ވޮޝިންޓަން (އެޕްރިލް 12): އުތުރުކޮރެޔާ އިން އަލިފާނާ ކުޅެމުން ގެންދާކަމަށް ވިދާޅުވެ އެމެރިކާގެ ދިފާޢީ ވަޒީރު ޗަކް ހެގްލް އެގައުމަށް ހަރުކަށި އިންޒާރެއް ދެއްވައިފި އެވެ.

އަންނަ އަހަރަށް ތައްޔާރުކުރާ އެމެރިކާގެ ޢަސްކަރީ ބަޖެޓާބެހޭ ގޮތުން ޕެންޓަގަންގައި ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ހެގްލް ވިދާޅުވީ އުތުރުކޮރެޔާ އިން ދޭ ހަނގުރާމައިގެ އިންޒާރުތަކަކީ "އަލިފާނާކުޅުމުގެ ޢަމަލެއް ކަމަށާއި އުތުރުކޮރެޔާގެ ބަހާއި ޢަމަލުގެ ސަބަބުން އެންމެ ނުރައްކާތެރި ރޮނގާ ހަމައަށް އެގައުމު ސޮއްސާލައިގެން ހިނގައްޖެ" ކަމުގަ އެވެ. އަދި އުތުރުކޮރެޔާގެ ބަހާއި ޢަމަލުތައް މިގޮތުގައި ކުރިޔަށްދާ ނަމަ ކަންތައްތައް ނުބައިންނުބަޔަށް ހިނގައިދާނެ ކަމަށް ވެސް ހެގްލް ވިދާޅުވި އެވެ.

ހެގްލް އުތުރުކޮރެޔާ އަށް އިންޒާރު ދެއްވަމުން ވިދާޅުވީ "އުތުރުން އެމެރިކާ އާއި އެމެރިކާގެ ބައިވެރިންނާ ދެކޮޅަށް ހިނގަފާނެ ކޮންމެ ޢަމަލަކާއި ޙަރަކާތެއް ދިފާޢުކުރުމުގެ ޤާބިލްކަން އެމެރިކާއަށް ލިބިގެންވާ" ކަމުގަ އެވެ. އުތުރުކޮރެޔާ އިން ދުރުރާސްތާގެ މިސައިލް ކާމިޔާބުކަމާ އެކު ތަޖްރިބާކޮށްފައިވާތީ އެގައުމުގެ އިންޒާރުތަކާ މެދު ސީރިޔަސްކަމާ އެކު އެމެރިކާ މުޢާމަލާތްކުރާނެ ކަމަށް އެމެރިކާ ސިފައިންގެ ލަޝްކަރުތަކުގެ ޖޮއިންޓް ޗީފް އޮފް ސްޓާފް މާޓިން ޑިންޕްސީ ވަނީ ވިދާޅުވެފަ އެވެ.

އަނެއްކޮޅުން އެމެރިކާއާއި ދެކުނު ކޮރެޔާއިން ވަނީ އުތުރުން ދުރުރާސްތާގެ ބެލަސްޓިކް މިސައިލެއް ތަޖްރިބާކުރަން ތައްޔާރުވަމުންދާ ކަމަށް ބުނެފަ އެވެ. އެމެރިކާއާއި ދެކުނު ކޮރެޔާގެ ޖާސޫސީ ދާއިރާތަކުން ބުނެފައި ވަނީ ތިން ހާސް ކިލޯ މީޓަރު ނޫނީ އެއަށް ވުރެ ދުރުރާސްތާއެއްގެ ބެލަސްޓިކް މިސައިލެއް ތަޖްރިބާކުރުމަށް އުތުރުން ތައްޔާރުވަމުން ކަމަށާއި ތަޖްރިބާކުރަން ބޭނުންވާ މިސައިލަށް އުތުރުގެ އިންޖިނޭރުން ރޮކެޓް ފިއުލް ވެސް އަޅާފައިވާ ކަމުގަ އެވެ.

