12 Apr 2013, 14:28
ވޮޝިންޓަން (އެޕްރީލް 12): އުތުރުކޮރެޔާ އިން ކޮރެޔަން ޕެނިންސިއުލާއާއި އިރުމަތީ އޭޝިޔާގެ ހަމަޖެހުމާއި ސުލްޙަ ނަގާލަން މަސައްކަތްކުރާ ކަމަށްބުނެ އުތުރުކޮރެޔާ މައިތިރިކޮށްދިނުމަށް އެމެރިކާގެ މަސްއޫލުވެރިން ޗައިނާ އަށް ގޮވާލައްވައިފި އެވެ.
ދެކުނު ކޮރެޔާގެ ވެރިރަށް ސޯލް އަށް މިހާރު ވަޑައިގެން އުޅުއްވާ އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯންކެރީއާއި އޭނާގެ ވަފްދުގައި ބައިވެރިވެ ވަޑައިގަންނަވާ އެމެރިކާގެ އެހެން މަސްއޫލުވެރިން ޗައިނާގެ ޒަޢީމުންނަށް ގޮވާލެއްވީ އުތުރުކޮރެޔާ މައިތިރިކުރުމަށް ޓަކައި ޗައިނާގެ ނުފޫޒު ބޭނުންކުރުމަށެވެ. ކެރީއާއި އޭނާގެ ވަފްދުގައި ބައިވެރިވެ ވަޑައިގަންނަވާ އެމެރިކާގެ މަސްއޫލުވެރިން ސޯލްއަށް ކުރެއްވި ދަތުރުފުޅުގައި މަތިންދާބޯޓުގައި ނޫސްވެރިންނަށް ދެއްވި ބަޔާންތަކުގައި ވިދާޅުވީ އުތުރުކޮރެޔާގެ ސުލޫކާ މެދު އެމެރިކާއާއި އެމެރިކާގެ ބައިވެރިން ކަންބޮޑުވާކަމަށާ އުތުރުކޮރެޔާ އިން ހަނގުރާމައިގެ އިންޒާރުތައް ދިނުން ހުއްޓާލަންވެއްޖެ ކަމުގަ އެވެ.
އެމެރިކާގެ މަސްއޫލުވެރިން ވިދާޅުވި ގޮތުގައި އުތުރުކޮރެޔާ އަށް ނުފޫޒެއް ހިންގޭނެ ހަމައެކަނި ގައުމަކީ ޗައިނާ އެވެ. ނަމަވެސް އުތުރަކީ އަމިއްލަ ނަފްސުގެ މައްޗަށް ބަރޯސާވެގެން އުޅޭ ގައުމަކަށްވާތީ ޗައިނާގެ ނުފޫޒު ވެސް އެގައުމުގެ މައްޗަށް މާބޮޑުނޫން ކަމަށް މުހައްލިލުން ދެކެ އެވެ.
އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވަނީ އުތުރުކޮރެޔާއާ އެކު ހަނގުރާމައަކަށް ވަންނަން އެމެރިކާ ބޭނުންނުވާ ކަމަށް ވިދާޅުވެ މިއަދު ބަޔާނެއް ދެއްވާފަ އެވެ. ނަމަވެސް އޮބާމާ ވިދާޅުވީ އެމެރިކާއާއި އެމެރިކާގެ ބައިވެރިން (އެމެރިކާގެ ނުފޫޒުގެ ދާއިރާގައިވާ ޖަޕާނާއި ދެކުނު ކޮރެޔާފަދަ ސެޓަލައިޓް ގައުމުތައް) އުތުރުކޮރެޔާގެ ނުރައްކަލުން ސަލާމަތް ކުރުމުގައި އެމެރިކާއަށް ކުރެވެންހުރި ހުރިހާ ކަމެއް ކުރާނެކަމުގަ އެވެ.
އެމެރިކާގެ ދިފާޢީ ވަޒީރު ޗަކް ހެގްލް އިއްޔެ ވަނީ އުތުރުކޮރެޔާ އިން ކުޅެމުންގެންދަނީ އަލިފާނާ ކަމަށްވިދާޅުވެ އެގައުމަށް އިންޒާރެއް ދެއްވާފަ އެވެ. އުތުރުކޮރެޔާ އިން ވަނީ އެމެރިކާއަށާއި ދެކުނު ކޮރެޔާއަށް ނިއުކްލިޔަރ ހަތިޔާރުން ޙަމަލާދޭންޖެހިދާނެ ކަމުގެ އިންޒާރު ދީފައެވެ. (ނޫސްއެޖެންސީތައް)