާ މެދު އަމިއްލަ އަށް ހިތްހަމަ ޖެހޭތޯ ޔަގީން ކުރާށެވެ.

ހައްލު ހޯދުމުގެ މަސައްކަތް ފަށައިގަންނާނެ ހިސާބު ކަނޑައަޅާނީ ތިބާ އަށް ހުރެވުނު މަގާމާ ހިސާބުންނެވެ. ތިބާ އަމިއްލައަށް ބައިވެރިޔާ އާއި ވަކިވާން ބޭނުން ނަމަ އެކަން އަވަސް ކުރާށެވެ. ބައިވެރިޔާ ނުވަތަ ތިބާ ދެރަވެދާނެތީ އެކަން އިތުރު ދުވަހަކަށް ފަސް ކުރާނެ ކަމެއް ނެތެވެ. މީގައި ވެސް ޔަގީން ކުރާން ޖެހޭނެ ކަމެއް އެބަ އޮތެވެ. އެއީ ދެމީހުންގެ ދެމެދުގައި ވަކިވާން ޖެހޭނެ ހުރިހާ ސަބަބުތަކެއް ޖަމާވެފައި ހުރުމެވެ. އަދި ތިބާއަށް ބައިވެރިޔާ އާއި އެކު އުފަލާއި ހިތްހަމަ ޖެހުމާ އެކު އުޅެވޭނެ އެއްވެސް ގޮތެއް ނެތްކަން ޔަގީން ކުރާން ޖެހޭނެ އެވެ. ގުޅުމަކަށް ނިމުން ގެންނާން ވާނީ ދެން އެހެން ގޮތެއް ނެތިއްޖެ ހާލަތުގައި އެކަންޏެވެ.

ދެމީހުންގެ ދެމެދުގައި އޮތް ގުޅުން މިހާރު ނިމިފައި ވާނަމަ، އެކަން ގަބޫލު ކުރާށެވެ. ގުޅުމަށް ނިމުން އައީ ސަބަބު ތަކެއް ހުރެގެން ކަން ވެސް ގަބޫލު ކުރާށެވެ. ގުޅުމަށް ނިމުން ގެނައީ ތިބާ ކަމަށް ނުވިޔަސް، މިކަން ގަބޫލު ކުރުމުގެ ހިތްވަރު ލިބިގަންނާށެވެ. މާޒީގައި ދެމީހުންގެ ދެމެދުގައި ހިނގާފައި ހުރި ކަންކަމުން އިބުރަތް ލިބިގަންނާށެވެ. އަދި ކުރިމަގަށް ވިސްނައިގެން ދަތުރު ފަށާށެވެ.

ގުޅުމަކަށް ނިމުން އައިސްފައި ހުންނަ ހާލަތުގައި އެކި ކަހަލަ ޖަޒުބާތީ އިހުސާސްތައް ކުރެވޭނެ އެވެ. މީގެ ތެރޭގައި ބޭވަފާތެރި ވުމާއި އޮޅުވައިލުމާއި ނަފުރަތުގެ އިހުސާސް ފަދަ އިހުސާސްތައް ހިމެނެ އެވެ. ހަނދާން ކުރާށެވެ. ވަކިވެގެން ދިޔައީ ތިބާގެ ލޯބިވާ ބައިވެރިޔާ އެވެ. އެކަމާ ދެރަވެ މާޔޫސް ވުމަކީ ހަގީގަތުގައި ވެސް ވާނެ ގޮތެވެ. އެހެން ކަމުން މި ޖަޒުބާތުތައް ބޭރު ކުރުމަށް ވެސް ވަގުތުކޮޅެއް ބޭނުންވާނެ އެވެ.

މި ވަގުތުކޮޅަށް ފަހު، ކުރިމަގަށް ވިސްނައި އަލުން ދަތުރު ފަށާށެވެ. މިދައްކަނީ ބުނާން ފަސޭހަ އެކަމަކު ކުރާން ތަންކޮޅެއް އުނދަގޫ ކަންކަމަށް ވެސް ވެދާނެ އެވެ. އެހެން ނަމަވެސް ކާމިޔާބު ކަމާއެކު ކުރިޔަށް ދެވޭނެ ގޮތްތައް ބައިވަރު އެބަހުއްޓެވެ. އެންމެ މުހިންމު އެއް ކަމަކީ ތިބާ އަށް ހެޔޮ އެދޭ ރަނގަޅު ރަހުމަތްތެރިންނަކީ ކޮބައިކަން ދެނެގަނެ އެމީހުންނާ އެކު ވަގުތުތައް ހޭދަ ކުރާން ފެށުމެވެ. ގޭތެރޭގައި އިނުމުގެ ބަދަލުގައި ތަންކޮޅެއް ގިނައިން ބޭރަށް ނުކުމެ، އުފާވެރި މާހައުލެއްގައި ވަގުތު ހޭދަ ކުރާށެވެ. ސިއްހަތަށް އިސްކަން ދޭށެވެ. ރަނގަޅަށް ކައިބޮއި ހަދާށެވެ. އަދި ބުއްދީގެ މައްޗަށް ޖަޒުބާތު އިސްވިޔަ ނުދޭށެވެ.

އިތުރު އެހީގެ ގޮތުގައި ބައެއް ކަންކަން ފާހަގަކޮށްލާނަމެވެ.

1. ކުރީގެ ބައިވެރިޔާގެ ހަނދާންތައް އާކޮށްދޭ ފޮޓޯ ތަކާއި އެ ފަދަ އެހެން ވެސް ސާމާނު ހުރި ނަމަ އެތަކެތި ނައްތައިލާށެވެ.
2. މީހުންގެ ތެރެއަށް ނުކުމެ، އެ މީހުންނާ އެކު ވަގުތު ހޭދަ ކުރާށެވެ.
3. ދީނީ އަޅުކަންތަކަށް ފަރުވާތެރި ވާށެވެ.
4. ވަޒީފާއެއް އަދާ ކުރާ ނަމަ، ޗުއްޓީއެއް ނަގައިގެން އެކުވެރިންނާއި އެކު ދަތުރެއް ދެވިދާނެ އެވެ.
5. އެހެން ގުޅުމެއް ފެށުމާ ދެމެދު ވަގުތުކޮޅެއް ނަގާށެވެ.
6. މައްސަލަ ހައްލު ކުރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އަމިއްލަ ނަފުސުގެ މައްޗަށް އަބަދުވެސް ބާއްވާށެވެ.

މި ބުނެދެވުނީ ގުޅުމަކަށް ނިމުންނަ އަންނަ ހާލަތުގައި ފަސޭހަ ކަމާއި އެކު ކުރިމަގަށް ދަތުރު ފެށިދާނެ ބައެއް ގޮތެވެ. މިނޫން ގޮތްތައް ވެސް ހުންނާނެ އެވެ. އެކަމަކު މިވެސް އެހީއަކަށް ވާނެ ކަމަށް އުއްމީދު ކުރަމެވެ.