12 Apr 2013, 15:03
ދައުލަތަށް ރައްދުވާ ގޮތަށް ހުށަހަޅާ ދުސްތޫރީ މައްސަލަތަކުގައި ދައުވާ ރައްދުވާ ފަރާތަކީ ބަންޑާރަ ނާއިބް އޮފީސް ކަމަށް ކަނޑައަޅައި ސުޕްރީމް ކޯޓުން އަމުރުކޮށްފި އެވެ.
ސުޕްރީމް ކޯޓުން އެގޮތަށް ކަނޑައަޅާފައި ވަނީ ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނުގެ ބައެއް މާއްދާތަށް ބާތިލްކުރުމަށް ގއ. ކޮލަމާފުށީ މަރިޔަމްގޭ ފުއާދު ޒާހިރު ހައިކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައިގައި ދައުވާ ރައްދުވާ ފަރާތަކީ މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ ކަމަށް ކަނޑައަޅައި އެ މައްސަލައިގެ ތެރެއަށް ތަދައްހުލްވުމުގެ ފުރުސަތު ބަންޑާރަ ނާއިބް އޮފީހަށް ދިނުމާ ގުޅިގެންނެވެ.
މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީގެ މައްޗަށް ދައުވާ ރައްދުވާ ގޮތަށް މައްސަލަ ހުށަހެޅުމުން އެކަން އިސްތިއުނާފު ކުރީ ބަންޑާރަ ނާއިބްގެ އޮފީހުންނެވެ.
ސުޕްރީމް ކޯޓުން ބުދަ ދުވަހު ނެރުނު ކޯޓުއަމުރުގައި ބުނެފައި ވަނީ އެ ދުސްތޫރީ މައްސަލަ ހައިކޯޓަށް ހުށަހަޅައިފައި ވަނީ ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނުގެ 29 ވަނަ މާއްދާ ގާނޫނު އަސާސީގެ 47 ވަނަ މާއްދާގެ (ށ) އާ ޚިލާފުކަމަށް ކަނޑައަޅައި އެ މާއްދާ ބާތިލް ކުރުމަށް ކަމަށެވެ.
އެ އަމުރުގައި ބުނެފައި ވަނީ އަސާސީ ހައްގެއް ނުވަތަ މިނިވަންކަމެއްގެ އެއްވެސް މިންވަރެއް ހިފަހައްޓަން ވާނީ ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އެކަށީގެންވާ މިންވަރަށް ކަން ސާބިތުކޮށްދިނުމަކީ ދައުލަތުގެ ޒިންމާއެއް ކަމަށް ގާނޫނު އަސާސީގެ 16 ވަނަ މާއްދާގައި ބުނެފައިވާ ކަމަށެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ މަސްއޫލިއްޔަތު ކަމުގައި ކަނޑައަޅާފައިވާ ކަންކަން ފިޔަވައި އެހެންކަންކަމުގައި ކޯޓުތަކުގައި ދައުލަތް ތަމްސީލް ކުރާނީ ބަންޑާރަ ނާއިބް ނުވަތަ އޭނާ ކަނޑައަޅާ މީހެއް ކަމަށް ގާނޫނު އަސާސީގެ 133 ވަނަ (ނ) އިން އެނގެން އޮންނާތީ އެފަދަ ދުސްތޫރީ މައްސަލަތަކުގައި ދައުވާ ރައްދުވާ ފަރާތަކީ ބަންޑާރަ ނާއިބްގެ އޮފީސް ކަމަށް ސުޕްރީމް ކޯޓުގެ ހުކުމްގައި ބުނެފައިވެ އެވެ.
ފުއާދު ޒާހިރު ހައިކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައިގައި ބާތިލްކުރުމަށް އެދިފައި ވަނީ ލިޔެކިޔުންތައް ހޯދުމަށް ތަންތަނަށް ވަނުމުގެ ބާރު މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ އަށް ދީފައިވާ އެ ގާނޫނުގެ 29 ވަނަ މާއްދާ އެވެ.