12 Apr 2013, 10:09
ޤާނޫނު އަސާސީ އަށް ބައެއް ބަދަލުގެންނަން އެބަޖެހޭ ކަމަށާއި އަދި މިހާރު ޢަމަލުކުރަމުންދާ ގާނޫނު އަސާސީގެ ދަށުން ހެދޭ ޤާނޫނުތައް ހަދާ އިރު، އަޅުގަނޑުމެންނަށް ހެޔޮވަރު ގާނޫނުތަކެއް ހަދަން ވިސްނަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު ވަޙީދު ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އެމަނިކުފާނު ރ. އަތޮޅުގެ ބައެއް ރަށްރަށަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި އެ އަތޮޅު ވާދުއަށް ވަޑައިގެން، ވާދޫ ރައްޔިތުންނާ އިއްޔެ ހަވީރު ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތުގައި އެ ގާނޫނުތަކަކީ އަޅުގަނޑުމެންގެ މާލީ ޙާލަތު ތަންދޭގޮތަށް، އާދަކާދަތައް ތަންދޭގޮތަށް އަދި އަޅުގަނޑުމެންގެ މުސްތަޤްބަލަށް ޓަކައި ކުރާ އުންމީދުތަކަށް ތަންދޭ ޤާނޫނުތަކަކަށްވާން ޖެހޭނެ އެވެ.
މިހާރު ޢަމަލުކުރަމުންދާ ގާނޫނު އަސާސީގެ ދަށުން މަސައްކަތް ކުރަމުންދާ އިރު، އެއްފަރާތަކުން ކުރާ މަސައްކަތަކުން އަނެއް ފަރާތަށް ވަރަށްބޮޑަށް އަސަރުކޮށް، އެދޭތެރޭގައި ހަމަނުޖެހުން އުފެދޭގޮތް ދިމާވަމުންދާކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ. މިރޮނގުން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން، އެމަނިކުފާނު ކުރައްވަން ޖެހޭ ކަންކަން ކުރައްވާ އިރު، އެކަންކަން ނުކުރެވޭ ގޮތަށް އެހެން ބަޔަކު ކަންތައްތައް ކުރަން އުޅުމަކީ، އެއީ ވަކިމީހަކަށް އަމާޒުކޮށްގެން ކުރެވޭ ކަމަކަށް ވެގެން ނުވާނެ ކަމުގައި ވިދާޅުވި އެވެ. އަދި މުޅި ނިޒާމް ފުރިހަމަވާނީ ގާނޫނު އަސާސީގައި އެ މަޤާމަކަށް ދެވިފައިވާ ބާރާއި އިޙްތިރާމާއި، އަދާކުރަންޖެހޭ މަސްއޫލިއްޔަތު ފުރިހަމަ އަށް އަދާކުރެވިގެންކަން ރައީސުލްޖުމްހޫރިއްޔާ ބަޔާންކުރެއްވި އެވެ.
ގާނޫނު އަސާސީގައި ބަޔާންވެފައިވާ ބާރުތައް، އެކިފަރާތްފަރާތަށް ދެވިފައި ވަނީ، އެކިވަރަށް ކަމަށާއި އެކަންކަން އެގޮތަށް ކުރުމަށް އެކިއެކި މުއައްސަސާތަކަށް އަޅުގަނޑުމެން ތަންދޭން ޖެހޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. އަދި ގާނޫނު އަސާސީއާ ގުޅޭގޮތުން މައްސަލައެއް އުފެދިއްޖެ ނަމަ، މައްސަލައިގައި ނިންމަން ޖެހޭ އެންމެފަހުގެ ނިންމުން ނިންމަނީ، ސުޕްރީމް ކޯޓުން ކަމަށާއި އެތަނުން ނިންމާ ނިންމުމަކީ އެންމެފަހުގެ ނިންމުން ކަމަށާއި އެނިންމުމަށް އަޅުގަނޑުމެން އިޙްތިރާމް ކުރަންޖެހޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. އެހެން ނަމަވެސް، އެ ނިންމުން ގަބޫލުނުކޮށް، އެކަން ކުރަންވާނީ އެހެން ގޮތަކަށް ކަމަށް ބުނަމުން ގެންދާނަމަ، ގާނޫނު އަސާސީ ހިންގަންވާ ގޮތަކަށް ނުހިންގޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ގައުމުގެ ޞުލްޙަމަސަލަސްކަމާއި މަޞްލަޙަތު، މާ މުހިންމު ކަމަށާއި އަޅުގަނޑުމެންގެ ޢިއްޒަތާއި އަމިއްލަ ނަފްސަށް ވުރެވެސް އަޅުގަނޑުމެންގެ ޤައުމު މާ މުހިންމު ކަމުގައި ވިދާޅުވި އެވެ. އެހެންވީމާ، އެކިކަންކަމުގައި ދޫކުރަންޖެހޭނެ ކަމަށާއި ރަށްރަށުގެ ފެންވަރުގައި ވެސް މި އުޞޫލުން ކަންކަން ކުރަން ޖެހޭނެ ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ. އަދި އަޅުގަނޑުމެން ބޭނުން ސްޕީޑެއްގައި، އަވަސް ދުވެއްޔެއްގައި ތަރައްޤީގެ ކަންކަން މުޅިން ނުކުރެވުނު ކަމުގައި ވީނަމަވެސް، ސިޔާސީ ބަދަލުތައް ޤައުމަށް އަންނަމުންދާއިރު، އެންމެ މުހިންމު ކަމަކީ، ގައުމުގައި ހަމަޖެހުމާއި އަމަންއަމާންކަމާއި ސަލާމަތްކަން އޮތުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.