12 Apr 2013, 14:29
ޒައިތޫނި ތެޔޮ ނުވަތަ އޮލިވް އޮއިލް އަކީ ހުރިހާ ގޮތަކުންވެސް ބޭނުންތެރި އެއްޗެކެވެ. މިގޮތުން ހަށިގަނޑުގެ ހުރިހާ ގުނަވަނަކަށް ވެސް ޒައިތޫނި ތެޔޮ ބޭނުން ކުރެވެ އެވެ. އަދި އޭގެން އެކި ގޮތް ގޮތަށް ފައިދާ ކުރެއެވެ.
ޒައިތޫނި ތެލަކީ އެތެރެ ހަށިންނާއި އަދި ބޭރުހަށިން ވެސް ހުރިހާ އުމުރު ފުރައަކަށް ބޭނުން ހިފޭ އެއްޗެކެވެ. މިއީ ތަރުކާރި ތެޔޮ ތަކުގެ ތެރެއިން އިތުރު ސާފު ކުރުމެއް ނުވަތަ އެއް ކުރުމެއް ނެތި ބޭނުން ކުރެވޭ ހަމަ އެކަނި ތެލެވެ. ޒައިތޫނިން މި ތެޔޮ ނެގުމަށް ފަހު އިތުރު ކަމެއް ކުރުމަކާ ނުލައި ބޭނުން ކުރެވެ އެވެ.
ޒައިތޫނި ތެލުގައި ހިމެނޭ މާއްދާއެއް ކަމަށް ވާ "މޮނޮސްޓްރަކްޗާރޑް ފެޓީ އެސިޑް" އަދި "އެންޓިއޮކްސިޑޭޓިވް" މާއްދާގެ ސަބަބުން މި ތެޔޮ އެތެރެހަށީގެ އެކި ބަލި ތަކަށް ފަރުވާ އަކަށްވެ އެވެ. ދިރާސާ ތަކުން ދައްކާ ގޮތުގައި ހިތުގެ ބަލިތަކާއި އަދި ކޮލެސްޓްރޯލް ލެވެލް ތިރިކޮށްދިނުމަށް ޒައިތޫނި ތެޔޮ އެހީ ވެދެ އެވެ. އަދި ބަނޑުގެ ބަލި ތަކުގެ ތެރޭގައި ހިމެނޭ ގޭހުގެ މައްސަލަ އާއި ބޮޑުކަމުދިއުމުގެ މައްސަލަތަކަށް ވެސް ޝިފާ އަކަށް ޒައިތޫނި ތެޔޮވެ އެވެ.
ޒައިތޫނި ތެލަކީ ވަރަށް ގިނަ ބިއުޓީ ޕްރޮޑަޓްކްސް ތަކުގައި ވެސް ބޭނުން ކުރާ އެއްޗެކެވެ. މޫނުގަޔާއި ގައިގައި އަދި ބޮލުގައި ލާން ބޭނުން ކުރާ ގިނަ އެއްޗެހީގައި މި މާއްދާ އެކުލެވެ އެވެ. ހަންގަނޑު އޮމާންކޮށް މޮއިސްޗަރައިޒް (ތެޔޮ) ކުރުމަށް ޒައިތޫނު ތެޔޮ ބޭނުން ކުރެވިދާނެ އެވެ. އަދި އިސްތަށިގަނޑު ވަރުގަދަކޮށް އޮމާން ކޮށްދޭ އެއްޗެކަށް ވެސް ޒައިތޫނި ތެޔޮ ވެއެވެ.
ޒައިތޫނި ތެލުން އިސްތަށިގަނޑަށް ލިބޭ ބައެއް ފައިދާ:
• ޒައިތޫނި ތެލުން އިސްތަށިގަނޑު މަސާޖު ކުރުމުން ވަރަށް ފައިދާ ކުރެއެވެ. އެގޮތުން އިސްތަށި މަޑުވެ، ރީތި ވެ، ހަން ފޮޅުން ހުއްޓުވުމަށް އެހީ ވެދެ އެވެ. ޒައިތޫނި ތެލުން އިސްތަށިގަނޑު މަސާޖު ކޮށްފައި ކޮތަޅެއް ނުވަތަ ޝަވާ ކެޕެއް 30 ނުވަތަ 40 މިނިޓް ވަންދެން އިސްތަށިގަނޑުގައި އަޅާށެވެ. އެއަށްފަހު ޝޭމްޕޫ ލައިގެން ބޯ ދޮވެލާށެވެ. މިހާރު އިސްތަށިގަނޑު އޮންނާނީ ވަރަށް މަޑުވެފަ އެވެ. އަދި މީގެން އިސްތަށި ދެކަފިވުން ހުއްޓުވުމަށް ވެސް އެހީވެދޭނެ އެވެ.
