19 Oct 2010, 17:35
00:25- ފުލުހުންގެ އޮފިޝަލަކު ދެންމެ ވިދާޅުވީ މުޒާހަރާ ތެރޭގައި ނުކިޔަމަންތެރިވެގެން ހައްޔަރުކުރި 4 މީހުން ދޫކޮށްލައިފިކަމަށެވެ.
00:10-ޑީއާރްޕީގެ "އުނބަށްޖެހި ވަޒީރުން"ގެ މުޒާހަރާ ނިންމާލި ކަމަށް ޑީއާރްޕީގެ ލީޑާޝިޕުން އިއުލާން ކޮށްފިއެވެ. އަދިވެސް އެ ސަރަހައްދު ފުލުހުން ގެންދަނީ ފޯރިމަރަމުންނެވެ. މުޒާހަރާގެ ބައިވެރިންގެ ތެރެއިން މިހާރު ތިބި މަދު މީހުންތައް ވެސް އެކި ދިމަދިމާއަށް ހަރަކާތްތެރިވެ މީހުން މުޅިން ހުސްވާން ވަނީ ކައިރިވެފައެވެ.
00:05- އަދި ވެސް ޑީއާރްޕީން މުޒާހަރާ ހުއްޓާލި ކަން ޑީއާރްޕީގެ ލީޑާޝިޕުން އިއުލާނެއް ނުރޭ. މިހާރު ވެސް އެއްވެ ތިބި ބައެއް މަދު މީހުންނާ އެމްޑީޕީގެ ބައެއް ސަޕޯޓަރުންނާމެދު ކޮންމެވެސްވަރަކަށް ވަނީ ދެންމެ ހަމަނުޖެހުން އުފެދިފައެވެ. އަދިވެސް ޑީއާރްޕީގެ ވަރަށް ގިނަ އިސް ލީޑަރުން އެ ސަރަހައްދުގައި އެބަތިއްބެވެ. ފުލުހުން ޑިޕިއުޓީ ކޮމިޝަނަރުވެސް އެ ސަރަހައްދުގައި އެބަހުންނެވި އެވެ.
23:59- މުޒާހަރާ މިހާރު ގާތްގަނޑަކަށް އެއްކޮށް ރުޅާލައފި އެވެ. ނަމަވެސް އަދިވެސް ޗާންދަނީ މަގުގައި ކޮންމެވެސް ވަރަކަށް މީހުން އެބަތިއްބެވެ. ފުލުހުންނާ އާންމުންނާ ދެމެދު ކުރިމަތިލުން ހިނގައި ބައެއް މީހުންނަށް ވަނީ ވަރަށް ބޮޑަށް އަނިޔާވެފައި. އެކަކު ހޭނެތިފައިވާ ކަމަށާއި ފުލުހުންގެ މަރުކަޒުން އެމީހާއަށް ފަރުވާ ދީފި އެވެ. ޒަހަމްވި އެކެއްގެ އަނގަމަތި ފަޅައިގެން ގޮސްފައިވެއެވެ.
23:53- މިހާރު ދެވަނަ ފަހަރަށް ފުލުހުން ކަރުނަ ގޭސް ބޭނުންކޮށްފި އެވެ. ހަތަރު މީހަކު ހައްޔަރުކޮށް ބިޑި އަޅުވައިފައިވާއިރު މުޒާހަރާގެ ބައިވެރިން ތިބީ ރަސްމީ ފާލަމުގެ ކުރިމަތީގައެވެ. ހައްޔަރު ކުރީ އާންމުންގެ ހަތަރު މީހުންނެވެ. އެމީހުން ހައްޔަރުކުރީ ފުލުހުންގެ އަމުރަށް ކިޔަމަން ނުވެގެނެވެ.
23:49- މުޒާހަރާގެ ބައިވެރިން ފަހަތަށް ޖެހި މިހާރު ތިބީ ޗާންދަނީ މަގާ ހަމަގައި މަޑުކޮށްލައިގެން. އަދިވެސް އަޑުގަދަކުރާ ބޭނުންކޮށްގެން ޝުއޫރުފާޅު ކުރުން ހުއްޓައެއް ނުލައެވެ.
