ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީފައިނަލުގެ ފުރަތަމަ މެޗުގައި ޖަރުމަނުގެ ބަޔާން މިޔުނިކް އަދި ސްޕެންގެ ބާސެލޯނާ ބައްދަލު ކުރާގޮތަށް ގުރުން ދިމާވިއިރު ދެވަނަ ސެމީގައި ބައްދަލު ކުރާނީ ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑް އަދި ސްޕެއިންގެ ރެއާލް މެޑްރިޑް އެވެ.

މުބާރާތުގެ ސެމީފައިނަލް އިން ބާސެލޯނާ ޖާގަ ހޯދާފައިވަނީ، ކުއާޓާފައިނަލުގައި ފްރާންސްގެ ޕެރިސް ސެއިންޓް ޖާމިއަން (ޕީއެސްޖީގެ) މައްޗަށް ކުރިހޯދައިގެންނެވެ. އަދި ބަޔާން މިޔުނިކް ސެމީއިން ޖާގަހޯދީ އިޓަލީގެ ޔުވެންޓާސްގެ މައްޗަށް ކުރިހޯދައިގެންނެވެ. ތުރުކީގެ ގަލަތަސަރާއިގެ މައްޗަށް ކުރިހޯދަގެން ރެއާލް މެޑްރިޑް ސެމީއިން ޖާގަ ހޯދިއިރު ބޮރޫޝިއާ ޑޮޓްމަންޑް ސެމީފައިނަލުން ޖާގަހޯދީ ސްޕެއިންގެ މަލާގާ ބަލިކުރުމަށްފަހުއެވެ.

އިނގިރޭސިވިލާތުގެ ލަންޑަންގެ ވެމްބްލީ ސްޓޭޑިއަމްގައި އޮންނަ ފައިނަލު މެޗުގެ ހޯމްޓީމަކަށްވާނީ ސެމީފައިނަލުގައި މެޑްރިޑާއި ޑޯޑްމަންޑް ވާދަކޮށް މޮޅުވާ ކުލަބެކެވެ. މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ އަންނަ މޭ މަހުގެ 25 ވަނަ ދުވަހުއެވެ.

ސްވިޒަލޭންޑްގެ ނިޔޯންގައި މީގެ ކުޑައިރުކޮށްޅެއް ކުރިން ބޭއްވި ގުރުލުމުގައި ސެމިފައިނަލުގެ ދެމެޗުގެވެސް ފުރަތަމަ ލެގު ކުޅެން ހަމަޖެހިފައިވަނީ މިމަހުގެ 23 އަދި 24 ވަނަ ދުވަހު ޖަރުމަނުގައެވެ. އަދި ސެމީފައިނަލުގެ ދެވަނަލެގުގެ ފުރަތަމަ މެޗު ކުޅުން އޮންނާނީ މިމަހުގެ 30 ގައި ބާސެލޯނާގައި އަދި ދެވަނަ މެޗު އަންނަ މަހުގެ އެކެއްގައި ސަންޓީއާގޯ ބާނަބިއު ސްޓޭޑިއަމްގައެވެ.