ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ހަރަކާތްތެރިވާ ފުލުހުންގެ މެދުގައި ހިއުމަން ރައިޓްސް އަށް އަހުލުވެރިކުރުމުގެ ގޮތުން އެ ދާއިރާ އިން ތަމްރީން ފޯރުކޮށްދޭނެ މުދައްރިބުން ތަމްރީންކުރުމަށް ޓަކައި ޔޫއެން ކޮންސަލްޓަންޓެއްގެ އެހީގައި "ޓްރެއިނިންގް އޮފް ޓްރެއިނާސް އޮން ހިއުމަން ރައިޓްސް އެންޑް އިލެކްޝަން ޓްރެއިނިންގް" ނަމުގައި ފުލުހުންނަށް ހިއުމަންރައިޓްސް ކިޔަވައިދީފި އެވެ.

މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ދެ ހަފްތާގެ މުއްދަތަށް، ކުރިއަށް ގެންދިޔަ އެ ޓްރޭނިންގް ޕްރޮގްރާމްގައި 11 ފުލުހަކު ބައިވެރިވެ ހިއުމަންރައިޓްސް ދަސްކޮށްފަ އެވެ.

އިއްޔެ އިސްކަންދަރުކޮށީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ބޭފުޅުންނަށް ވަނީ ސެޓްފިކެޓް ދީފަ އެވެ. އެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ޕްރޮގްރާމްގެ ބައިވެރިންނަށް ހަނދާނީ ލިޔުން ބައްސަވައި ދެއްވީ އިލެކްޝަން ކޮމިޝަންގެ ރައީސް ފުޢާދު ތަޢުފީޤެވެ.

ޝަރަފްވެރި މެހެމާން ވިދާޅުވީ އެ ޓްރޭނިންގް ޕްރޮގްރާމަކީ ވަރަށް މުހިންމު ޕްރޮގްރާމެއް ކަމަށާއި ރާއްޖޭގައި ފުލުހުންގެ ޚިދުމަތަށް މިހާރު 80 އަހަރު ފުރިފައިވާ އިރު މިވީ ދިގު މުއްދަތުގައި ގިނަ ގޮންޖެހުންތަކާ އެކުވެސް ފުލުހުން ވަނީ ދިވެހި ރައްޔިތުންނަށް ޚިދުމަތް ދީފައިކަމަށެވެ. އަދި ރާއްޖޭގައި 2008 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބާއި 2009 ވަނަ އަހަރު ބޭއްވި ރައްޔިތުން މަޖިލިސް އިންތިޚާބާއި 2011 ވަނަ އަހަރު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބު އަމާން އޮމާން އިންތިޚާބެއްގެ ގޮތުގައި ނިމިގެން ގޮސްފައި ވަނީ ފުލުހުންގެ ފަރާތުން އިލެކްޝަން ކޮމިޝަނަށް ލިބުނު އެއްބާރުލުމާއި އެހީތެރިކަމުގެ ސަބަބުންކަމަށް ފާހަގަކުރައްވަމުން ފުޢާދު ވިދާޅުވީ ކުރިއަށް އޮތް އިންތިޚާބުތަކުގައި ވެސް ކުރިއެކޭ އެއްގޮތަށް ފުލުހުންގެ ފަރާތުން އެއްބާރުލުމާއި އެހީތެރިކަން ލިބެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. މީގެއިތުރުން މި އަހަރުގެ ރިޔާސީ އިންތިޚާބަކީ އިންސާފުވެރި އަމާން އޮމާން އިންތިޚާބަކަށް ހެދުމަށް ޓަކައި ފުލުހުންނާ އެކު މަސައްކަތްކުރުމަށް އިލެކްޝަން ކޮމިޝަން ތައްޔާރަށްއޮތްކަމަށް ވެސް ވިދާޅުވި އެވެ.

އެ ރަސްމިއްޔާތުގައި ޔޫއެންގެ ކޮންސަލްޓެންޓް ޑރ. އޭރީ ބްލޯއިޑް ވިދާޅުވީ އެ ޓްރޭނިންގް ޕްރޮގްރާމަކީ ވަރަށް މުހިންމު ޕްރޮގްރާމެއް ކަމަށެވެ. އަދި ފުލުހުންގެ މުއައްސަސާއަކީ ވަރަށް ޕްރޮފެޝަނަލްކަމާ އެކު މަސައްކަތްކުރަމުންދާ މުއައްސަސާއެއްކަމަށް ވިދާޅުވި އެވެ. އަދި އެ ޓްރޭނިންގް ޕްރޮގްރާމްގެ ތެރެއިން ވެސް އެކަން ވަރަށް ބޮޑަށް ފާހަގަކުރެވިގެން ގޮސްފައިވާ ކަމަށާއި އިންތިޚާބުތަކުގައި ފުލުހުންގެ ދައުރަކީ މުހިންމު ދައުރެއްކަން ފާހަގަކުރައްވަމުން ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބު އަމާންކަމާ އެކު ކުރިއަށް ގެންދިޔުމަށްޓަކައި އިލެކްޝަން ކޮމިޝަނާ ގުޅިގެން ފުލުހުން ކުރަމުންދާ މަސައްކަތަކީ ފާހަގަކޮށްލެވޭ މަސައްކަތެއް ކަމަށެވެ.