• އިސްތަށިގަނޑުގައި ޗުއިންގަމް ހޭކިއްޖެ ނަމަ ވެސް ޒައިތޫނި ތެޔޮ ބޭނުންކޮށްގެން ނައްޓައިލަން ފަސޭހަ ވާނެ އެވެ.
ޒައިތޫނި ތެލުން ހަމަށް ދެވިދާނެ ބައެއް ފަރުވާ:
• ބައި ތަށި ޒައިތޫނި ތެލަށް، ބައި ތަށި ފެން އަދި ބައި ތަށި ވިނެގަރ އެއްކޮށްލާށެވެ. އެއަށް ފަހު ރޭގަނޑު ނިދުމުގެ ކުރިން ހަމުގައި ނައިޓް ކްރީމެއްގެ ގޮތުގައި ހާކައިލާށެވެ. މިއީ ހަންގަނޑު އުޖާލާ ކޮށްދޭ ކަމެކެވެ.
• ޒައިތޫނި ތެލުން ހަންގަނޑު ސާފު ކޮށްދެއެވެ (ކްލެންސަރ އެއްގެ ގޮތުގައި ޒައިތޫނި ތެޔޮ ބޭނުން ކުރެވިދާނެއެވެ). މިގޮތުން މޭކަޕް ފުހެން މޭކަޕް ރިމޫވާއެއްގެ ގަތުމުގެ ބަދަލުގައި ކަފަ ކޮޅެއްގައި ޒައިތޫނި ތެޔޮ ހާކައިގެން މޫނުން މޭކަޕްތައް ފުހެލެވޭނެ އެވެ.
• ޒައިތޫނި ތެލުން ފޭޝަލް އެއް ހެދިދާނެ އެވެ. އެގޮތުން މޫނު ރީތިކޮށް ދޮވެފައި ޒައިތޫނި ތެލުން ފަހެއް ނުވަތަ ދިހަ މިނެޓް ވަންދެން މަސާޖް ކޮށްލާށެވެ. ދެން ބައި ސައި ސަމުސާ ހަކުރު މޫނުގައި އެކްސްފޯލިއޭޓް ކުރަން (މޫނުގައި ހަލާކު ވެފައި ހުންނަ ހަންތައް ނައްތައިލުމަށް) ހާކާލާށެވެ. އިރު ކޮޅެއް ވަންދެން ބެހެއްޓުމަށްފަހު ތާފަނާ ފެނުން މޫނު ދޮވެލާށެވެ.
• ޒައިތޫނި ތެލުން ފައި މަސާޖް ކޮށްލާށެވެ. މިގޮތަށް މަސާޖް ކުރުމުން ފައިގެ ލޭ ދައުރުވުން ރަނގަޅުވެ، ތަދުތައް ކުޑަކޮށްދެ އެވެ. މަސާޖް ކޮށް ނިމުމުން ސާފު ހުދު އިސްޓާކީނަކަށް އެރުން މުހިއްމެވެ. އޭރުން ތެޔޮތައް ފަސޭހައިން ފަޔަށް ވަދެގެން ދާނެ އެވެ. އަދި ފައިގެ ކުލަ އަލިވެ ފައި މަޑުވެސް ކޮށްދޭނެ އެވެ.
• ދޭއް ނުވަތަ ތިން ސައި ސަމުސާ ޒައިތޫނި ތެޔޮ ފެނާ އެއްކޮށްލުމަށް ފަހު އެ ފެނުން ފެންވަރާށެވެ.
• ނިޔަފަތިތައް މަޑުކޮށް ރިތިކޮށް ބަހައްޓަން ބޭނުން ނަމަ، ތަށްޓަކަށް ޒައިތޫނި ތެޔޮ އެޅުމަށްފަހު 30 މިނިޓް ވަންދެން އެތަށީގެ އެތެރެއަށް އަތްލައިގެން މަޑުކޮށްލާށެވެ. އެއަށް ފަހު ތެޔޮ ފުހެލާށެވެ. މިހާރު ނިޔަފަތިތައް ހުންނާނީ މަޑުވެފައެވެ. އަދި ރީތި ވެސް ވެފަ އެވެ.
• ޒައިތޫނި ތެލަކީ ތުންފަތަށް ވެސް ފައިދާ ހުރި އެއްޗެކެވެ. އެގޮތުން ތުންފަތް ކުރަކިވެ ފަޅަފަޅައިގެން ދާ ކަމަށް ވާނަމަ ތުންފަތުގައި ޒައިތޫނި ތެޔޮ ހާކާލާށެވެ. ލިޕްސްޓިކް ހާކާ ކަމަށް ވާނަމަ ޒައިތޫނި ތެޔޮ ތުންފަތުގައި ހާކާފައި އޭގެ މަތިން ލިޕްސްޓިކް ޖެއްސުމުން، ތުންފަތް އިތުރަށް ރީތި ކަމަށް ދައްކާނެ އެވެ.