"ނިއުކްލިއާ ޓިޕްޑް މިސައިލް" ނުވަތަ ނިއުކްލިއާ ވާހެޑެއް އުފުލުމުގެ ގާބިލްކަން ލިބިފައިވާ މިސައިލް އުތުރު ކޮރެއާގައި ހުރި ކަމަށް ބުނާ ރިޕޯޓުތައް އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓެގަނުން ދޮގުކޮށްފި އެވެ.

ޕެންޓެގަނުން މިކަން ދޮގުކޮށްފައި ވަނީ އެމެރިކާ ގާނޫނު ހަދާ މަޖިލީހުގެ ތިރީގެ ކަމަށްވާ ކޮންގްރެސްގެ މެމްބަރަކު ލީކުކޮށްލާފައިވާ އެމެރިކާގެ ޑިފެންސް އިންޓެލިޖެންސް އެޖެންސީ (ޑީއައިއޭ)ގެ ރިޕޯޓެއްގައި އުތުރު ކޮރެއާ އަށް ނިއުކްލިއާ މިސައިލެއް ފޮނުވާލުމުގެ ގާބިލްކަން ލިބިފައިވާ ކަމަށް ބުނެފައި ވާތީ އެވެ. މިރިޕޯޓުގައި ބުނެފައި ވަނީ ނިއުކްލިއާ މިސައިލެއް އުދުއްސާލުމުގެ ގާބިލުކަން އުތުރު ކޮރެއާ އަށް ލިބިފައިވާ ނަމަވެސް، މިސައިލްގެ އަމާޒަށް ވާސިލްވުމުގެ ގާބިލްކަމާ މެދު ސުވާލު އުފެދޭ ކަމަށެވެ.

ޕެންޓަގަންގެ ތަރުޖަމާނަކު ބުނީ އުތުރު ކޮރެއާ އިން ނިއުކްލިއާ ވާހެޑެއް އުފުލުމުގެ ގާބިލްކަން ލިބިފައިވާ މިސައިލެއް އުފައްދާ، ކާމިޔާބުކަމާ އެކު ޓެސްޓްކޮށްފައިވާ ކަމަށް ބުނުމަކީ ސައްހަ ބުނުމެއް ނޫން ކަމަށާއި އެފަދަ ގާބިލްކަމެއް އުތުރު ކޮރެއާ އަށް ލިބިގެން ނުވާ ކަމަށެވެ.

މިރިޕޯޓުގެ ކުރިން ޕެންޓަގަނުން ވެސް އަދި ކަމާ ބެހޭ ތަޖުރިބާކާރުން ވެސް ބުނެފައި ވަނީ އުތުރު ކޮރެއާ އިން ނިއުކްލިއާ ޓެސްޓުތަކެއް ކާމިޔާބުކަމާ އެކު ހަދާފައިވާ ނަމަވެސް، ބެލިސްޓިކް މިސައިލެއްގެ ތެރެއަށް ލެވޭ ވަރުގެ ކުޑަ ވާހެޑެއް ހެދުމުގެ މިހާތަނަށް އުތުރު ކޮރެއާއަށް ނާކާމިޔާބީއާ ކުރިމަތިވެފައިވާ ކަމަށެވެ.

އުތުރު ކޮރެއާ އިން އިތުރު މިސައިލް ޓެސްޓުތަކެއް ކުރަން އުޅޭ ކަމުގެ ހަބަރުތައް ފެތުރިފައިވާ އިރު، އުތުރު ކޮރެއާގެ އިރުމަތީ އައްސޭރި ފަށަށް އެގައުމުން ވަނީ ދެ މުސުޑާން ބެލިސްޓިކް މިސައިލް ޑިޕްލޯއިކޮށްފަ އެވެ. މިމިސައިލްތަކަކީ 4،000 ކިލޯ މީޓަރަށް ދަތުރުކުރުމުގެ ގާބިލްކަން ލިބިގެންވާ މިސައިލްތަކެއް ކަމުން އެމެރިކާ އިން އަސްކަރީ މަރުކަޒެއް ބިނާކޮށްފައިވާ ޕެސިފިކްގެ ޖަޒީރާ ކަމަށްވާ ގުއާމްއަށް އަމާޒުކޮށް ހަމަލާއެއް ދެވޭނެ ކަމަށް އުތުރު ކޮރެއާއިން ބުނެ އެވެ.