23:35- ފުލުހުންގެ މައިމަރުކަޒު ކައިރިން މުޒާހަރާގެ ބައިވެރިންގެ ގަޔަށް ކަރުނަ ގޭސް ޖަހައިފި އެވެ. ފުލުހުން ކަރުނަގޭސް ބޭނުން ކުރުމުން މީހުންތައް ފަހަތަށް ޖެހި، ޖަމާވެ ތިބީ ޖުމްހޫރީ މައިދާނުގަ އެވެ. މުޅި ސަރަހައްދަށް ވަނީ ދުންފެތުރިފައި. އެވަގުތު ކޮންމެވެސް އެއްދިމާއަކުން ފުޅިއެއްކަހަލަ އެއްޗެއްވެސް ރޯކޮށްލައިފައިވެ އެވެ. ޗާންދަނީ މަގުގައި އޮތް ޑީއާރްޕީގެ ޕިކަޕުން އަދިވެސް ޝުއޫރުތައް ފާޅު ކުރަމުންދެ އެވެ.
23:24- ޑީއާރްޕީގެ މުޒާހަރާގެ ބައިވެރިން ރުޅައިލީ ދާރުލް އާސާރު ކުރިމަތީގައި ޝީލްޑާއެކު އެތުރިފައިވާ ފުލުހުންގެ ސަފުތަކެވެ. މުޒާހަރާގެ ބައިވެރިން ޗާންދަނީ މަގު ގޮސް މިހާރު ހިނގާފައި ދަތުރު ކުރަމުންދަނީ އިސްލާމީ މަރުކަޒު ކައިރިއަށެވެ. ހުރިހާ އެންމެގެންވެސް މިސްރާބު ހުރީ ޖުމްހޫރީ މައިދާނަށެވެ. ޗާންދަނީ މަގުން ފަރިދީ މަގަށް މުޒާހަރާގެ ބައިވެރިން ޕިކަޕްތަކުގައި ނުކުތީ ވަންވޭއިން އިދިކޮޅަށެވެ. ޖުމްހޫރީ މައިދާނުގައި ގިނަ އަދަދެއްގެ މީހުން މިހާރުވެސް އެބަތިއްބެވެ.
23:18- މުޒާހަރާގެ ބައިވެރިން ލިލީ މަގުންގޮސް ފުލުހުންގެ ސަފުތައް ރޫޅައިލުމަށް ފަހު އިސްލާމީ މަރުޒާ ދިމާއަށް ނުކުންނަނީ. މުޒާހަރާގެ ބައިވެރިންގެ ސަފުތައް ވަނީ ކޮޅުނުފެންނަ ވަރަށް ދިގުލައިފައި ބައެއް މީހުން ފިތި ކުދި ކުދި އަނިޔާތައް އަދިވެސް ލިބެމުން އެބަދޭ. މުޒާހަރާގެ ބައިވެރިން މަސައްކަތްކުރަނީ އެދިމާއިން މުލިއާގެ ކުރިމައްޗަށް ދިއުމަށް
23:16- މުޒާހަރާގެ ބައިވެރިންގެ ގޮވަމުންދަނީ ރައީސް ނަޝީދާއި ކެބިނެޓްގެ އިސްތިއުފާއަށެވެ. މިހާރު މުޒާހަރާގެ ބައިވެރިން ތިބީ ލިލީ މަގުގައެވެ. ފުލުހުން ތަކުރާރުކޮށް ގެންދަނީ އެ ސަރަހައްދު ދޫކޮށް ދިއުމަށް އަންގަމުންނެވެ. ފުލުހުން އެންގުތަކާއެކު މުޒާހަރާގެ ބައިވެރިން ލިލީމަގަށް ނުކުތުމަށް އެ ސަރަހައްދުގައި ތިބި ސަންގެ ނޫސްވެރިން މައުލޫމާތު ދޭ ގޮތުގައި މުޒާހަރާގެ ބައިވެރިން މަސައްކަތް ކުރަމުންދަނީ އެހެން ދިމާއަކުން ނަމަވެސް މުލިއާގެއާ ދިމާއަށް ދެވޭތޯ އެވެ. ނަމަވެސް މުލިއާގެއަށްދާން އޮތް ހުރިހާ މަގެއް ސަލާމަތީ ބާރުތަކުން ވަނީ ބަންދުކޮށްފައެވެ.
