12 Apr 2013, 14:44
އިސްލާމް އާބާދު (އެޕްރީލް 12): ނިއުކްލިޔާ ވޯހެޑް ހަރުކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ މެދުރާސްތާގެ ބެލަސްޓިކް މިސައިލެއް ޕާކިސްތާނުން ކާމިޔާބުކަމާ އެކު ތަޖްރިބާކޮށްފި އެވެ.
ޕާކިސްތާނުގެ ސިފައިންގެ ލަޝްކަރުތަކުން ހާމަކުރާ ގޮތުގައި މިއީ "ހަތްފު 4/ޝާހީން 1" މަރުކާގެ މިސައިލެކެވެ. މިމިސައިލް ފަރުމާކޮށްފައި ވަނީ އާދައިގެ ވޯހެޑްގެ އިތުރުން ނިއުކްލިޔާ ވޯހެޑް ވެސް އުފުލޭގޮތަށް ކަމަށާ މިމިސައިލް އޭގެ އަމާޒަށް ފުރިހަމައަށް ވާސިލްވެފައިވާ ކަމަށް ޕާކިސްތާން ސިފައިންގެ ސްޓްރެޓީޖިކް ބާރުތަކާ ބެހޭ ކޮމާންޑުން ބުނެފައިވެ އެވެ. ނަމަވެސް މިމިސައިލް ތަޖްރިބާކުރި ތަނެއް ޕާކިސްތާނުން ހާމަކޮށްފައެއް ނުވެ އެވެ. ޕާކިސްތާން ސިފައިންގެ ސްޓްރެޓީޖިކް ރޭވުންތަކާ ބެހޭ ޑިޕާޓްމަންޓްގެ ވެރިޔާ ޖެނެރަލް ޚާލިދު އަޙްމަދު ޤަޟާވީ ވިދާޅުވި ގޮތުގައި "ހަތްފު 4/ޝާހީން 1" މަރުކާގެ މިމިސައިލަކީ ޝާހީން 1 މަރުކާގެ މިސައިލް ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި އިތުރަށް ތަރައްޤީކޮށްގެން އުފައްދާފައިވާ އައު މިސައިލެކެވެ.
ނިއުކްލިޔާ ވޯހެޑް އުފުލުމުގެ ޤާބިލްކަން ލިބިފައިވާ މިމިސައިލަކީ ޕާކިސްތާނުގެ ސްޓްރެޓީޖިކް ބާރުތަކުގައި (ނިއުކްލިޔާ ޑިޓަރެންޓް ނިޒާމުގައި) ހިމެނޭ މިސައިލެއްކަމަށް ވެސް ޖެނެރަލް ޚާލިދު އަޙްމަދު ވިދާޅުވި އެވެ. މިސައިލުގެ ސަބަބުން ޕާކިސްތާނުގެ ދިފާޢީ އައްޑަނަ އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޕާކިސްތާނަކީ ދުނިޔޭގައި އެންމެ ހަލުއިކަމާ އެކު ނިއުކްލިޔާ ހަތިޔާރު ތަރައްޤީކުރަމުން އަންނަ އެއްގައުމު ކަމަށާއި ޕާކިސްތާނުގެ ނިއުކްލިޔާ ބާރުތައް އިންޑިޔާގެ ނިއުކްލިޔާ ބާރުތަކަށް ވުރެ އެޑްވާންސް ކަމަށް ހުޅަނގުގެ ޖާސޫސީ ރިޕޯޓްތައް ބުނެ އެވެ. މިރިޕޯޓްތައް ބުނާ ގޮތުން ޕާކިސްތާނުން ގެންދަނީ މިސައިލްތަކުގައި ހަރުކުރެވޭގޮތަށް ކުދިކުދި ނިއުކްލިޔާ ވޯހެޑްތައް ތަރައްގީކުރުމަށް ވަރަށް ފުޅާދާއިރާއެއްގައި ނިއުކްލިޔާ އިންޖިނޭރިންއާއި ޑިޒައިންގެދާއިރާތަކުން ރިސާޗްތައް ކުރަމުންނެވެ. އެމެރިކާ އިން މިދިޔަ އަހަރުގެ ފަހުކޮޅު ހާމަކުރި ޖާސޫސީ ލަފާކުރުންތައް ބުނާގޮތުން ޕާކިސްތާނުގައި މިހާރު 90 އާއި 110 އާ ދެމެދުގެ އަދަދަކަށް ނިއުކްލިޔާ ހަތިޔާރު އެބަހުއްޓެވެ. މީގެ ތެރޭގައި ބެލަސްޓިކް މިސައިލްގައި ހަރުކުރެވޭގޮތަށް ތައްޔާރުކޮށްފައިވާ ކުދި ނިއުކްލިޔާ ވޯހެޑް ވެސް ހިމެނޭ ކަމަށްވެ އެވެ.
އެހެންކަމުން ޕާކިސްތާނުގެ ސްޓްރެޓީޖިކް މިސައިލް ނިޒާމުގައި ގިނައަދަދެއްގެ ނިއުކްލިޔާ މިސައިލް ހިމެނޭ ކަމަށް އެމެރިކާގެ ލަފާކުރުންތައް ބުނެ އެވެ. ޕާކިސްތާނުން މިދިޔަ ފެބްރުއަރީ މަހުވެސް ދެ މިސައިލެއް ކާމިޔާބުކަމާ އެކު ތަޖްރިބާކޮށްފައިވެ އެވެ. ޕާކިސްތާނާ ވާދަވެރި އިންޑިޔާ އިން ވެސްމިދިޔަ ހަފްތާގައި ވަނީ އަގްނީ މަރުކާގެ ބެލިސްޓިކް މިސައިލެއް ތަޖްރިބާ ކޮށްފަ އެވެ. (ނޫސްއެޖެންސީތައް)