އުމަރު ނަސީރަކީ ކޮންބޭފުޅެއްކަން ރައްޔިތުންނަށް އެނގިގެން ދިޔައީ އޭނާ އިސްވެ ހުންނަވައި އިސްލާމިކް ޑިމޮކްރެޓިކް ޕާޓީގެ ނަމުގައި ޕާޓީއެއް އުފައްދަވައި ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާން ފެށި ހިސާބުންނެވެ.

ރާއްޖެ އަށް ހެޔޮބަދަލުތަކެއް ގެނެސްދެއްވާނެ ކަމަށް ވިދާޅުވެ، ގައުމުގައި ހިނގަމުންދާ ކަންތައްތަކުގެ ތެރެއިން ގޯސްކޮށް ހިނގަމުންދާ ކަންތައްތައް ރަނގަޅު ކުރުމަށް ގޮވާލައި 2008 ވަނަ އަހަރުގެ ތެރޭގައި އޭނާ މާލޭގެ އެކި ހިސާބުތަކުގައި މުޒާހަރާކޮށް ޝުއޫރު ފާޅުކޮށްފައިވެ އެވެ.

އޭގެ ފަހުން އުމަރު ވިދާޅުވެފައި ވަނީ ރާއްޖެ އަށް ކުރިމަތިވެފައިވާ މަސްތުވާތަކެތީގެ ވަބާއިން ގައުމު ސަލާމަތް ކުރުމާއި ބޯހިޔާ ވަހިކަމުގެ މައްސަލަ އަށް ދާއިމީ ހައްލެއް ގެނެވޭނީ އޭނާ ތާއީދު ކުރައްވާ ސިޔާސަތުތައް ތަންފީޒު ކުރެވިގެން ކަމަށެވެ. އެގޮތަށް އެކަންކަން ކުރެވޭނީ އޭނާ އަށް އެފަދަ ތަންފީޒެއް ބާރެއް ލިބިގެން ކަމުން އެ ބަދަލުތައް ގެނައުމަށް ޓަކައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމު ލިބިވަޑައިގަތުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށް ވިދާޅުވެ ރައީސް ކަމަށް ކެންޕޭން ކުރައްވާން ފެއްޓެވި އެވެ.

ކެންޕޭންގައި ރާއްޖޭގެ އެކިއެކި ރަށްތަކަށް ދަތުރު ކުރައްވައި އުމަރު ވިދާޅުވެފައި ވަނީ އިސްލާމީ ޝަރީއަތް ރާއްޖޭގައި ގާއިމް ކުރައްވާނެ ކަމަށެވެ. މަސްތުވާތަކެތި ރާއްޖެ އަށް އެތެރެކޮށް ފުޅާދާއިރާއެއްގައި އެތަކެތީގެ ވިޔަފާރި ކުރަމުންގެންދާ ފަރާތްތަކަށް ހަރުށި އަދަބު ދެއްވާނެ ކަމަށް ވެސް އުމަރު ގެންދެވީ ވިދާޅުވަމުންނެވެ. ހަމައެހެންމެ މާލޭގައި މީހުން ތޮއްޖެހިފައިވާ މައްސަލަ އަށް އޮތް ހައްލަކީ ރާއްޖޭގެ ހަތް ސަރަހައްދެއްގައި މާލެ ފެންވަރުގެ ސިޓީތަކެއް ގާއިމް ކޮށްގެން ކަމަށާއި އޭނާގެ ވެރިކަމެއްގައި އެކަން ކޮށްދެއްވާނެ ކަމަށް ވެސް އުމަރު ގެންދެވީ ވިދާޅުވަމުންނެވެ.

ރާއްޖެ އަށް ދިމާވެފައިވާ ބޮޑެތި މައްސަލަތައް ހައްލު ކޮށްދެއްވާނެ ކަމަށް ވިދާޅުވެ ރާއްޖޭގެ ރައީސްކަމާ ހަވާލުވުމަށް އުމަރު ކުރެއްވި މަސައްކަތުގެ ނަތީޖާ އެނގިގެން ދިޔައީ ރިޔާސީ އިންތިޚާބުގެ ނަތީޖާ އިއުލާން ކުރި ހިސާބުންނެވެ. އުމަރަށް ޖެހިވަޑައިގަތީ ރިޔާސީ އިންތިޚާބުގައި ނާކާމިޔާބީއާ ކުރިމަތިލައްވާށެވެ.