ހުޅަނގުގެ ޖާސޫސީ ރިޕޯޓްތައް ބުނާ ގޮތުން ހަ ހާސް ކިލޯ މީޓަރުގެ ރާސްތާގެ ބެލަސްޓިކް މިސައިލް އުތުރުކޮރެޔާ އިން ތަރައްގީކޮށް ތަޖްރިބާކޮށްފައިވެ އެވެ. ނަމަވެސް ހަ ހާސް ކިލޯމީޓަރުގެ ރާސްތާގެ މިސައިލް އުތުރުގައި މާގިނަ ނުވާނެ ކަމަށް އެމެރިކާ އަންދާޒާކުރެ އެވެ. އުތުރުކޮރެޔާގެ ހަނގުރާމައިގެ އިންޒާރުތަކާ ގުޅިގެން ދެކުނު ކޮރެޔާއިން އިއްޔެ ވަނީ ނުރައްކަލުގެ މިންވަރާއި ދަރަޖަ ވަރަށްބޮޑަށް މަތިކޮށްފަ އެވެ. މިއާ އެކު ދެކުނުން ވެސް ގެންދަނީ އެމެރިކާއާ ގުޅިގެން ދިފާޢީ ޙަރަކާތްތަކެއް ހިންގަމުންނެވެ.

އުތުރުކޮރެޔާގެ ހަނގުރާމައިގެ އިންޒާރުތައް އަވަށްޓެރި ދެކުނު ކޮރެޔާއަށާއި ޖަޕާނަށާ އަދި އެމެރިކާއަށް ވެސް އަމާޒުވާންފެށީ އެމެރިކާ އިސްވެ އޮވެގެން އުތުރުކޮރެޔާއާ ދެކޮޅަށް އެންމެފަހުންއެޅި ދަތިކުރުމުގެ ފިޔަވަޅުތަކަށް ފަހު އެވެ. ދަތިކުރުމުގެ ފިޔަވަޅުތަކަކީ ހަނގުރާމަ އިޢްލާންކުރުން ކަމަށް އުތުރުން ވަނީ ސިފަކޮށްފަ އެވެ. އުތުރުން ބުނަނީ އެގައުމަށް ދަތިކުރާ ގައުމުތަކަށް އަމާންކަމާ އެކު އޮތުމުގެ ފުރުސަތު ނުދޭނެ ކަމަށެވެ. ދެކުނުކޮރެޔާ އާއި ޖަޕާނާއި ގުއާމް އަދި ހަވާއިގާވާ އެމެރިކާގެ ޢަސްކަރީ މަރުކަޒުތަކަށް އިސްވެ ޙަމަލާދޭނެ ކަމުގެ އިންޒާރުތައްދީ ދެކުނާ ދެކޮޅަށް އުތުރުން ހަނގުރާމަ އިޢްލާން ކުރުމުން އެމެރިކާ އާއި އެމެރިކާގެ ވަށައިގެން އެނބުރޭ ޖަޕާނާއި ދެކުނުކޮރެޔާ ފަދަ ސެޓަލައިޓް ގައުމުތަކުގައި ވަނީ ވަރަށްބޮޑަށް ނުތަނަވަސްކަން އުފެދިފަ އެވެ.

އުތުރުކޮރެޔާއަކީ ދެކުނު ކޮރެޔާގެ ބޮޑުބައަކާއި ދެކުނުގައިވާ އެމެރިކާގެ ލަޝްކަރުތައް ފަނާކޮށްލުމުގެ ޤާބިލްކަން ލިބިގެންވާ ބާރުގަދަ އަދި ނިއުކްލިޔާ ހަތިޔާރު ވެސް މިހާރު ހުރި ގައުމެއްކަމަށް އެމެރިކާއާއި ދެކުނުން ވެސް ގަބޫލުކުރެ އެވެ. މިސަބަބުތަކާ ގުޅިގެން އުތުރުކޮރެޔާ އަށް އިސްވެ ގޯނާކުރަން އެމެރިކާ އަށް ނުކެރޭނެ ކަމާއި އުތުރާ ހަނގުރާމަކުރުން ފަދަ ބޮޑު ނުރައްކަލަކާ ކުރިމަތިލަން އެމެރިކާގެ ގައުމީ މަސްލަހަތު ތަންނުދޭކަން އުތުރުން ދަންނަކަމަށް މުހައްލިލުން ދެކެ އެވެ. އަދި އެމެރިކާއާ އެކު ހަނގުރާމައަކަށް ދިޔުމަކީ އުތުރަށް ވެސް ކުރަންކެރޭނެ ކަމެއްނޫންކަމަށް ވާތީ ހަނގުރާމައިގެ ފުރްސަތު ވަރަށް ކުޑަކަމަށް މުހައްލިލުން ވިދާޅުވެ އެވެ. (ނޫސްއެޖެންސީތައް)