22:56- މުޒާހަރާގެ ބައިވެރިން މުލިއާގެ ބައިވެރިން އެސަރަހައްދު ދޫކޮށް ދިއުމަށް އިންޒާރު ކުރަން ފަށައިފި. އެމްޑީޕީގެ ސަޕޯޓަރުން ތިބީ ފުލުހުންނާ އެއްފަޅިއެއްގައި. ފުލުހުން ގޮވަމުންދަނީ އެ ސަރަހައްދުގެ ގޭގޭ ގެ މީހުންނަށް އުނދަގޫވަމުންދާ ކަމަށެވެ. މިހާރު މުޒާހަރާގެ ބައިވެރިން ކުޑަކޮށް ފަހަތަށް ޖެހި ސަލްޓަންޕާކާ ދިމާއަށް މިޝްރާބު ޖަހައިފި
22:53- މުޒާހަރާގެ އިސް ސަފުގައި ހަރަކާތްވާ ޑީއާރްޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުންނާއި ޑިޕިއުޓީ ލީޑަރުން މަސައްކަތް ކުރަމުންދަނީ މުލީއާގެއާ ވީހާވެސް ކައިރިއަށް ދިއުމަށެވެ. މިހާރު މުލިއާގެއާ ދިމާއަށް އެމްޑީޕީގެ ސަޕޯޓަރުންތަކެއް އެއްވަމުން އެބަދެ އެވެ. މިހާތަނަށް ފުލުހުން މުޒާހަރާ ރޫޅައިލުމަށް އެއްވެސް ބާރެއްގެ ބޭނުން ކޮށްފައެއް ނުވެ އެވެ. އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައެއްވެސް ނުވެއެވެ.
22:53- މުޒާހަރާގެ ބައިވެރިންގެ އިތުރުން ބައެއް ފުލުހުންނަށް ވެސް ކޮންމެވެސް ވަރަކަށް އަނިޔާވެއްޖެ އެވެ. މުޒާހަރާގެ ބައިވެރިން މަސައްކަތް ކުރަނީ ފުލުހުންގެ ސަފުތައް ފަހަނަޅައި ކުރިއަރައި މުލިއާގޭ ކުރިމައްޗަށް ދިއުމަށެވެ. އެމީހުން ބުނަމުންދަނީ އެމީހުން ބޭނުން ވަނީ އެމީހުންގެ އަޑު ރައީސުލް ޖުމްހޫރިއްޔާއަށް އިއްވުން ކަމަށާއި ކިތަންމެ ގިނަ ފުލުހުންނެއް ނުކުމެ މަގު ހުރަސް ކުރި ނަމަވެސް ފަހަތަށް ނުޖެހޭނެ ކަމަށެވެ.
22:42- މުޒާހަރާގެ ބައިވެރިން މިވަގުތު މަސައްކަތް ކުރަމުންދަނީ އަލިކިލެގެފާނު މަގުން ގޮސް މުލީއާގެ ކުރިމައްޗަށް ދިއުމަށެވެ. ނަމަވެސް މުލިއާގެއާ ކައިރިއަށް ދެވެން ހުރިހާ މަގެއް ސަލާމަތީ ބާރުތަކުން ވަނީ ބަންދުކޮށްފައި. މުޒާހަރާގައި މީހުން ގިނަވެ މަގުގައި ތާށިވެ ބައެއް މީހުންނަށް ކުދިކުދި އަނިޔާތަވެއްޖެ އެވެ.
22:39- "އުނބަށް ޖެހި ވަޒީރުން" ގެ ނަމުގައި މިރޭ ހެންވޭރުކޮޅުގައި ޑީއާރުޕީން މިރޭ ފެށި އެއްވުން ބޮޑު މުޒާހަރާއަކަށް ބަދަލުވެ މުލިއާގެއާ ދިމާއަށް ހިނގައްޖެ އެވެ. މުޒާހަރާގެ ބައިވެރިން މިވަގުތު ތިބީ މުލިއާގެ ފުރަހުގައި ކަމަށް ވެއެވެ.