ރިޔާސީ އިންތިޚާބުގެ ނާކާމިޔާބީއަށް ފަހު ފެނިގެން ދިޔައީ އޭނާ އުފެއްދެވި އައިޑީޕީ އުވާލުމަށް މަސައްކަތްތަކެއް ކުރެއްވުމަށް ފަހު އުމަރު ޑީއާރްޕީއާ ގުޅިވަޑައިގެންނެވި ތަނެވެ. ޑީއާރްޕީގައި އުޅުއްވި އިރު އޭނާ ގެންދެވީ އެ ޕާޓީގެ ތެރޭގައި ޑިމޮކްރެޓިކް އުސޫލާ ޚިލާފަށް ހިނގާ ކަމަށް އޭނާ އަށް ގަބޫލުކުރެވޭ ކަންކަމާ ދެކޮޅަށް އިހްތިޖާޖު ކުރައްވަމުންނެވެ. އެގޮތުން ރިޔާސީ ޓިކެޓް ދޭންވާނީ ޕްރައިމަރީ ކާމިޔާބު ކުރައްވާ ބޭފުޅަކަށްކަމަށް ވިދާޅުވެ ފުޅާދާއިރާއެއްގައި އޭނާ ގެންދެވީ އިހްތިޖާޖު ކުރައްވަމުންނެވެ.

އުމަރު އޭރު އަމަލު ކުރެއްވި ގޮތާ މެދު ޑީއާރްޕީގެ ލީޑަރުގެ ޓީމުން ހިތްހަމައެއް ނުޖެހުނެވެ. އެއާ އެކު ފެނިގެންދިޔައީ ދެފަރާތުގެ ބަހުގެ ހަމަލާތަކާ އެކު ޕާޓީން އުމަރު ވަކިކުރެއްވި ތަނެވެ.

އޭގެ ފަހުން ރައީސް މައުމޫން އިސްވެ ހުންނަވައި ޕީޕީއެމް އުފެއްދެވި އިރު އެކަމުގައި ވެސް އުމަރު އިސްކޮށް ހަރަކާތްތެރިވެފައިވެ އެވެ. ޕްރައިމަރީ ކާމިޔާބު ކުރައްވާ ބޭފުޅަކަށް ރިޔާސީ ޓިކެޓް ދޭ ގޮތަށް ޕީޕީއެމްގެ ގައުމީ ޖަލްސާގައި ފާސްކުރުމާ އެކު އުމަރު ވަނީ ކެމްޕޭން ފަށާފަ އެވެ.

ރާއްޖޭގެ ވެރިކަން ލިބިވަޑައިގެންފި ނަމަ ރާއްޖެ އަމާން ތަނަކަށް ހައްދަވައި އިސްލާމީ ޝަރީއަތާ އެއްގޮތަށް ހުކުމް ތަންފީޒު ކުރައްވާނެ ކަމަށް ވިދާޅުވެ ފޯރިއާ އެކު އުމަރުގެ ކެމްޕޭން ކުރިއަށް ދިޔައިރު ރައީސް މައުމޫންގެ ކޮއްކޯފުޅު އަބްދުﷲ ޔާމީން ވެސް ގެންދެވީ އޭނާ އަށް ވެރިކަން ލިބިވަޑައިގެންފި ނަމަ ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ހޯއްދަވައި ދެއްވުމުގެ އިތުރުން ރާއްޖޭގެ އިގްތިސޯދު ހަރުދަނާ ކުރާނެ ކަމަށް ވިދާޅުވެ ކެމްޕޭން ފައްޓަވައިފަ އެވެ.

ފޯރިގަދަ ކަމާ އެކު ކެންޕޭން ކުރިއަށް ދަނިކޮށް ޕްރައިމަރީ ބާއްވާ ތާރީޚު ކައިރިވި ވަރަކަށް ފެނިގެންދިޔައީ ދެ ބޭފުޅުން ވެސް ބަހުގެ ހަމަލާތައް ދެމުން ގެންދިޔަ މަންޒަރެވެ. ޚާއްސަކޮށް އުމަރާއި އޭނާގެ ޓީމުން ޔާމީނަށް އަމާޒުކޮށް ދެމުންގެން ދިޔަ ބަހުގެ ހަމަލާތައް ދިޔައީ ދުވަހެއް ދުވަހަކަށް އިތުވަމުންނެވެ. މިފަހަރުގެ އިންތިޚާބުގައި އުމަރަށް ނާކާމިޔާބު ވިޔަސް 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ލިބުނު ވޯޓަށް ވުރެ ގިނަ ވޯޓު ލިބުނުކަން ފާހަގަ ކުރެވެ އެވެ.

އިންތިޚާބުގެ ނާކާމިޔާބީއާ އެކު މެންބަރުންނާ ބައްދަލުކުރެއްވުމަށް އުމަރު ނަސީރު ޖަލްސާއެއް ބާއްވަން އުޅުމުން އެ ޖަލްސާ ނުބޭއްވުމަށް އެޕާޓީގެ ރައީސް މައުމޫން އަންގަވާފައި ވަނިކޮށް އުމަރު ވަނީ ޖަލްސާ ބާއްވައި އިންތިޚާބުގައި މަކަރު ހަދާފައިވާ ކަމަށް ތުހުމަތުތަކެއް ކުރައްވާފަ އެވެ. އެ ޖަލްސާ ބޭއްވިތާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި ފެނިގެންދިޔައީ ޔާމީންގެ މެޖޯރިޓީ އޮންނަ ޕީޕީއެމްގެ ކައުންސިލުން، އުމަރު ބޭއްވި ޖަލްސާގައި އޭނާ ސާބިތު ނުހިފޭ ވާހަކަތެއް ދައްކަވާފައިވާ ކަމަށް ބުނެ އެކަމަށް މައާފަށް އެދުމަށް މުހުލަތެއް ދިން ތަނެވެ.

ކައުންސިލްގެ އެނިންމުމާ ގުޅޭ ގޮތުން އުމަރު ވިދާޅުވެފައި ވަނީ މާފަށް އެދެންޖެހޭނީ ޕްރައިމަރީގައި މަކަރު ހަދައި އޮޅުވާލި މީހުން ކަމަށާއި އޭނާ މައާފަށް އެދެން ނުޖެހޭނެ ކަމަށެވެ. ނަވެސް ޔަމީން އަށް ތާއީދު ކުރައްވާ ބޭފުޅުން ވިދާޅުވަމުން ގެންދަވަނީ މައާފަށް ނޭދިއްޖެ ނަމަ އުމަރުގެ މައްސަލަ ޕާޓީގެ ޑިސިޕްލިނަރީ ކޮމެޓީ އަށް ފޮނުވާނެ ކަމަށެވެ.

ޕީޕީއެމްގެ ތެރޭގައި މިފަދައިން ކަންތައްވަމުންދާ އިރު އުމަރަށް އިތުރަށް އެ ޕާޓީގައި ހުރެވިދާނެ ކަމާ މެދު މިހާރު މިވަނީ ސުވާލު އުފެދެން ފަށަފަ އެވެ.

ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ނާއިބް ލީޑަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވި ގޮތުގައި ކޮންމެ މީހަކަށް ވެސް ޕާޓީގައި ހުރެވޭނީ ހަމަޖެހިފައިވާ އުސޫލުތަކަށް ބޯލަނބައިގެ ކަމަށާއި އުމަރު ޕާޓީގެ އަސާސީ ގަވާއިދާ ޚިލާފަށް އަމަލުކުރަމުން ގެންދާ ނަމަ ޕާޓީގެ ސުލޫކު ކޮމެޓީ އަށް ފޮނުވައި ހަމަޖެހިފައިވާ އުސޫލުން އޭނާއާ މެދު ފިޔަވަޅު އަޅާނެއެވެ.

"ކޮންމެ މީހަކަށް ވެސް ޕާޓީގައި އުޅެވޭނީ ހަމަޖެހިފައިވާ އުސޫލުތަކާ އެއްގޮތަށް އަމަލުތައް ބަހައްޓައިގެން. އުމަރު ނަސީރު ޕާޓީގެ އަސާސީ ގަވާއިދާ ޚިލާފަށް އަމަލު ކުރާ ނަމަ ސުލޫކު ކޮމެޓީ އަށް ފޮނުވައި އަސާސީ ގަވާއިދުގައިވާ ގޮތުގެމަތިން ފިޔަވަޅުއެޅޭނެ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ޕްރައިމަރީއަށް ފަހު އުމަރު ބޭއްވި ޖަލްސާގައި، އިންތިޚާބުގައި އޮޅުވާލުމާއި މަކަރު ހަދާފައިވާ ކަމުގެ ތުހުމަތަކެއް ކޮށް ޔާމީނާ އެކު ކޮރަޕްޓް ބޭފުޅުންނާއި މަސްތުވާތަކެތީގެ ކުށުގެ ރެކޯޑު އޮންނަ މީހުން ތިބި ކަމަށް ވިދާޅުވެ އުމަރު ވާހަކަ ދެއްކެވި ފަހުން ޕީޕީއެމްގެ ރައީސް މައުމޫން ވެސް އޭނާއާ މެދު ދެކޭގޮތް ތަފާތުވެފައިވާ ކަމަށް ފެންނަ މަންޒަރުތަކުން އެނގެ އެވެ.

އުމަރު ދައްކަވާ ވާހަކަތަކަށް މިފަހަކަށް އައިސް މައުމޫން ވެސް ރައްދުދެއްވާ ތަން ފެނިގެން ދެ އެވެ.

އުމަރަށް އިޝާރާތްކުރައްވައި ދާދިފަހުން މައުމޫން ވިދާޅުވެފައި ވަނީ ޕާޓީގެ މެމްބަރުން އަމަލު ކުރަން ޖެހޭނީ ޕާޓީގެ އަސާސީ ގަވާއިދާ އެއްގޮތަށް ކަމަށާއި އެ ގޮތް ގަބޫލު ނުކުރައްވާ ކޮންމެ މީހަކަށް ވެސް ޕާޓީން ވަކިވުމުގެ ހައްގު ލިބިގެންވާ ކަމަށެވެ.

އުމަރުގެ ކެންޕޭން މެނޭޖަރުގެ ގޮތުގައި ހަރަކާތްތެރިވި ޕީޕީއެމްގެ ކައުންސިލް މެންބަރު އަހްމަދު ސަލީމް (މާޒް ސަލީމް) ވިދާޅުވި ގޮތުގައި އުމަރު ޕީޕީއެމް ދޫކޮށްފައި ދާން ޖެހޭ އެއްވެސް ސަބަބެއް ނެތެވެ. "އަމާންކަމާއި އަމާނާތްތެރިކަމުގެ" ޝިއާރުގެ ދަށުން ގައުމަށް ޓަކައި މަސައްކަތް ކުރުމުގައި އަބަދުވެސް އުމަރު ހުންނަވާނީ ޕީޕީއެމްގައި ކަމަށް އޭނާ ވިދާޅުވެ އެވެ.

"އަމާންކަމާއި އަމާނާތްތެރިކަން މިއީ ވަކި މީހަކަށް ކޮށްދޭ ކަމެއް ނޫން. މިއީ މި ގައުމަށް ކޮށްދޭ ކަމެއް. އުމަރު ނަސީރު އަބަދު ވަސް ހުންނާނީ އެ ސްލޯގަންގެ ދަށުގައި މަސައްކަތް ކުރެއްވުމަށް. އުމަރު ނަސީރު ޕީޕީއެމުން ވަކިވާން ޖެހޭ އެއްވެސް ސަބަބެއް ނެތް. އުމަރު ވެސް އެ އޮތީ ވިދާޅުވެފައި ނޫންތޯ ޕާޓީ ދޫކުރައްވާފައި ނުދާނެ ކަމަށް،" މާޒް ސަލީމް ވިދާޅުވި އެވެ.

ކަންތައް މިހެން ހުރުމުން އުމަރަށް ދެން ވާނެ ގޮތެއް އެނގޭނީ ސުލޫކީ ކޮމިޓީގެ ނިންމުން ފައިނަލް ކުރުމުންނެވެ. ކޮމެޓީގެ ނިންމުން އުމަރަށް ނާމިޔާބު ވިޔަސް އެއް އިންތިހާބުން އަނެއް އިންތިހާބަށް އުމަރު ނަތީޖާ ރަނގަޅު ކުރަމުންދާ ނަމަ އުމަރުގެ ކުރިމަގު އެހައި ބަނައެކޭ ހަމަ ގައިމު ވެސް ނުބުނެވޭނެ އެވެ.